ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އެކްސްޕެންޝަން މަޝްރޫއުގެ އެންމެ ފަހު މަސައްކަތެއްގެ ގޮތުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފަށައި، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޮޑުބައިގެ މަސައްކަތް ނިންމި އާ ޓާމިނަލް ރައީސް މުހައްމަދު މުއިއްޒު ހޮނިހިރު ދުވަހުގެ ރޭ ހުޅުވައިފި އެވެ
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބިޔަ އެއް ޕްރޮޖެކްޓުގެ ނިމުން ފާހަގަކުރުމާ އެކު، އެތަން ހުޅުއްވައިދެއްވީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޑްރޯން ޝޯ އާއި ހަވާ އެރުވުމާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އަދި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ވެރިންނާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބްދުﷲ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
އަދި އޮޕެކް ފަންޑުގެ ރައީސް އަބްދުއްހަމީދު އާއި ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން ބިން އަބްދުއް ރަހުމާން އަލް މުރްޝިދު ވެސް ޓާމިނަލް ހުޅުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އެއީ ޓާމިނަލަށް ފައިނޭންސް ކޮށްދިން މުހިންމު ދެ ޕާޓީ އެވެ.
ޓާމިނަލް ހުޅުވުުގެ ކުރިން ޑްރޯން ޝޯއަކުން ރާއްޖެ އާއި މިނިވަންކަމާ ގުޅޭ އެކި މަންޒަރުތައް ދައްކާލި އެވެ. އަދި މާލެ ވަށައިގެން 19 ދިމާލަކުން ހަވާ އެރުވި އެވެ. އަދި އެއާޕޯޓް ކައިރިން 3 ދިމާއަކުން ވެސް ހަވާ އެރުވި އެވެ.
އެއާޕޯޓުގެ އާ ޓާމިނަލް ހޮނިހިރު ދުވަހުގެރޭ ރަސްމީކޮށް ހުޅުވިގެން ދިއައިރު، އެ ޓާމިނަލްގެ މަސައްކަތް ފެށީ މީގެ ނުވަ އަހަރު ކުރިންނެވެ. އެއީ މެއި 22، 2016 ގަ އެވެ. ސައުދީ އަރަބިއްއާގެ ބިންލާދިން ގްރޫޕާ 350 މިލިއަން ޑޮލަރަށް ހަވާލުކޮށްގެން އޭރު އެ މަސައްކަތް ފެށީ 2019 އަށް މަސައްކަތް އެއްކޮށް ނިންމާލާ ގޮތަށެވެ.
ނަމަވެސް 2018 ގައި ވެރިކަން ބަދަލުވީއިރު، އާ ޓަމިނަލްގެ ނިމިފައި ހުރީ ޕައިލިން މަސައްކަތްތައް އެކަންޏެވެ. ދެން ވެރިކަމަށް އައި ރައީސް ސޯލިހުގެ ސަރުކާރުން އާ ޓާމިނަލްގެ މަސައްކަތްތައް 2019 ގައި އަލުން ފެށީ މިހާރު އެ ފެންނަ ފަރުމާއަށް ބަދަލު ކޮށްގެންނެވެ.
އެއާޕޯޓުގެ އާ ޓާމިނަލްއަށް ގެނައި ބަދަލުތަކާއެކު މުޅި ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމާލާފައި ވަނީ 438 މިލިއަން ޑޮލަރު ހަރަދު ކޮށްގެންނެވެ.
އާ ޓާމިނަލާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން އަހަރަކު 7.5 މިލިޔަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެކަމަށް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު އެމްއޭސީއެލުން ބުނެފައިވެ އެވެ. އެއީ ގަޑިއަކު 4000 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ފެންވަރެވެ. މި ޓާމިނަލަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.
އާ ޓާމިނަލުގެ އެންމެ ތަފާތު އެއް ކަމަކީ އެތަނުގައި ހުންނަ ޕެސެންޖާ ބޯޑިން ބްރިޖުތަކެވެ. އާ ޓާމިނަލުގައި ޖުމުލަ 12 ޕެސެންޖާ ބޯޑިން ބްރިޖު ހުރެ އެވެ.
އޭގެއިތުރުން އެއާޕޯޓުގެ އާ ޓާމިނަލުގައި ހުންނަ އޮޓޮމެޓިކް ބެގެޖް ސިސްޓަމަކީ ވެސް ރާއްޖޭގައި މުޅިން އަލަށް ބޭނުންކުރަން ފަށާ ސިސްޓަމެކެވެ.
އާ ޓާމިނަލުގައި ބޭނުންކުރާ އޮޓޮމެޓިކް ބެގެޖް ސިސްޓަމަކީ ފަސިންޖަރުންގެ ކްލާސްތައް ވަކިކޮށް ތަފާތު އެކި ފްލައިޓުތަކުގެ ބެގެޖުތައް އަމިއްލައަށް ވަކިކުރުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމެކެވެ.
އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.