ވެސްޓް ބޭންކު ސަރަހަައްދުގައި ގަދަކަމުން ވަޒަންވެރި ވެގެން އުޅޭ އިސްރާއީލްގެ ބަޔަކު ރޯކުރި އަލިފާން ގަނޑެއްގެ ސަބަބުން، އެ ސަރަހައްދުގައި އެމެރިކާގެ ރައްޔިތަކު މަރުވެއްޖެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އާދީއްތަ ދުވަހު ބުނެފައި ވަނީ އެ ސަރަހައްދުގައި އެ ޤައުމުގެ ރައްޔިތަކު މަރުވެފައިވާ ކަމަށެވެ. މަރުވެފައި ވަނީ އުމުރުން 41 އަހަރުގެ ޚަމީސް އައްޔާދު ނަމަކަށް ކިޔާ މީހެއް ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.
މަރުވި މީހާގެ އާއިލާ އާއި، ފަލަސްޠީނުގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި އައްޔާދު މަރުވެފައި ވަނީ، ވެސްޓް ބޭންކުގައި ގަދަކަމުން ވަޒަންވެރި ވެގެން އުޅޭ އިސްރާއީލްގެ ބަޔަކު ރޯކުރި އަލިފާން ގަނޑުގެ ސަބަބުންނެވެ.
ފަލަސްޠީނުގެ އޮތޯރިޓީ އާއި ކަމާ ގުޅުން ހުރި ފަރާތްތަކުން ބުނެފައިވާ ގޮތުގައި، އިސްރާއީލްގެ ވަޒަންވެރިން ވަނީ ބުރާސްފަތި ދުވަހު ސިލްވާދު ރަށުގެ ގެތަކާއި، ބައެއް ކާރު ތަކުގައި އަލިފާން ރޯކޮށްފަ އެވެ. އެ ހާދިސާގައި އައްޔާދު މަރުވެފައި ވަނީ ދުމުން ކުރި އަަސަރުގެ ސަބަބުން ކަމަށް، ފަލަސްޠީނުގެ ޞިއްޙީ ވުޒާރާ އިން ވަނީ ބުނެފަ އެވެ.
އައްޔާދުގެ އާއިލާ އިން ޗިކާގޯގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، އައްޔާދު އޭނާގެ އަންހެނުން އަދި ދަރިންނާ އެކު އެތައް އަހަރެއް ކުރިން ވެސްޓް ބޭންކަށް ބަދަލުވެފައިވާ ކަމަށެވެ. ނަމަވެސް، އޭނާ މަސައްކަތް ކުރަމުން ގެންދިޔައީ އެމެރިކާ އަށް ނިސްބަތްވާ ކުންފުންޏެއްގައި ކަމަށް އާއިލާ އިން ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން އައްޔާދުގެ އާއިލާ އިން ނުރުހުން ފާޅު ކޮށްފައިވާއިރު، އެ އާއިލާ އިން ވަނީ އިސްރާއީލަށް ވެސް ފާޑު ކިޔައިފަ އެވެ. އަދި އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގައި، އެކަން ކޮށްފައިވާ ބަޔަކު ހޯދައި، އިންސާފު ޤާއިމު ކޮށްދިނުމަށް ވެސް އައްޔާދުގެ އާއިލާ އިން ވަނީ ގޮވާލައިފަ އެވެ.
އެކަމާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ، ސިލްވާދު ސަރަހައްދުގައި ބައެއް މުދަލާއި، އުޅަނދު ފަހަރު ތަކުގައި ރޯކޮށްފައިވާ މީހުންނާ ގުޅޭ ތަހުގީގެއް ފުލުހުން ފަށާފައިވާ ކަމަށެވެ. އެހެން ނަަމެވެސް، މިހާތަނަށް އައިއިރު އެކަން ކުރި ބަޔަކު ދެނެގަނެވިފައި ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ވިދާޅުވީ، ވެސްޓް ބޭންކުގައި ހިންގަމުން އަންނަ އަމަލުތައް އެމެރިކާ އިން ކުށްވެރި ކުރާ ކަމަށެވެ. މީގެ އިތުރުން އެމެރިކާ އިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަ ޚާއްސަ މަންދޫބު މައިކް ހަކަބީ ވިދާޅުވެފައި ވަނީ، އެއީ ޓެރަރިޒަމްގެ ނުރައްކާތެރި އަމަލެއް ކަމަށެވެ. އަދި އެކަމުގައި ފުރިހަމަ ތަހުގީގެއް ހިންގުމަށް ގޮވާލާ ކަމަށް އޭނާ ވިދާޅުވި ނަމަވެސް، އައްޔާދުގެ މަރާ ގުޅިގެން ޚާއްސަ ވާހަކައެއް ނުދައްކަވަ އެވެ.
ވެސްޓް ބޭންކު ސަރަހައްދުގައި ފަަލަސްޠީނުގެ ތިން މިލިއަނެއްހާ ރައްޔިތުން ދިރި އުޅެމުން އަންނައިރު، އިސްރާއީލްގެ ވަޒަންވެރިން ގަދަކަމުން އެ ސަރަހައްދުގައި އުޅެމުން އަންނައިރު، އެއީ ގާތް ގަނޑަަކަށް 500،000 މީހުން ކަމަށް ބުނެފައިވެ އެވެ.