ޑޮލަރުގެ ބްލެކް މާރކެޓް އުފެއްދީ ސެންޓްރަލް ބޭންކް ވެސް ބައިވެރިވެގެން ކަމަށާއި މާލީ ނިޒާމް ބެލެހެއްޓުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ޒިންމާ އެއް ނުނެގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު މަޖިލީހުގައި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ވާހަކަދައްކަވަމުންނެވެ.
އެ އިސްލާހަކީ ސެންޓްރަލް ބެންކުން ކުންފުނި ހަދައިގެން ވިޔަފާރިކުރުމަށް ފުރުސަތު ހުޅުވާދޭ އިސްލާހުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. ސެންޓްރަލް ބޭންކަކީ ރާއްޖޭގެ މާލީ ނިޒާމް ބަލަހައްޓަން ޖެހޭ ފަރާތްކަމަށް ވެސް ޣަފޫރު ވިދާޅުވިއެވެ. ސެންޓްރަލް ބޭންކުން ކުންފުނި ހެދުމަކީ ރައްޔިތުންނަށް ފައިދާ ވާނެ ކަމެއް ނޫން ކަމަށް ޣަފޫރު ވަނީ ވިދާޅުވެފައެވެ. ސެންޓްރަލް ބޭންކުން ވިޔަފާރި ކުރަން ނުކުތުމުން، މާލީ ނިޒާމް ބެލެހެއްޓުމުގެ އުފުލާނީ ކޮން ބައެއްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
މިކަން ނުކޮށް ސެންޓްރަލް ބެންކުން ކުރަން ޖެހޭ އެތައް ކަމެއް އެބަހުރި. ފުރަތަމަ ސެންޓްރަލް ބެންކުން ބިރެއް ނެތި އާއްމުންނާއި ކުރިމަތިލާންވީ. މިޒަމާނަށް ފެށޭ ސެންޓްރަލް ބެންކެއް ރާއްޖެ އަކު ނެތް އިއްޒަތްތެރި ރައީސް. ހުޅުމާލޭގައި ބިންތައް ގަނެ އިމާރާތްކޮށް ވިއްކުމެއް ނޫން މިއަދު ސެންޓްރަލް ބޭންކުން ކުރަންވީ ކަންކަމަކީ. ޑޮލަރުގެ ބްލެކް މާކެޓް އުފެއްދީ ސެންޓްރަލް ބޭންކް ވެސް ބައިވެރިވެގެން. މިހެން ބުނަން ޖެހެނީ އެއްވެސް މީހަކަށް އެޅުނު ފިޔަވަޅެއް ނެތް.
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ![]()
މާލީ ނިޒާމްގެ ކަންކަން ބެލެހެއްޓުމަކީ އެމްއެމްއޭގެ ޒިންމާ އެއް ކަމަށާއި ޤާނޫނީ ބާރުވެރިކަން އެ ބޭންކަށް ދިނުމުގެ ބޭނުމަކީ ވެސް އެއީ ކަމަށް ޣަފޫރު ވަނީ ވިދާޅުވެފައެވެ. ބޭންކްތަކުން ބޮޑު ފައިދާ އެއް ނަގަމުންދާ އިރު ރައްޔިތުންނަށް ބޭނުންވާ ލޯނު ފަދަ ކަންކަން ފުރިހަމަކުރުމަށް އެތައް ދަތިތަކެއް އުފުލަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އިންސާފުވެރިކަމާއި އެކު ރައްޔިތުންނަށް މާލީ ޚިދުމަތްތައް ނުލިބުނު ނަމަވެސް އެކަމާއި މެދު ސެންޓްރަލް ބޭންކުން ކަންބޮޑުވެގެން އުޅޭ މަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާލީ ނިޒާމަށް ފާރަވެރިވުމަށް އެ އިދާރާ ވަނީ ފެއިލްވެފައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ސެންޓްރަލް ބޭންކުން ވިޔަފާރިކުރުމަކީ އެއީ ރައްޔިތުންގެ ފައިސާ ހިމާޔަތްކުރަން އެޅޭ ހުރަހެއް ކަމަށް ޣަފޫރު ސިފަކުރެއްވިއެވެ.