ބޭންކް އޮފް މޯލްޑިވްސް އިން މި އަހަރުގެ ދެވަނަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 790 މިލިއަން ރުފިޔާ ހޯދައިފިއެވެ.
ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި، މި މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި ބޭންކަށް ވަނީ 558 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %24 ގެ ކުރިއެރުމެއް ކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ. މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ބޭންކަށް 1.05 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް ބެންކުން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހާ އަޅައިބަލާއިރު %12 ގެ ކުރިއެރުމެއް ކަަމަށް ބީއެމްއެލް އިން ބުނެއެވެ. މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހިންގުމުގެ ފައިދާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %6 ގެ ކުރިއެރުމެކެވެ.
ދެވަނަ ކުއާޓަރ ނިމުނުއިރު ބޭންކުން ޖުމްލަ ދޫކޮށްފައިވާ ލޯނުގެ އަދަދުވަނީ 21.3 ބިލިއަން ރުފިޔާ ކަމަށް ވާއިރު 33.6 ބިލިއަން ރުފިޔާގެ ޑިޕޮސިޓާއެކު ޖުމްލަ އެސެޓް ހުރީ 51 ބިލިއަން ރުފިޔާގައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ބޭންކުންވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މުޅިން އަލަށް 3 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ. ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައިވެއެވެ.
މި ކުއާޓަރގައި ބޭންކުން ހޯދި ހަރުދަނާ ނަތީޖާއަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ނަތީޖާއިން ދައްކުވައިދެނީ އަޅުގަނޑުމެންގެ މުވައްޒަފުން މަސައްކަތަށްދޭ އަހުމިއްޔަތުކަމާއި އަޅުގަނޑުމެންގެ ސްޓްރެޓެޖީގެ ހަރުދަނާކަން. ބޭންކުގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް އަމާޒު ހިފާފައިވާއިރު، އަޅުގަނޑުމެން މިދަނީ ދެމެހެއްޓެނިވި މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތް ވީހާވެސް ފަސޭހައިން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން. އަޅުގަނޑުމެންގެ އަމާޒަކީ ބޭންކުގެ ފައިދާ އިތުރުކުރުމާއެކު ގައުމަށް ފައިދާކުރާނެ އަދި މަންފާ ލިބޭނެ ބަދަލުތަކެއް ގެނައުން.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް![]()
ބީއެމްއެލް އިން ވަނީ ވޭތުވެދިޔަ ކުއާޓަރގައި އަހަރީ އާންމު ޖަލްސާ ބާއްވައި، ހިއްސާދާރުންނަށް ހިއްސާއަކަށް 55 ރުފިޔާގެ މަގުން 296 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއް ބަހަން ފާސްކޮށްފައެވެ.
ހަމައެހެންމެ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ބެހެއްޓުމަށް ހިންގާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުވެސް މިކުއާޓާގައި ވަނީ އިތުރަށް ފުޅާކޮށްފައެވެ. މިގޮތުން ނ. މ. ށ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލްކޮށް ކ. ހުރާގައި އޭޓީއެމް ވަނީ ބަހައްޓާފައިވެއެވެ.
ބީއެމްއެލް އިން ބުނިގޮތުގައި ކ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ވަނީ އޭޓީއެމް ޚިދުމަތް ވަނީ ޤާއިމްކޮށްފައެވެ. އަދި މީގެ އިތުރުން މި ކުއާޓަރުގައި ތިމާވެށި ހިމާޔަތްކުރުމަށް ބޭންކުން ވަނީ "އީއެންވީ ޕީއޯއެސް" ތައާރަފްކޮށްފަ އެވެ. މި ޕްރޮގްރާމްގެ ދަށުން ބީއެމްއެލް ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުން ވަކި އަދަދެއް ކަނޑައަޅައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މަސައްކަތަށް ހޭދަކުރާނެއެވެ. މި ޕްރޮގްރާމަށް ކަސްޓަމަރުންވެސް އަދި ވިޔަފާރިތަކުންވެސް އެއްވެސް އިތުރު ޚަރަދެއް ކުރާކަށް ނުޖެހޭނެއެވެ.
ބީއެމްއެލް އިން މިހާރު މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައަކާއި، ރާއްޖޭގެ 20 އަތޮޅެއްގައި 40 ބްރާންޗް، 133 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 188 އޭޓީއެމް، އެޖެންޓް ބޭންކިންގ ޚިދުމަތްތަކާއެކު ބޭންކް އޮފް މޯލްޑިވްސްއިން ފުރިހަމަ ޑިޖިޓަލް ޚިދުމަތްތެއް ފޯރުކޮށްދެއެވެ.