ސްޕެއިންގެ ބާސެލޯނާ އަށް އިރުޝާދު ދިން ޒަވީ ހެނާންޑޭޒް ބޭނުން ވަނީ، ޔޫރަޕުގެ ކުލަބަކަށް އިރުޝާދު ދިނުމަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
ޤަތަރުގެ އަލް ޞާދް ސްޕޯޓްސް ކުލަބުން ކޯޗިން ކެރިއަރު ފެށި ޒަވީ ވަނީ، އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ އަށް އިރުޝާދު ދީފަ އެވެ. ބާސެލޯނާގެ ކޯޗުކަމާ އޭނާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. ނަަމަވެސް ބާސެލޯނާގައި ޒަވީ އަށް އެތައް ޕްރެޝަރެއް ކުރިމަތިވީއިރު، އެންމެ ފުރަތަަމަ އޭނާ އަމިއްލަ އަށް ނިންމީ ބާސެލޯނާގެ ކޯޗުކަން ދޫކޮށްލުމަށެވެ.
އެހެން ނަމަވެސް، ކުލަބުގެ އިސްވެރިންނާ މަޝްވަރާ ކުރުމަށް ފަހު ޒަވީ އޭނާގެ ނިންމުން ބަދަލުކޮށް ބާސެލޯނާާގައި މަޑު ކުރަން ނިންމި އެވެ. އެހެން ނަމަވެސް، ބާސެލޯނާގެ ބައެއް ބޯޑު މެމްބަރުންގެ މެދުގައި ފަހުން ޒަވީއާ މެދު ނުތަނަވަސްކަން އުފެދުނުއިރު، މިދިޔަ އަހަރުގެ ކުރީ ކޮޅު ބާސެލޯނާ އިން ވަނީ އެ ޓީމުގެ ކޯޗުކަމުން ޒަވީ ވަކިކޮށްފަ އެވެ.
އޭގެ ފަހުން މިހާތަނަށް ޒަވީ ހުންނަނީ އެއްވެސް ވަޒީފާއެއްގަ ނޫނެވެ. ނަމަވެސް މިދިޔަ މުއްދަތުގެ ތެރޭގައި ވެސް ބައެއް ޓީމުތަކުގެ ހުށަހެޅުން ޒަވީ އަށް ލިބިފައިވާ ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ. އެހެން ނަމަވެސް، އޭގެ ތެރެއިން އެއްވެސް ހުށަހެޅުމެއް ޒަވީ ޤަބޫލު ކޮށްފައި ނުވެ އެވެ.
ސްޕެއިންގެ ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ޒަވީ ބޭނުން ވަނީ ޔޫރަޕުގެ ކުލަބަކަށް އިރުޝާދު ދިނުމަށެވެ. އެގޮތުން އަދި ވެސް އޭނާގެ ޝައުޤުވެރިކަން ހުރީ ޔޫރަޕުގެ މަތީ ފަންތީގެ ޓީމަކަށް އިރުޝާދު ދީ، ތަޖުރިބާ ތަކެއް ހޯދުމަށް ކަމަށް ބުނެފައިވެ އެވެ.
މިއަހަރުގެ ކުރީ ކޮޅު ޒަވީ ދިން އިންޓަވިޔުއެއްގައި އޭނާ ބުނެފައި ވަނީ، އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކަށް އިރުޝާދު ދިނުމަށް އޭނާ ޝައުޤުވެރިވާ ކަމަށެވެ. ކުރިމަގުގައި އޭނާ ފެންނާނެ ވަކި ޓީމެއް ބުނަން ނޭނގޭ ކަމަށް ވެސް އެ އިންޓަވިޔުގައި ޒަވީ ބުނެފަ އެވެ. ޒަވީ ބުނީ އަވަސް އަރުވާާލައިގެން އޭނާ އެއްވެސް ޓީމަކާ ހަވާލުވާން ބޭނުން ނުވާ ކަަމަށާއި، ބޭނުން ވަނީ ރަނގަޅު ވަގުތުގައި ޓީމަކާ ހަވާލުވުމަށް ކަމަށެވެ.
ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ 142 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 89 މެޗުން މޮޅުވެފަ އެވެ. 24 މެޗަކުން އެއްވަރުވެފައިވާއިރު، 29 މެޗަކުން ވަނީ ބަލިވެފަ އެވެ. ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ ސްޕެނިޝް ލީގުގެ އިތުރުން، ސްޕެނިޝް ސުޕަ ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.