ކ. މާލެ
|
4 އޯގަސްޓް 2025 | ހޯމަ 01:01
އެމެރިކާގެ ވައިޓް ހައުސްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ސްޓެފަން މިލަރ
އެމެރިކާގެ ވައިޓް ހައުސްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ސްޓެފަން މިލަރ
ރޮއިޓަރސް
ޔޫއެސް-އިންޑިއާ ގުޅުން
ޔޫކްރެއިން ހަނގުރާމަ ކުރިއަށް ގެންދަން ރަޝިޔާ އަށް އިންޑިއާ އިން ފައިނޭންސް ކުރާ ކަމުގެ ތުހުމަތު!
ރަޝިޔާގެ ތެޔޮ ގަތުމުން އިންޑިއާ އިން ޔޫކްރެއިންގެ ހަނގުރާމަ އަށް ފައިނޭންސް ކުރާ ކަމަށް ޓްރަމްޕްގެ އިސް އޮފިޝަލަކު ވިދާޅުވުމާއެކު މިއީ އިންޑޯ-ޕެސިފިކް ސަރަޙައްދުގައި އެމެރިކާގެ މުހިންމު ބައިވެރިއެއް ކަމަށްވާ އިންޑިއާ އަށް އަމާޒުކޮށް އެމެރިކާ އިން މިހާތަނަށް ކީ އެންމެ ހަރުކަށި ފާޑުކިޔުން.

އިންޑިއާ އިން ރަޝިޔާ ގެ ތެޔޮ ގަތުމުގެ ތެރެއިން ޔޫކްރެއިން ގައި ރަޝިއާ އިން ހިންގާ ހަނގުރާމަ އަށް ފައިނޭންސް ކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސް އޮފިޝަލަކު އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.

މިއީ ރަޝިޔާ ގެ ތެޔޮ ގަތުން ހުއްޓާލުމަށް އިންޑިއާ އަށް އެމެރިކާގެ ރައީސް ވަރަށް ބޮޑަށް ބާރުއަޅުއްވަމުން ގެންދަވާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ.

"ޓްރަމްޕް ވަރަށް ސާފުކޮށް ވިދާޅުވެފައި ވަނީ، ރަޝިޔާ އިން ތެޔޮ ގަތުމުގެ ސަބަބުން އިންޑިއާ އިން މި ހަނގުރާމަ އަށް ފައިނޭންސް ކުރަމުން ގެންދިއުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް" ވައިޓް ހައުސްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް އަދި ޓްރަމްޕްގެ އެންމެ ނުފޫޒުގަދަ އެހީތެރިންގެ ތެރެއިން އެކަކު ކަމުގައިވާ ސްޓީފަން މިލަރ ވިދާޅުވިއެވެ.

މިލަރގެ މި ވާހަކަފުޅަކީ އިންޑޯ-ޕެސިފިކް ސަރަޙައްދުގައި ހިމެނޭ އެމެރިކާގެ އެންމެ މުހިންމު ބައިވެރިންގެ ތެރޭގައި ހިމެނޭ އިންޑިއާ އަށް ޓްރަމްޕް ގެ ސަރުކާރުން މިހާތަނަށް ކީ އެންމެ ހަރުކަށި ފާޑުކިޔުމެވެ.

"އިންޑިއާ އިން ރަޝިޔާ ގެ ތެޔޮ ގަތުމުގައި ޗައިނާއާ އެއްވަރު ކަން އެނގުމުން މީހުން ހައިރާންވާނެ. މިއީ ވަރަށް އަޖައިބުވާ ފަދަ ޙަޤީޤަތެއް،" މިލަރ ފޮކްސް ނިއުސްގެ "ސަންޑޭ މޯނިންގ ފިއުޗަރސް" ޕްރޮގްރާމުގައި ވިދާޅުވިއެވެ.

އިންޑިއާ އިން އަދި މި ވާހަކަތަކާ ގުޅިގެން އެއްޗެއް ބުނެފައެއް ނުވެއެވެ.

އެހެން ނަމަވެސް އިންޑިއާގެ ސަރުކާރުގެ ފަރާތްތަކުން ހޮނިހިރު ދުވަހު ރޮއިޓަރސް އަށް ބުނެފައި ވަނީ، އެމެރިކާގެ އިންޒާރުތަކާ އެކު ވެސް ނިއު ދިއްލީން މޮސްކޯ އިން ތެޔޮ ގަތުން ކުރިއަށް ގެންދާނެ ކަމަށެވެ.

ރަޝިޔާ އިން ހަތިޔާރާއި ހަކަތަ ގަތުމުގެ އަދަބެއްގެ ގޮތުން އެމެރިކާ އަށް އެތެރެކުރާ އިންޑިއާގެ އުފެއްދުންތަކަށް 25 އިންސައްތައިގެ ޓެރިފެއް ހުކުރު ދުވަހު ޓްރަމްޕް އިއުލާނު ކުރެއްވިއެވެ.

އަނެއްކޮޅުން ޔޫކްރެއިން އާ އެކު ރަޝިޔާ އިން ސުލްޙަ ޤާއިމް ނުކުރާހާ ހިނދަކު، ރަޝިޔާގެ ތެޔޮ ގަންނަ ޤައުމުތަކުން އެމެރިކާ އަށް އެތެރެކުރާ މުދަލަށް 100 އިންސައްތައިގެ ޓެރިފެއް ނެގުމަށް ވިސްނަވާ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވާފައިވެއެވެ.

މިލަރ މިމޭރުމުން ވާހަކަފުޅު ދެއްކެވުމާ އެކު އިތުރަށް ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ރައީސް ޓްރަމްޕް އާ ދެމެދު އޮތް ގުޅން "ވަރަށް ރަނގަޅު" ކަމަށެވެ.

- ކޮމެންޓް