އިސްރާއީލަށް ޖާސޫސް ކޮށްދިން ކުށުގައި އީރާނުގައި މީހަކަށް މަރުގެ އަދަބު ދީފިއެވެ.
ޖޫން މަހު އިސްރާއީލާ އެކު ހިނގި 12 ދުވަހުގެ ހަނގުރާމައިގައި، އިސްރާއީލުން ހަމަލާދީ މަރާލި އީރާނުގެ ނިއުކްލިއަރ ސައިންޓިސްޓެއްގެ މައުލޫމާތު އިސްރާއީލަށް ހިއްސާ ކޮށްފައިވާ ކަމަށް ޝަރުޢީ ދާއިރާ އިން ބުނެފައިވެއެވެ.
އީރާނުގެ ޝަރުޢީ ދާއިރާގެ މީޒާން އޮންލައިން ވެބްސައިޓުން ބުނެފައި ވަނީ އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރެވުނީ ޝަރުއީ ހުރިހާ މަރުހަލާ އެއް ނިމި ސުޕްރީމް ކޯޓުން ވެސް ހުއްދަ ލިިބިގެން ކަމުގައެވެ.
އޭނާ މަރާލާފައި ވަނީ ދަންޖައްސައިގެން ކަމަށް ވެސް ބުނެފައި ވެއެވެ.
އޭނާ ހައްޔަރު ކުރެވުނީ ނުވަތަ ޙުކުމް ކުރެވުނީ ކޮން އިރަކުކަން ކަމެއް ސާފެއް ނުވެއެވެ.
ރޫޒްބެހް ވަދީ ނަމަކަށް ކިޔާ މި މީހާ އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުން ރެކްރޫޓް ކުރީ އޮންލައިކޮށް ކަމަށާއި އަދި އޭނާ ވަނީ ސިއްރު މައުލޫމާތު ތަކެއް އިސްރާއީލުގެ ޖާސޫސީ އިދާރާ އަށް ފޯރުކޮށްދީފައި ކަމަށް މީޒާން ނޫހުގައި ވެއެވެ.
ޖޫން މަހުގެ މެދުތެރޭގައި، އިސްރާއީލް އާ އީރާން އާ ދެމެދު ވަނީ ވަރުގަދަ ހަނގުރާމަ އެއް ހިނގާފައެވެ. މިހާތަނަށް ދެ ގައުމުގެ ދެމެދުގައި މިފަދަ ބާރުގަދަ ހަމަލާތަކެއް ފެނިފައި ނުވާ ކަމަށް ރިޕޯޓުއް ބުނެއެވެ. އިރާނާ ދެކޮޅަށް އިސްރާއީލުން ބޮން އަޅަމުން ދިޔަ އިރު އޭގެ ޖަވާބުގައި އިރާނުން މިސައިލްތަކާއި ޑްރޯނު ބޭނުން ކޮށްގެން އީރާނުން ހަމަލާތައް ދިނެވެ.
އިސްރާއީލުގެ ހަމަލާތަކުގައި އިސް އަސްކަރީ ވެރިންނާއި، ނިއުކްލިއަރ ސައިންޓިސްޓުންނާއި، އެތައް ސަތޭކަ ބަޔަކު މަރާލައި، އަސްކަރީ ތަންތަނާއި މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ހަމަލާދީފައިވެއެވެ.
ލޯކަލް މީޑިއިން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 12 ނިއުކްލިއަރ ސައިންޓިސްޓުން މަރުވެފައިވެއެވެ.
ހަނގުރާމައަށް ފަހު އިރާނުން ގެންދަނީ އިސްރާއީލަށް ވާގިވެރިވީ ކަމަށް ތުހުމަތު ކުރެވޭ މީހުން އަތުލައިގަނެ އެމީހުންގެ މައްޗަށް ޝަރީއަތް ހިންގުން އަވަސް ކުރަމުންނެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނާ ގޮތުގައި ޗައިނާ އަށް ފަހު އެންމެ ގިނަ އިން މަރުގެ އަދަބުދޭ ގައުމަކީ އީރާން އެވެ.