Advertisement
ކ. މާލެ
|
27 ޖުލައި 2025 | އާދީއްތަ 13:46
ޤާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން
ޤާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން
ރާއްޖެއެމްވީ
ގެދޮރުވެރިޔާ ސްކީމް
"އެފްޑީސީގެ އެއްބަސްވުންތައް ހުރީ ރައީސްގެ ވައުދުފުޅުތަކާއި ދިމާ އިދިކީލައަށް، ފްލެޓުގެ މިލްކުވެރިކަން ލިބޭނީ 25 އަހަރު ފަހުން"
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ދޫކުުރުމުގެ އުސޫލު ސަރުކާރުން އާއްމުކޮށްފައިވޭ
ފްލެޓް އެއްބަސްވުމުގެ މަރުހަލާ ކުރިއަށްދާ ގޮތާއި މެދު އާއްމުން ދަނީ ސުވާލު އުފައްދަމުން

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އެކުލަވާލަމުންދާ އެއްބަސްވުންތައް ހުރީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކާއި ދިމާ އިދިކީލައަށް ކަމަށާއި މިހާރު ކަންކަން ކުރިއަށްދާ ގޮތުން ފްލެޓުގެ މިލްކުވެރިކަން ލިބޭނީ 25 އަހަރު ފަހުން ކަމަށް، ފަހި ޔޫނިއަންގެ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ފަހިޔޫނިއަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަަކަދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވަނީ ފްލެޓްތައް ދިންތަނަކުން ދިން ގޮތަކަށް ދެއްވާނެ ކަަމަށް ވައުދުވެވަޑައިގަންނަވާފައެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީ ކޮށްފައިވާ 4000 ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ކުރީ ސަރުކާރުން ވަނީ ސޮއިކޮށްފައި ކަމަށާއި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ޖެހޭނީ އެ އެއްބަސްވުންތަކަށް ރުޖޫއަވާން ކަމަށް ވެސް އަލީ ހުސައިން ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީ ކޮށްފައިވާ 4000 ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ކުރަންޖެހޭ އެންމެހައި މުއާމަލާތްތައް ކުރިއަށްގެންދާނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް، (އެފް.ޑީ.ސީ)ން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި އެ މަރުހަލާ މިހާރު އެބަ ކުރިއަށްދެއެވެ.

އެކަމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ މިހާރު އެފްޑީސީން ހަދާ އެއްބަސްވުމަކީ ފްލެޓްތައް ކުއްޔަށް ދިނުމުގެ އެއްބަސްވުން ކަމަށާއި އެއީ އެފްޑީސީ އަށް އެކަން ކުރެވޭނެ ގޮތެއް ނޫން ކަމަށެވެ. ސަބަބަކީ އެ ފްލެޓްތައް ލިބުނު އާއްމުންނަށް ފްލެޓްތައް ދިނުމަށް ކުރީ ސަރުކާރުން ނިންމާފައި ވުން ކަމަށް އަލީ ހުސައިްނ ވިދާޅުވިއެވެ. އަދި އޭރު އެއްބަސްވުންތައް ވެސް އެކުލަވާލާފައިވާ އިރު އެ އެއްބަސްވުން ކުލީގެ އެއްބަސްވުމަކަށް މި ސަރުކާރުން ބަދަލު ކުރާ ކަމަށް އަލީ ވިދާޅުވިއެވެ.

މިހެން މިކަން ނުކުރެވޭނެ ސަބަބަކީ ގޯއްޗާއި ފްލެޓަށް ބަދަލު ނުގެންނަވާނެ ކަަމަށް ރައީސް އެއްބަސްވެފައި އެބަވޭ. މިކަމާއި ގުޅޭ އެއްބަސްވުމެއް ކުރީ ސަރުކާރުން އެކުލަވާލި. އާ އެއްބަސްވުމެއް މިގޮތަށް އެކުލަވާ ނުލެވޭނެ. މިއީ ޤާނޫނީ ސަރުކާރަކުން އެކުލަވާލި އެއްބަސްވުމެއް. އެ އެއްބަސްވުން މި ގޮތަށް ބަދަލެއް ނުކުރެވޭނެ. މި އެއްބަސްވުމުގެ ޤާނޫނީ ބަނދެވުން އެއޮތި ބަނދެވި ނިމިފަ. ކުރިން ވެފައިވާ އެއްބަސްވުމަށް އެފްޑީސީން ޖެހޭނީ ރުޖޫއަވާން. ފްލެޓްގެ އަގު އޭގައި ބަޔާންކުރަނީ. މިއަކު ނެތް ކުލީގެ ވާހަކަ އެއް.

ފަހި ޔޫނިއަންގެ ވަކީލު އަލީ ހުސައިން

ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެގްރީމެންޓް އާ ކުރަނީ އެއް ރިފަރެންސް ނަމްބަރެއްގައި ކަމަށް ވެސް އަލީ ހުސައިން ވިދާޅުވިއެވެ. ނަމަވެސް ފްލެޓްގެ އަގު ބޮޑުކޮށް، ކުއްޔާއި ގުޅޭ އެއްބަސްވުމަކަށް އެއްބަސްވުން ބަދަލުކުރަން މަސައްކަތް ކުރާ ކަމަށް އަލީ ހުސައިން ވަނީ ވިދާޅުވިއެވެ. އެހެންކަމުން އެ އެއްބަސްވުން އާ ކުރަނީ ރަނގަޅަށް ނޫން ކަމަށާއި އެއްބަސްވުމުގެ ތަބީއަތް ބަދަލުވާ ގޮތަށް އެކަން ނުކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން ތަނެއް ކުއްޔަށް ދޭ ނަމަ ދެވޭނީ، މި ސަރުކާރުން އަލަށް އަޅާ ފްލެޓްތައް ކަމަށް ވެސް އަލީ ހުސައިން ވަނީ ވިދާޅުވެފައެވެ. ދެ ފަރާތަކުން އެގްރީމެންޓެއް އެކުލަވާލާ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެ އަށް ބަދަލު ގެނެވޭނީ ދެ ފަރާތުން އެއްބަސްވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު އެފްޑީސީން އެކުލަވާލާ އެއްބަސްވުމުގައި ނުރައްކާތެރި ކަންތަކެއް ހުރިކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ދޫކުުރުމުގެ އުސޫލު އަދި މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބުނު ފަރާތްތަކާއެކު އެބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ފްލެޓު ލިބުނު ފަރާތްތަކުގެ މައުލޫމާތު އެފް.ޑީ.ސީއާ ހިއްސާކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ނަމަވެސް މި މަރުހަލާ ކުރިއަށްދާ ގޮތާއި މެދު އާއްމުން ދަނީ ސުވާލު އުފައްދަމުންނެވެ.

- ކޮމެންޓް