"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރާ ފްލެޓް ގެ އެއްބަސްވުމުގައި ސޮއި ކުރުން ހުއްޓާލައިފި އެވެ.
ފްލެޓް ލިބުނު ކަމަށް އެންގި ބައެއް މީހުން އާދިއްތަ ދުވަހު ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށް ދިއުމުން ސޮއި ކުރުން "ހޯލްޑް" ކޮށްފައި ކަމަށް އެތަނުން ވަނީ ބުނެފައެވެ.
ހުއްޓާލި އެއްވެސް ސަބަބެއް ނުބުނުމުގެ އިތުރުން ސޮއި ކުރަން ހަމަ ޖެހިފައިވާ އެއްބަސްވުމެއް ވެސް ދިޔަ މީހުންނަށް ދީފައެއް ވެސް ނުވެއެވެ.
އެފްޑީސީ އިން ފޯނަށް ޖަވާބު ނުދޭތީ ވެގެން އުޅޭ ގޮތް އަދި ސާފު ކުރެވޭ ގޮތެއް ނުވެއެވެ.
މިއަދު ސޮއި ކުރަން އަންގައިގެން ދިޔައިމަ ބުނީ، ހޯލްޑް ކޮށްފައޭ، އެއްވެސް ސަބަބެއް ބުނެ ނުދެއްވާ
ފްލެޓް އެއްބަސްވުމުގައި ސޮއި ކުރަން ދިޔަ ފަރާތެއް![]()
ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން ދާން އޮތް އެހެން ފަރާތަކަށް ޕޯޓަލް މެދުވެރިކޮށް އެފްޑީސީ އިން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ހައުސިންގ މިނިސްޓްރީ އިން އަންގައިގެން ސޮއިކުރުން ހޯލްޑް ކޮށްފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި މާފަށް އެދޭ ކަމަށެވެ.
ފްލެޓް އެއްބަސްވުމުގައި ސޮއި ކުރުން ހުއްޓާލި އިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި، ނިމިދިޔަ ސަރުކާރުން ދީފައިވާ ފްލެޓްތައް އަތުނުލައްވާނެ ކަމަށާއި އަދި ފްލެޓްތައް ދޭން ނިންމާފައިވާ ގޮތަކަށް ބަދަލެއް ނުގެނެސް ދިން އެއްޗެއް ދިންގޮތަކަށް އެއަށް ވުރެ ފުރިހަމަ ކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައި ވީ ނަމަވެސް، ސަރުކާރުން ފްލެޓް ތައް ދޫކުރުމުގައި އަމަލު ކުރަމުން ދަނީ މުއިއްޒު ވިދާޅުވި ގޮތާ ޚިލާފަށް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.
އެ ގޮތުން ސޯޝަލް ހައުސިންގ ސްކީމް ތަކުގެ ދަށުން މީގެ ކުރިން ދޫކުރި ފްލެޓްތަކާ ޚިލާފަށް މި ސަރުކާރުން ފްލެޓް ދޫކުރަނީ ކުލީގެ އެއްބަސްވުމެއްގެ ދަށުންކަން ވަނީ ފާހަގަ ކުރެވިފައެވެ.
މިފުލެޓް ތަކަކީ އެހެނިހެން ރިއަލްއެސްޓޭޓް ކުންފުނިތަކުން ވެސް ދިގު މުއްދަތަކަށް އަގުދައްކާ ޚަލާސް ކުރުމުން މިލްކު ކުރެވޭ އުސޫލުން، އެފްޑީސީ އަށް 25 އަހަރުގެ މުއްދަތަކަށް އަގުދައްކާ ޚަލާސް ކުރުމުން މިލްކު ކުރެވޭގޮތަށް ދޫކުރެވޭ އެޕާރޓްމަންޓް ތަކެއް ކަން ވަނީ ފާހަގަ ކުރެވިފައެވެ.
އަނެއްކޮޅުން "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓް ތަކަށް ރައްވެހިންގެ ރަޖިސްޓަރީ ހަދައި ނުދެވޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.
ރަށްވެހިންގެ ރަޖިސްޓަރީ ހެދުމަށް މިހާތަނަށް އަމަލު ކުރަމުންދާ އުސޫލަކީ "ގަނެ ވިއްކުމުގެ އެއްބަސްވުން" ގެ ދަށުން ހަދާފައިވާ އެއްބަސްވުމުގެ ކޮޕީ އަކާ އެކު ރަށްވެހިންގެ ރަޖިސްޓަރީ ހެދުމަށް އެދި، ގަންނަ ފަރާތުން ކައުންސިލަށް ހުށަހެޅުމުން އެތަނެއް ގަންނަ ފަރާތުގެ ނަމުގައި ރަށްވެހިންގެ ރަޖިސްޓަރީ ހަދައިދިނުން ކަމަށް ސިޓީ ކައުންސިލުން އަމިއްލަ ފަރާތަކަށް ލިޔުމުން ދިން ޖަވާބުގައި ހުސްވި ހަފްތާ ގެ ބުރާސްފަތި ދުވަހު ބުނެފައިވެއެވެ.
މިހާތަނަށް ރާއްޖޭގައި ދޫކުރެވިފައިވާ ހައުސިން ސްކީމްތަކަކީ ސޯޝަލް ހައުސިން ޔުނިޓްގެ ގޮތުގައި ދުކުރެވިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް ގެ ގޮތުގައިކަން ފާހަގަ ކުރެވޭ އިރު، ރާއްޖޭގައި އެންމެ ފަހުން ދޫކުރެވުނު ސޯޝަލް ހައުސިންގ ސްކީމް ކަމުގައިވާ "ހިޔާ" މަޝްރޫޢުގެ ދަށުން ފުލެޓް ހަވާލު ކޮށްފައިވާ އުޞޫލަކީ ފުލެޓް އެއްބަސްވުމުގައި ސޮއި ކުރާ ހިސާބުން ފެށިގެން އެއީ އެފަރާތެއްގެ އަމިއްލަ މިލްކެއް ކަމުގައި ހަމަޖައްސައި ދިނުމެވެ.
އެހެން ނަމަވެސް ސަރުކާރުން ވަނީ މި އުސޫލު ބަދަލު ކޮށްފައެވެ.
މީގެ އިތުރުން، ކުރިއާ ޚިލާފަށް މި ފަހަރު ފްލެޓް ހަވާލު ކުރަނީ ކުޔަށްދޭ އެޕާރޓްމަންޓްތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމުންކަން ވެސް ފާހަގަ ކުރެވެއެވެ.