ޓީމަނަލް ހުޅުވުމާއި އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، ޓެކްސީ ކިއޫގައި ފިތިބާރުވެގެން އެތައް އިރަކު މަޑުކުރަންޖެހޭ މައްސަލަ ބޮޑުވެއްޖެއެވެ.
އާންމުންނާއި ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން މިކަމުގައި އިންތިހާއަށް އޮތް އިރު، މިކަމާއި ގުޅިގެން އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ރާއްޖެ އެމްވީ އަށް ވިދާޅުވީ، އެއާޕޯޓުގައި މިވަގުތު އަދި ހާލަތު ހުރި ގޮތުން އެކަހަލަ ކުދިކުދި ދަތިތަކާއި ކުރިލާން ޖެހޭ ކަމަށާއި ނަމަވެސް އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި އެއާޕޯޓުގެ ޓެކްސީ ކިއުގެ ކަންކަން ހައްލުކުރުމަށް މިހާރު ވަކި ބައެއް ހަމަޖައްސާފައިވާ ކަމަށާއި އެއީ އެއާޕޯޓުގެ ސެކިއުރިޓީ ކަމަށެވެ. އަދި އެ ފަރާތްތަކުން އެކަން ހައްލުކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާނޭ ކަމަށާއި އެފަރާތުން މިހާރުވެސް އެކަން ހައްލަކުރުމަށް މަސައްކަތް ކުރަމުން އަންކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ ބާރުބޮޑު ވަގުތުތަކުގައި އަބަދުވެސް އެގޮތަށް ކިއު ބޮޑުވާކަން ފާހަގަކުރެވޭ ކަމަށާއި އެގޮތަށް ދިމާވަނީ ވަކި މަގެއް ބަންދުކޮށްގެނެއް ނޫން ކަމަށެވެ. އަދި އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތަތަކެއް ކުރަމުން ގެންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެއާޕޯޓުގައި ޓެކްސީ ކިއު ބާރު ބޮޑުވެ، ގިނަ ބައެއްގެ ޝަކުވާއާއި ކަންބޮޑުވުނަތް ހުރިއިރު، އެއާޕޯޓުގައި ޓެކްސީ ކިއުގައި ގިނަ އަދަދެއްގެ އާންމުން ތިބިކަން ހާމަކޮށްދިނުމަށް އާންމުފަރާތަކުން ވަނީ ސޯޝަލް މީޑިއާގައި ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. މި ވީޑިއޯގައި ޓެކްސީ ކިއޫގައި އެތައް މީހުނެއް ފިތި ބާރުވެފައި ތިބި މަންޒަރު ފެނެއެވެ. އަދި އެ ވަގުތުގައި އެތައް ލަގެޖަކާއެކު ދަތުރުވެރިން ތިބިކަން އެ ވީޑިއޯއިން އެނގެއެވެ.
މީގެ އިތުރުން މިކަމުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ވެސް ބައެއް ފަރާތްތަކުން ފާޅުކުރަމުން އަންނައިރު، މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެއާޕޯޓް ޓެކްސީ ލައިން އިންތިޒާމް ކުރުމުގައި އިތުރަށް ވިސްނަން ޖެހޭކަމަށާއި އެގޮތުން 30 މިނެޓް ކިޔޫގައި ނުޖެހި ޓެކްސީ ލިބޭނެ އިންތިޒާމެއް ހަމަޖެއްސެން ޖެހޭ ކަމަށެވެ.
މިހާރު އެއާޕޯޓުގެ ހާލަތު ހުރިގޮތުން އެއާޕޯޓުގެ ޓެކްސީ ކިއޫ ދިގުވެ، އެތައް އިރަކު ކާރުތަކަށް ވެސް ގާތް ނުވެވިފައި އޮންނަންޖެހުމަކީ އެއީ އެވަގުތުތަކުގައި ވެސް ކާރުތަކަށް އިންޖީނު ޖައްސައިގެން އޮތުމުން ބޭކާރު ވެގެންދާ ތެލުގެ ޚަރަދެއް ކަމަށް ބައެއް ޓެކްސީ ޑްރައިވަރުން ވެސް ބުނެފައި ވެއެވެ.
