ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯރޓް ލިންކް (އާރްޓީއެލް) ގެ ޚިދުމަތް ފެށީ އެހެން ޒޯނެއްގެ 2 ލޯންޗު ގެން ގޮސްގެން ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ބ. އަތޮޅުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ އަތޮޅަށް އާރުޓީއެލް ގެ ޚިދުމަތް ފަށަން ގެނެސްފައި ވަނީ ބޭނުން ކޮށްފައި އޮތް ދެ ލޯންޗު ކަން ޔަގީން ކުރެވޭ ކަމަށެވެ.
"ލޯންޗު ތަކަށް ބަލާލީމާ ރީތި ކޮށް އެނގޭ އެއީ ބަނދެގެން ބާލައިގެން ގެނައި އެއްޗެހި ނޫންކަން،" ބ. އަތޮޅުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ވައުދުފުޅުގެ ދަށުން، ބ. އަތޮޅުގައި ޚިދުމަތް ފެށިކަމަށް ބުނެ ރައީސް މުއިއްޒު އަށް ތައުރީފް ކޮށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ސޯޝަލް މީޑިއާ ގައި ވާހަކަ ތައް ފަތުރަމުން ގެންދާއިރު، ބ. އަތޮޅަށް ގެންދިޔައީ އެހެން ޒޯން އަކުން ނަގައިގެން ތިލަފުށީގައި މަރާމާތު ކޮށްލުމަށްފަހު، ލޯގޯ ގައި ބޭނުން ކޮށްފައި ހުރި ރީނދޫ ކުލަ ފުހެލުމަށްފަހު އޭގެ މަތީގައި އަޅި ކުލަ ލައިގެން ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.
އާރުޓީއެލް ގެ ޚިދުމަތަކީ ރައީސް ސާލިހް ގެ ސަރުކާރުން ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ހިންގި ވަރަށް ކާމިޔާބު ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތެއް ކަން އެތައް ރައްޔިތުންނެއް ގަބޫލު ކުރެއެވެ.
އެހެން ނަމަވެސް އޭރު އެ ޚިދުމަތް ފެށި ފެންވަރުގައި ކުރިން ޚިދުމަތް ފެށި ސަރަހައްދުތަކުގައި ވެސް ޚިދުމަތް ނުދެވޭކަން އާންމުން އަންނަނީ ފާހަގަ ކުރަމުންނެވެ.
"ބައެއް ރޫޓް ތައް މިހާރު ކެންސަލް ކޮށްފި، ހުކުރު ދުވަހު އެއް ގޮތަކަށް ވެސް ދަތުރެއް ނުކުރޭ މިހާރު،" ހއ. އަތޮޅުން މައުލޫމާތު ދިން މީހަކު ބުންޏެވެ.
އޭނާ ބުނީ ހއ. އަތޮޅުގައި ވެސް ބައެއް ރޫޓް ތައް މިހާރު ކެންސަލް ކޮށް، ދަތުރު ބާއްވާ ފްރީކުއެންސީ ވެސް ދަށް ކޮށް ފައިވާ ކަމަށެވެ.
"މޮޅަދޫ ރޫޓް މިހާރު ނޯވޭ،" މިސާލެއްގެ ގޮތުން އޭނާ ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހއ. މާރަންދޫ ގައި އޮންނަ ލޯންޗު ވެސް މިހާރު ވަނީ ކޮންމެވެސް އެހެން ތާކަށް ގެންގޮސްފައެވެ.
ހދ. އިން ވާހަކަ ދެއްކި މީހަކު ބުނީ އެ އަތޮޅުގައި ވެސް ދެ ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް ރޫޓެއް ކެންސްލް ވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ބ. އަތޮޅުގައި ޚިދުމަތް ފަށަން ގެންގޮސް ފައިވަނީ ށ. އަތޮޅުގައި އޮތް 2 ލޯންޗެކެވެ.
"ށ. އަތޮޅުން ދެ ލޯންޗު ގެން ގޮސް ތިލަފުށީގައި މަރާމާތު ކޮށްލުމަށްފަހު ބ. އަތޮޅަށް ގެންދިޔައީ،" ނަން ނުޖެހުމަށް ޝަރުތު ކޮށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ބ. އަތޮޅަށް ގެންދިޔަ ދެ ލޯންޗުގެ ފޮޓޯ ތަކަށް ބަލާލުމުން އެއީ ބާ ލޯންޗު ތަކެއްކަން އެނގުނު ނަމަވެސް ލޯންޗު ގެންދިޔައީ ކޮން ތަނަކުން ކަން ސާފު ކުރަން އެމްޓީސީސީ އަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ އެކަން އަދި ކަށަވަރުވާ ގޮތް ވަނީ ނުވެފައެވެ.
ރައީސް ސާލިހް ގެ ސަރުކާރުން ކޮންމެ ޒޯނެއް ގައި ޚިދުމަތް ފެށި އިރު ވެސް އެތަންތަނަށް ގެންގޮސްފައި ވަނީ އެ ޒޯނަކަށް ޚާއްސަ ކޮށްގެން އަލަށް ބަނދެގެން ގެންދިޔަ ލޯންޗު ކަން ފާހަގަ ކުރެވެއެވެ.
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫޢުގެ ދަށުން އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ޒޯން 2 ގައި ހިމެނޭ ބ. އަތޮޅުގައި ހޯމަ ދުވަހު ފަށާފައިވާ ކަމަށާއި، މިއާއެކު ބ. އަތޮޅުގައި (އެއަރޕޯރޓް ގާއިމްކޮށްފައިވާ 1 ރަށް ހިމެނޭހެން) މީހުން ދިރިއުޅޭ 13 ރަށް ގުޅާލެވިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެކްސް ގައި ކޮށްފައިވާ ޕޯސްޓެއް ގައި ބުނެފައި ވެއެވެ.
ޚިދުމަތުގެ ފެންވަރު ދަށްވެފައިވާ ކަން ފާހަގަ ކުރި އެހެން މީހަކު ބުނީ ޓިކެޓް ގަންނަ ފަހުން ކުއްލި އަކަށް ދަތުރު ކެންސަލް ވުން ވެސް މިހާރު އާންމު ކަމަކަށް ވެފައިވަ ކަމަށާއި، އެ ގޮތައް ކެންސަލް ވިޔަސް ފައިސާ އަނބުރާ ނުދޭ ކަމަށެވެ.