ލ. މާވަށުގައި ޒުވާނަކު މަރާލުމުގެ ތުހުމަތު އޮތް މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފި އެވެ.
ހޯމަ ދުވަހުގެ ހެނދުނު ލ. މާށު ވޮލީކޯޓު ކައިރީގައި ހިނގި މާރާމާރީގައި ވަޅިން ހަމަލާދީ މަރާލާފައިވަނީ މާވަށު ނަލަހިޔާގޭ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމެވެ. އޭނާގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ އަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެކެވެ.
ވަޅިން ހަމަލަދީ މަރާލި މޫސަގެ ހަށިގަނޑު އަންގާރަ ދުވަހު މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މޫސަގެ ހަށިގަނޑު މާލެ ގެނައީ ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމަށްށެވެ.
ފުލުހުން ހޯމަ ދުވަހުގެ ރޭ ބުނީ ހަމަލާ ދިނުމުގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމުން ހޯދާފައިވާ ކަމަށެވެ. އެ ވަޅި ހޯދާފައި ވަނީ މޫދުންނެވެ.