އެއާޕޯޓުގެ ޓެކްސީ ކިއު މިއަށް ވުރެ ރަނގަޅު އިންތިޒާމެއްގެ ތެރެއިން ހަމަ ޖެހެން ޖެހޭނޭ ކަމަށް ބުނެ ގިނަ ޓެކްސީ ތަކުގެ ޑްރައިވަރުން ވެސް ވަނީ އެމީހުންގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިބުރާހީމް ނިޔާޒް ވިދާޅުވި އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުން ވެގެން ދިއައީ ޓެކްސީ ޑްރައިވަރުންނަށް އިތުރު ބުރައެއް ޖެހުނު ކަމެއް ކަމަށާއި އެކަމުން ޓެކްސީ ޑްރައިވަރުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހީފައިވާ ކަމަށެވެ.
ނިޔާޒް ވިދާޅުވީ މިހާރު އެއާޕޯޓުގެ ޓެކްސީ ކިއު އޮންނަ ގޮތުން ޓެކްސީ ޑްރައިވަރުންނަށް އެމީހުން ކުރާ މަސައްކަތަށް ވެސް ލިބެނީ އިތުރު ބުރައެއް ކަމަށާއި ގިނަ ވަގުތު ހޭދަކުރަން ޖެހުމުން އެކަމުގެ ގެއްލުން އިންތިހާއަށް ބޮޑު ކަމަށެވެ.
އެއާޕޯޓުގެ އާޓީނަލް ހުޅުވުމުން ހުރިހާކަމެއް ވެސް ވަރަށް ފަސޭހަކޮށް އޮމާންކޮށް ދާނެ ކަމަށް ބެލެވުނު ނަމަވެސް އެފަރާތްތަކުން ދެއްކި ވާހަކަތަކާއި އަމަލާއި ދިމާ ނުވާކަމަށް ނިޔާޒު ވިދާޅުވި އެވެ. އެގޮތުން ކުރިއަށް ވުރެ، މިހާރު އުފުލަން ޖެހޭ ތަކުލީފުތައް ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ މިހާރު ގިނަ ޓެކްސީ ޑްރައިވަރުން އެއާޕޯޓަށް ހުސްކޮށް ދަތުރެއް ދާން ބޭނުން ވެސް ނުވާ ކަމަށާއި އެއީ ޓެކްސީ ކިއުގައި ހޭދަކުރަން ޖެހޭ ވަގުތު ގިނަ ވުމުން ކަމަށެވެ. އެގޮތުން މާލެއިން ތިން ހަތަރު ދަތުރު ނަގާހައި ވަގުތު އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަސްލު މިއީ މިހާރު ބޮޑު ތަކުލީފެއް. އެއާޕޯޓު ޓެކްސީ ކިއުގެ ކަންކަން އޮންނަ ގޮތުން ޓެކްސީ ޑްރައިވަރުންނަށް ވެސް އަދި އެ ޚިދުމަތް ހޯދާ އާންމުންނަށް އެއީ ބޮޑު ތަކުލީފެއް. އަސްލު މީގެ ކުރިން ބުނަމުން ދިއައީ އާ ޓާމިނަލް ހުޅުވީމަ ކަންކަން ވާނީ ފަސޭހަ ކަމަށް، ނަމަވެސް އެ ދެއްކި ވާހަކަ އަކާއި އަމަލަކާއި ދިމާއެއް ވެސް ނުވޭ. މީގެ ކުރިން އެއާޕޯޓުގެ ޓެކްސީ ކިއުއަކީ ޑްރައިވަރުން ދާހިތުން ދާތަނެއް. އެހެން ނަމަވެސް މިހާރު އެތަނަށް ދިއުމަކީ މުޅި ދުވަސް ހަތަރުދަން އެތަނުގައި ހޭދަކުރުން. މިކަމަށް އަވަސް ހައްލެއް ގެންނަން އެބަޖެހޭ. މިކަމުގެ ތަކުލީފުތައް އާންމުން ވެސް އެބަ އުފުލަން ޖެހޭ.
ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިބުރާހީމް ނިޔާޒް![]()
އާއްމުގޮތެއްގައި އެއާޕޯޓުގެ ޓެކްސީ ކިއު ބެލެހެއްޓުމުގައި މިހާރު އެންމެ އިސްދައުރެއް އަދާކުރަމުން ގެންދަނީ އެމްއޭސީއެލްގެ ސެކިއުރިޓީ މުވައްޒަފުންނެވެ.
އެއާޕޯޓުގެ ޓެކްސީ ކިއުތައް އެރޭންޖް ކޮށް ކަންތައް ކުރަމުން ގެންދަނީ އެމްއޭސީއެލް ގެ ސެކިއުރިޓީންނެވެ. މީގެ އިތުރުން ދެން ހަރަކާތްތެރިވަމުން އަންނަނީ ސިފައިނާއި ފުލުހުންނެވެ.