ކ. މާލެ
|
31 ޖުލައި 2025 | ބުރާސްފަތި 12:10
ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ
ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ
ރޮއިޓަރސް
ފަލަސްޠީނު
ކެނެޑާ އިން ވެސް ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމައިފި
ކާނީ ވިދާޅުވީ ކެނެޑާ އިން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމީ، ދެ ދައުލަތުގެ ޙައްލު ހޯދުމުގެ އުންމީދު ދެމެހެއްޓުމަށް ކަމަށެވެ. އަދި އެއީ އެކަމަށް ކޮންމެހެން ވެސް ބޭނުންވާ ކަމެއް ކަމަށް ކާނީ ވަނީ ވިދާޅުވެފަ އެވެ.

ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައިވާ ކަމަށް، ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ އިއުލާން ކުރައްވައިފި އެވެ. 

އެގޮތުން ކެނެޑާގެ ބޮޑު ވަޒީރު ކާނީ އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ސެޕްޓެމްބަަރު މަހު އޮންނަ އދ ގެ ޖެނަރަލް އެސެމްބްލީގައި ކެނެޑާ އިން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނާނެ ކަމަށެވެ. 

ކާނީ ވިދާޅުވީ ކެނެޑާ އިން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމީ، ދެ ދައުލަތުގެ ޙައްލު ހޯދުމުގެ އުންމީދު ދެމެހެއްޓުމަށް ކަމަށެވެ. އަދި އެއީ އެކަމަށް ކޮންމެހެން ވެސް ބޭނުންވާ ކަމެއް ކަމަށް ކާނީ ވަނީ ވިދާޅުވެފަ އެވެ.

ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ކެނެޑާ އިން ނިންމާފައިވާ ނިންމުން ބިނާވެފައި ވަނީ، ފަލަސްޠީނުގެ އޮތޯރިޓީގެ އިސްލާޙީ މަސައްކަތްތަކައި، 2026 ވަނަ އަހަރު އާންމު އިންތިޚާބެއް ބޭއްވުމަށް ފަލަސްޠީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެފައިވާ ވިދާޅުވުމުގެ މައްޗަށެވެ.

ކާނީ ވިދާޅުވެފައިވާ ގޮތުގައި، ބާާރު ދުވެއްޔެއްގައި އިސްރާއީލް އިން ހިންގަމުންދާ ހަނގުރާމަ އާއި، އަނިޔާވެރި ސިޔާސަތާއި، ޣައްޒާގެ އިންސާނީ ކާރިސާ ހުއްޓުވުމަށް އިސްރާއީލް ފެެއިލްވެފައިވާތީ، ދެ ދައުލަތުގެ ޙައްލު ހޯދުމުގެ އުންމީދު ކުޑަވަމުން އަންނަ ކަމަށެވެ. 

ކެނެޑާގެ ބޮޑު ވަޒީރު ކާނީގެ މި ނިންމެވުމަށް ފަލަސްޠީނުގެ ރައީސް އައްބާސް މަރުޙަބާ ވިދާޅުވެފައިވާއިރު، އައްބާސް ވިދާޅުވީ ކެނެޑާގެ އެ ނިންމުމަކީ ތާރީޚީ ނިންމުމެއް ކަމަށެވެ. އެ ނިންމެވުމާ ގުޅިގެން ފްރާންސް އިން ބުނެފައި ވަނީ، ސަރަހައްދުގެ ސުލްޙަ ޤާއިމު ކުރުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

ކެނެޑާގެ ނިންމުމާ ގުޅިގެން އިސްރާއީލް އިން ވަނީ ނުރުހުން ފާޅު ކޮށްފަ އެވެ. އަދި އެއީ ބައިނަލްއަޤުވާމީ ޕްރެޝަރުގެ ތެރެއިން، އޮޅުވާލައިގެން ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށް އިސްރާއީލް އިން ބުނެފައިވެ އެވެ. 

އިސްރާއީލް އިން ބުނެފައި ވަނީ ޒިންމާދާރު ސަރުކާރެއް ނެތި، ނުވަތަ މަސައްކަތް ކުރާނެ މުއައްސަސާތަކެއް ނެތި އަދި ހެޔޮ އެދޭ ލީޑާޝިޕެއް ނެތި ފަލަސްޠީނުގެ ދައުލަތް ބަލައި ގަތުމަކީ ހަމާސް އިން މީގެ ކުރިން ހިންގި އަނިޔާވެރި އަމަލުތަކަށް ޝަރުއީ ސިފައެއް ދިނުން ކަމަށެވެ. 

ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ކެނެޑާ އިން ނިންމާފައިވާއިރު، މީގެ ކުރިން ފްރާންސް އާއި އިނގިރޭސިވިލާތުން ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައިވާ ކަމަށް އިއުލާން ކޮށްފަ އެވެ. 

- ކޮމެންޓް