ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސް އެކައުންޓުގައި ކުރައްވާ ޕޯސްޓުތައް ރިޓްވީޓޔުކުރަން ދައުލަތުގެ ވަޒީރުންނަށާއި މަޖިލިސް މެމްބަރުންނަށް އަންގަވަމުން ގެންދާ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެ އެވެ.
ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އައްބާސް ވިދާޅުވީ މިއަދު މި ގައުމުގައި ރައީސް މުއިއްޒަށް އެއްވެސް ވަރަކަށް ތާއީދު ނެތް ކަމަށެވެ.
އައްބާސް ވިދާޅުވީ ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މެޖިލީހުގެ 75 މެމްބަރުންގެ ތެރެއިން 15 މެމްބަރުން ވިޔަވައި ރައީސް މުއިއްޒަށް ތާއީދު ކުރައްވާ އެއްވެސް މެމްބަރަކު ނެތްކަމަށެވެ.
އައްބާސް ވިދާޅުވީ ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން ބޮޑުބައެއް މިހާރު ތިބީ ރައީސް މުއިއްޒުގެ ސިޔާސަތުތަކާއި ދެކޮޅަށް ކަމަށެވެ. އަދި އެ މެމްބަރުން ތިބީ އެއްގޮތަކަށް ވެސް ހިތްހަމަ ޖެހިގެން ނޫން ކަމަށާއި އެ މެމްބަރުން މިހާރު ވެސް ގެންދަވަނީ ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅު ވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި އެ މެމްބަރުންނާއި ބައްދަލުވާ ރައްޔިތުންގެ ގާތުގައި ވެސް ރައީސް މުއިއްޒުގެ ސިޔާސަތުތަކާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، ފާޑުކިޔާ ކަމަށާއި އެ ފަޑުކިޔުންތައް އަޑުއިވިފައި ހުރި ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށްފައި އޮތް ގާނޫނަކީ ރައީސް މުއިއްޒުގެ މަކަރުވެރިކަމުން ފާސްކުރައްވާފައި އޮތް ގާނޫނެއް ކަމަށާއި ނަމަވެސް އަދި އޮތް ގޮތުން ޕާޓީ ބަދަލުކުރިއަސް މެމްބަރުންނަށް ގޮނޑި ނުގެއްލޭނޭ ކަމަށެވެ.
އައްބާސް ވިދާޅުވީ ގޮނޑިގެއްލޭ ގާނޫނު ފާސްކޮށްފައި އޮތް ނަމަވެސް އަދި މަޖިލީހުން ވެސް ގަވައިދެއް ހަދަން ޖެހޭނޭ ކަމަށާއި އެ ގަވައިދު އަދި ހަދާފައި ނެތް ކަމަށެވެ. އެހެން ކަމުން މަޖިލީހުން ހަދަން ޖެހޭ އެ ގަވައިދު ނުހަދާހައި ހިނދަކު މެމްބަރުންގެ ގޮނޑި ނުގެއްލޭނޭ ކަމަށް އައްބާސް ވިދާޅުވި އެވެ.
ކަންމިހެން އޮތް އިރުގައި ރައީސް މުއިއްޒުގެ ވިސްނުންފުޅާއި އެކު ގައުމަށް ދިމާވެފައި މި އޮތް ބޮޑެތި މައްސަލަތަކަށް ހައްލެއް ނުހޯދައިފި ނަމަ ކުރިއަށް އޮތް އަހަރެއްހައި ދުވަސްތެރޭގައި ސަރުކާރަށް ލިބިފައި އޮތް ސުޕަރ މެޖޯރިޓީ ވެސް ގެއްލިގެން ދާނެ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ މިހާރުގެ ހާލަތަު މިއޮތްގޮތުން ރައީސް މުއިއްޒަށް މި ގައުމުގައި 10 އިންސައްތަ ތާއީދު ވެސް ނެތް ކަމަށެވެ.
އައްބާސް ވިދާޅުވީ ރައީސް މުއިއްޒު ކުރައްވާ ޓްވީޓުތައް ރިޓްވީޓު ނުކުރުރައްވައިގެން މީގެ ދެހަފްތާއެއް ވަރުކުރިން މި ސަރުކާރުގެ ހުރިހާ ވަޒީރުން ހާޒިރުކޮށްސުވާލުކުރައްވާފައިވާ ކަމަށެވެ.
އަދި ރައީސް މުއިއްޒު ކުރައްވާ ޓްވީޓުތައް ގިނައިން ރިޓްވީޓު ކުރެއްވުމަށް ސްޓޭޓު މިނިސްޓަރުންނާއި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒަކީ ޕީއެންސީ ރައީސޭ ވިދަޅުވެ، ރަށްރަށް ނިކަން ވަޑައިގެންބައްލަވާ، 50 މީހުން ވެސް ނުނިކުންނާނެ، ނެތޭ އިނގޭތޯ ތާއީދެއް. އޭގެ ކުޑަކުޑަ މިސާލެއް ދަންނަވާފާނަން. މީގެ ދެ ހަފްތާއެއްވަރު ކުރިން، ރައީސް މުއިއްޒު ކުރައްވާ ޓްވީޓުތައް، ރިޓްވީޓު ކުރައްވާލެއް މަދުކަމުން ހުރިހާ ވަޒީރުންން އެއްކުރައްވާފައި މި ވިދާޅުވަނީ ހާދަހާ މަދޭ ރިޓްވީޓު ކުރައްވާލެއް. ކިހިނެއްތޯއޭ މި ވަނީ.
ވެލިދޫ ދާއިރާގެ މެމްބަރު އައްބާސް![]()
އައްބާސް އިތުރަށް ވިދާޅުވީ މިއަދު މި ގައުމުގައި ތާއީދު ނެތްކަން އެނގިލައްވާތީ ރައީސް މުއިއްޒު އުޅުއްވަނީ ގޮތް ހުސްވެގެން ކަމަށެވެ. އަދި ޚުދު އެމަނިކުފާނަށް ވެސް މިހާރު ވަމުން ދާގޮތް ވަރަށް ސާފު ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.