ކ. މާލެ
|
28 މެއި 2024 | އަންގާރަ 09:10
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް، މި ސީޒަނަށްފަހު އޭނާ ވަކި ކުރަން ކުލަބުން ވަނީ ނިންމާފައި
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް، މި ސީޒަނަށްފަހު އޭނާ ވަކި ކުރަން ކުލަބުން ވަނީ ނިންމާފައި
ރޮއިޓާސް
ބާސެލޯނާ
ޒަވީގެ މެސެޖު އައު ކޯޗަށް، ސަލާމަތްވެވޭނީ މޮޅުވެގެން!
ޒަވީ ބުނީ، އައު ކޯޗަކަށް އަންނަ މީހަކަށް ވެސް ގިނަ ގޮންޖެހުންތަކާއި އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް

ބާސެލޯނާގެ ކޯޗަކަށް ހުންނަ މީހަކަށް ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ މޮޅުވުން ކަމަށް ބުނެ، ޒަވީ ހެނާންޑޭޒްގެ މެސެޖެއް އައު ކޯޗަށް ދީފި އެވެ.

ބާސެލޯނާ އިން ވަނީ އެ ޓީމުގެ ކޯޗުކަމުގެ މަގާމުން ޒަވީ ވަކި ކުރަން ނިންމައިފަ އެވެ. އެއީ ބާސެލޯނާގެ ބޯޑު މެމްބަރުންގެ ނިންމުމެކެވެ. ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ކުޅުނު އެންމެ ފަހު މެޗަކީ ސްޕެނިޝް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗެވެ.

އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޒަވީ ވަނީ، އޭނާގެ މެސެޖެއް އައު ކޯޗަކަށް އަންނަ މީހަކަށް ދީފަ އެވެ. ޒަވީ ބުނީ، އައު ކޯޗަކަށް އަންނަ މީހަކަށް ވެސް ގިނަ ގޮންޖެހުންތަކާއި އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެކަންކަމާ އެމީހަކު ކުރިމަތިލާން ޖެހޭނީ ކެތްތެރިކަމާއެކުކަން ފާހަގަކޮށް ޒަވީ ބުނީ، ބާސެލޯނާގެ ކޯޗުކަމުގެ މަޤާމަކީ ވަރަށް އުނދަގޫ މަޤާމެއް ކަމަށެވެ. އަދި އެ މަޤާމުގައި ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ މޮޅުވުން ކަމުގައި ވެސް ޒަވީ ބުންޏެވެ.

މީގެ އިތުރުން ޒަވީ ބުނީ، އައު ކޯޗަކަށް އަންނަ މީހާ އަށް މިހާރުގެ ޙާލަތު ވެސް ބުނެދޭން ޖެހޭނެ ކަމަށެވެ. ޚާއްސަކޮށް މިހާރު އޮތް ޙާލަތަކީ ކުރިއާ އަޅާ ބަލާއިރު، ތަފާތު ޙާލަތެއްކަން ޒަވީ ފާހަގަ ކުރި އެވެ. އަބަދު ވެސް ބާސެލޯނާ އަކީ ތަފާތު ޓީމެއް ކަމަށާއި، އެހެން ނަމަވެސް މި ޙާލަތު އިތުރަށް އުނދަގޫވާނެ ކަމުގައި ޒަވީ ފާހަގަ ކުރި އެވެ. އެހެންކަމުން އައު ކޯޗަކަށް އަންނަ މީހަކު ވެސް އިންތިހާ އަށް ބުރަ މަސައްކަތް ކުރަން ޖެހޭނެކަން ފާހަގަކުރަމުން ޒަވީ ބުނީ، އެއީ ކުރިއަށް ދާން ފަސޭހަ ކަމެއް ނޫން ކަމަށެވެ.

ބާސެލޯނާގެ ކޯޗުކަމާ ދެން ހަވާލުވާނީ ޖަރުމަނުގެ ހަންސީ ފްލިކް ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެގޮތުން ފްލިކްއާއެކު ބާސެލޯނާ އިން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު، މިހާރު ދެ ފަރާތް ވެސް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އަދިޮ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބާސެލޯނާގެ ކޯޗުގެ ގޮތުގައި ފްލިކް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ފްލިކް ވަނީ މީގެ ކުރިން ޖަރުމަނުގެ ބަޔާން މިއުނިކަށް އިރުޝާދުދީ، އެ ކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އޭނާ ވަނީ އެއް ސީޒަނެއްގެ ހުރިހާ ތައްޓެއް ބަޔާނަށް ހޯދައިދީފަ އެވެ. ބަޔާންގެ ކޯޗުކަން ދޫކޮށްލުމަށްފަހު ދެން ފްލިކް ހަވާލުވީ ޖަރުމަނު ޤައުމީ ޓީމުގެ ކޯޗުކަމާ އެވެ. އެ މަގާމުން އޭނާ ވަކިިވީ މިދިޔަ އަހަރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް