ޖަރުމަނުގެ އާރުބީ ލައިޕްޒިގަށް ކުޅެމުން އަންނަ ސްލޮވޭނިއާގެ ބެންޖަމިން ސެސްކޯ، މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
އުމުރުން 22 އަހަރުގެ ސެސްކޯ ލައިޕްޒިގަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ ވެސް 2028 ވަނަ އަހަރު އެވެ. ލައިޕްޒިގާ އެކު ސެސްކޯ ސޮއި ކޮށްފައިވާ އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮތް ނަމަވެސް، އޭނާ ހޯދުމަށް ކުލަބުތަކުން ޝައުޤުވެރިކަން ގެންގުޅެ އެވެ.
ސެސްކޯ ހޯދުމަށް ޔުނައިޓެޑުގެ އިތުރުން، ނިއުކާސަލް ޔުނައިޓެޑުން ވެސް މަސައްކަތް ކުރި އެވެ. އެގޮތުން ސެސްކޯ ހޯދުމަށް ނިއުކާސަލް އިން ވަނީ 90 މިލިއަން ޔޫރޯގެ ބިޑެއް ވެސް ހުށަހަޅައިފަ އެވެ.
ނަމަވެސް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ސެސްކޯ ބޭނުން ވަނީ ޔުނައިޓެޑަށް ބަދަލުވުމަށެވެ. އެގޮތުން އޭނާ ހޯދުމަށް ޔުނައިޓެޑުން ކުރި މަސައްކަތުގައި، ސެސްކޯ ވަނީ ޔުނައިޓެޑާ އެކު އެއްބަސްވުމަކަށް އައިސްފައި ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ. އެގޮތުން ޔުނައިޓެޑުން ވަނީ ސެެސްކޯ ހޯދުމަށް 85 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅާފައި ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.
ޔުނައިޓެޑުން ސެސްކޯ އަށް ހުށަހަޅާފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން ސެސްކޯ ޔުނައިޓެޑަށް ބަދަލުވެއްޖެ ނަމަ، 2030 ވަނަ އަހަރާ ހަމައަށް އޭނާ އެ ކުލަބުގައި ހުންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ލައިޕްޒިގް ދޫކޮށްލުމަށް ފަހު، ސެެސްކޯ ބަދަލުވާން މީގެ ކުރިން ވެސް ބޭނުންވީ ޔުނައިޓެޑަށް ކަމަށް ފާހަގަ ކޮށްފައިވެ އެވެ.
ޔުނައިޓެޑުން ސެސްކޯ ހޯދުމަށް މަސައްކަތް ކުރަނީ ކުރިއަށް އޮތް ސީޒަނަށް އެ ޓީމުގެ ސްކޮޑު ވަރުގަދަ ކުރުމުގެ ގޮތުންނެވެ. ޚާއްސަކޮށް ޔުނައިޓެޑުގެ ސްކޮޑު ވަރު ގަދަ ކުރުމަށް، އެ ޓީމުގެ ކޯޗު ރުބެން އަމޯރިމް ބޭނުންވާ ކުޅުންތެރިން ހޯދުމަށް ޔުނައިޓެޑުން އަދި ވެސް މަސައްކަތް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ސެސްކޯ ވަނީ މިހާތަނަށް ލައިޕްޒިގްގައި ހޭދަ ކުރި ދެ ސީޒަންގެ ތެރޭގައި އެ ޓީމަށް 87 މެޗު ކުޅެދީ 39 ލަނޑު ޖަހައިފަ އެވެ. އެންމެ ފަހުން ނިމުނު ސީޒަންގައި އޭނާ 21 ލަނޑު ޖެހިއިރު، އޭގެ ތެރެއިން 13 ލަނޑަކީ ޖަރުމަނު ލީގުގައި އޭނާ ޖަހާފައިވާ ލަނޑުތަކެވެ. ލައިޕްޒިގާ އެކު 2023 ވަނަ އަހަރު އޭނާ ވަނީ ޖަރުމަނު ސުޕަ ކަޕް ކާމިޔާބު ވެސް ކޮށްފަ އެވެ.