މިއަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ އދ ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައި ގަންނަން ނިންމާފައިވާ ކަމަށް މޯލްޓާގެ ބޮޑު ވަޒީރު ރޮބާޓް އަބެލޭ ވިދާޅުވެއްޖެ އެވެެ.
މޯލްޓާ އިން މި ނިންމުން ނިންމާފައި ވަނީ، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަށް ފްރާންސް އަދި އިނގިރޭސިވިލާތުން ވެސް ނިންމާފައި ވަނިކޮށެވެ. އެ ދެ ޤައުމުން ވެސް ވަނީ، ސެޕްޓެމްބަރު މަހު އޮންނަ އދ ގެ ޖަލްސާގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނާނެ ކަމަށް އިއުލާން ކޮށްފަ އެވެ.
މޯލްޓާގެ ބޮޑު ވަޒީރު ސޯޝަލް މީޑިއާ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަސްޠީނުގެ މިނިވަން ދަައުލަތް ބަލައި ގަންނަން ނިންމުކަކީ، މެދު އިރު މަތީގެ ދެމެހެއްޓެނިވި ސުލްޙަވެރިކަމަށް މޯލްޓާ އިން ކުރާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށެވެ.
މޯލްޓާގެ ސަރުކާރުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައިވާއިރު، އެ ޤައުމުގެ އެތެރެއިން ވެސް ވަނީ ސަރުކާރަށް އެކަމުގެ ޕްރެޝަރު ބޮޑުވެފަ އެވެ. މޯލްޓާގެ އިދިކޮޅު ފަރާތްތަކުން ވަނީ ޖުލައި މަހުގެ ތެރޭގައި ވެސް، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަށް އެ ޤައުމުގެ ސަރުކާރަށް ގޮވާލައިފަ އެވެ.
މެޑިޓެރޭނިއަން ކަނޑުގައި އޮންނަ ޔޫރަޕިއަން ޔޫނިއަން އަށް ނިސްބަތްވާ މޯލްޓާ އަކީ، ފަލަސްޠީނުގެ މައްސަލަތަކުގައި އެހީތެރިވަމުން އަންނަ ޤައުމެކެވެ. މީގެ ކުރިން ވެސް މޯލްޓާ އިން އައީ ދެ ދައުލަތުގެ ޙައްލަކަށް ވާކާލާތުކޮށް، އެކަމަށް ތާއީދު ކުރަމުންނެވެ.
މީގެ ކުރިން މިއަހަރުގެ މެއި މަހުގެ ތެރޭގައި މޯލްޓާގެ ބޮޑު ވަޒީރު އަބެލާ ވަނީ ޖޫން މަހު އދ ގެ ޖަލްސާއެއްގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް، ޖޫން މަހު ބާއްވަން އޮތް އެ ޖަލްސާ ވަނީ ފަހުން ފަސް ކޮށްފަ އެވެ.
މޯލްޓާ އިން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައިވާއިރު، އަޔަލެންޑް، ނޯވޭ އަދި ސްޕެއިން އިން ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމައިފަ އެވެ. އެ ޤައުމުތަކުން ވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައި އެކަން އިއުލާން ވެސް ކޮށްފަ އެވެ.
މޯލްޓާ އިން ފަލަސްޠީނުގެ މިނިވަންކަން ބަލައި ގަންނަން ނިންމުމަކީ، މެދު އިރުމަތީގެ ސުލްޙަވެރިކަން ޤާއިމު ކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.