ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ އައު ޓާރމިނަލް ތަރައްގީ ކުރުމުގެ މަސައްކަތް ހުރީ މީގެ ކުރިން ވެސް 61 އިންސައްތަ ނިމިފައި ކަމަށާއި އެތަނުގައި އިތުރަށް ކުރަން ހުންނާނީ އެންމެ 40 އިންސައްތައިގެ މަސައްކަތް ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ކުރީގެ ޗެއަރމަން އަދި ޔުނިވަރސަލް އެންޓަޕްރައިސަސް ގެ ޗެއަރމަން މުޙައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެ އެވެ.
އުމަރު މަނިކު މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނެވެ.
އޭނާ ވިދާޅުވީ އެއަރޕޯޓުގެ މަސައްކަތުގެ ތެރެއަށް ޓާރމިނަލް މަސައްކަތް އެންމެ ފުރަތަމަ ކުރެވުނީ ޖަޕާން މީހުންނާއި އެކުގައި ކަމަށެވެ. އެމީހުން ޓާރމިނަލް މަސައްކަތުގެ ވަރަށް ބޮޑުބައި ނިންމާފައިވާ ކަމަށް ވެސް އުމަރުމަނިކު ވިދާޅުވި އެވެ.
އެހެން ނަމަވެސް މަސައްކަތް އެއްކޮށް ނުނިމެނީސް ޖަޕާން މީހުން މަސައްކަތް ހުއްޓާލާފައި ދިއައީ ކަމަށާއި އޭގެ ފަހުން ކޮރެއާ ބަޔަކު ވެސް މަސައްކަތް ކުރިކަމަށެވެ.
ނަމަވެސް އޭގެ ފަހުން އެއަރޕޯޓު ޓާރމިނަލްގެ މަސައްކަތް ރަނގަޅަށް ހިނގައިގަތީ، އޭރު އޮތް ސަރުކާރުން މިޑްލްއީސްޓް ކޮންސޮލިޑޭޓޭޓް، އަބޫދާބީ ފަންޑު، ކުވެއިތް ފަންޑު، އޯޕެކް ފަދަ ތަންތަނުން ހޯދި ފަންޑުތަކުގެ އެހީތެރިކަމާއި އެކުގައި ކަމަށް އުމަރުމަނިކު ވިދާޅުވިއެވެ.
އުމަރުމަނިކު ވިދާޅުވީ މިހާރު ޓާރމިނަލްގައި އެ ހުރި ޑިޒައިން އަކީ ޖަޕާން މީހުންގެ އަމިއްލަ ޑިޒައިނެއް ކަމަށާއި، އެއީ ޖަޕާނު މީހުން ކުރެހި ޑިޒައިނެއް ކަމަށެވެ. އަދި އެމީހުން ކުރެހި އެ ޑިޒައިންގެ ރައިޓްސް ގަތީކަމަށާއި މިހާރު އެއިން ޑިޒައިނަކީ އޭގެ ޑެވެލޮޕްމަންޓެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އުމަރުމަނިކު ވިދާޅުވީ އޭނާ އެއަރޕޯޓުން ވަކިވެ ވަޑައިގެން އިރު، ޓަރމިނަލްގެ ބޮޑުބައެއް ހުރީ ނިމިފައި ކަމަށެވެ. އެގޮތުން އެތަނުގެ 61 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ޑެވެލޮޕް ކޮށްފައި އެ ހުރީ ގާތްގަނޑަކަށް ޓާރމިނަލްގެ އެ މަސައްކަތުގެ 40 އިންސައްތަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އުމަރުމަނިކު ވިދާޅުވީ ޓާރމިނަލް މަސައްކަތް އެންމެ ފުރަތަމަ ފެށުނު ދުވަހުން ފެށިގެން ވެސް އޮތީ އެ ޓާރމިނަލްގެ މަސައްކަތް މުޅިން ނިންމާ މި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ތަނުގެ ތަޅުދަނޑި ހަވާލުކުރާ ގޮތަށް ކަމަށެވެ.
އޭރުގައި ވެސް ވަނީ އެއާރޕޯޓުގެ ބޮޑުބައެއް މަސައްކަތް ނިމިފަ. 61 އިންސައްތަ މަސައްކަތް ހުރީ ނިމިފަ. އޭރު ނިންމާފައި އޮތީ އެތަން ނިންމައި 2025 ފެ ޖުލައި މަހުގެ 26 ވަނަ ދުވަހު ހަވާލުކުރާ ގޮތަށް. "ވީ ވިލް ގިވއ ޔޫ ދަ ކީސް" އޭރުވެސް ބުނެފައި އޮތީ އެހެން
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ކުރީގެ ޗެއަރމަން އަދި ޔުނިވާސަލް އެންޓަޕްރައިސަސް ގެ ޗެއާމަން މުޙައްމަދު އުމަރު މަނިކު![]()
އޭނާ އިތުރަށް ވިދާޅުވީ އެއަރޕޯޓުގެ އައު ޓާރމިނަލްގެ ކްރެޑިޓް އެއްވެސް ބަޔަކަށް ނުނެގޭނޭ ކަމަށެވެ. ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ މަސައްކަތުގެ މިނަވަރު ތަފާތުވި ނަމަވެސް ހުރިހާ ސަރުކާރަކުން ވެސް އެތަނުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެއްވެސް ސަރުކާރަކަށް އެ ޓާރމިނަލްގެ ކްރެޑިޓް ނުނެގޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ.