Advertisement
ކ. މާލެ
|
25 ޖުލައި 2025 | ހުކުރު 18:59
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ
ރާއްޖެއެމްވީ
ރައީސް މުއިއްޒު
"ގެދޮރުވެރިކުރުވުމުގެ ވައުދުގެ ހަގީގަތް އޮޅުން ނުފިލާކަމަށާއި އެއީ ވެސް ސްކޭމް އެއް"
ބައެއް ރަށްރަށުގައި ހައުސިން ޕްރޮޖެކްޓްތައް ހިންގުމަށް ސަރުކާރުން އިއުލާން ކުރި ނަމަވެސް އެކަން ކުރިއަށް ނުދާކަމަށް އޭނާ ވިދާޅުވި
ވެރިކަމަށް ރައީސް މުއިއްޒު ވަޑައިގަތީ ދޮގާއި މަކަރުން ކަން މިއަދު ރައްޔިތުން ޤަބޫލުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި

ރައީސް ޑރ.މުހައްމަދު މުއިއްޒު އައްޑޫ އަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ގެދޮރުވެރިކުރުވުމުގެ ވައުދުގެ ހަގީގަތް އޮޅުން ނުފިލާކަމަށާއި އެއީ ވެސް ސްކޭމް އެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދީދީ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ވައުދު ނާމާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ބައެއް ރަށްރަށުގައި ހައުސިންގ ޕްރޮޖެކްޓްތައް ހިންގުމަށް ސަރުކާރުން އިއުލާން ކުރި ނަމަވެސް އެކަން ކުރިއަށް ނުދާކަމަށް އޭނާ ވިދާޅުވިއެވެ. އެ ސަރަހައްދުގައި ފެނާއި ނަރުދަމާ ނެތްތަނުގައި އުމްރާނީ އެހެން މަސައްކަތެއް ވެސް އެ ސަރަހައްދުގައި ނުހިނގާ ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ތަނެއްގައި ގެދޮރުވެރިކަމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާއި މެދު ދީދީ ސުވާލު އުފެއްދެވިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވާފައި ވަނީ ކުރީ ސަރުކާރުން ފަށާފައި ހުރި މަޝްރޫޢުތައް ހިންގުމަށާއި އެއަށް ވުރެ ރަނގަޅަށް ކަންކަން ކުރުމަށް ވައުދުވެވަޑައިގެން ކަމަށް ދީދީ ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުގައި ވީ ގިނަ ވައުދުތައް އެ ސަރުކާރުން އައީ ފުއްދަމުން ކަމަށާއި އެ ކަންކަން ހުއްޓުނީ މި ސަރުކާރު ވެރިކަމަށް އައި ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ. މަގު ހެދުމުގެ ޕްރޮޖެކްޓް ފަދަ ބޮޑެތި މަޝްރޫޢުތައް ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ނަމަވެސް މިހާރު އެކަމަށް އަހައްމިއްޔަތުކަން ނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫގެ އިގްތިސާދު ކުރިއެރުވުމަށް ވެސް ކުރީގެ ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ދޮޅު އަހަރު ވެގެން ދިޔަ އިރު އެއްވެސް ކަމެއް ނުވޭ. ކަރަންޓުގެ މައްސަލަިއގައި ވެސް ރައްޔިތުން އެބަ އާދޭސް ކުރޭ މި ވާހަކަ ދައްކަ ދީބަލާށޭ ބުނެ. މިހެން ކަންކަން ކުރާކަށް ނޫން ރައްޔިތުން ވޯޓުދިނީ." ދީދި ވިދާޅުވިއެވެ.

މީގެ އިތުރުން މަސްވެރިންގެ އާމްދަނީ ދަށަށް ގޮސް އައްޑޫގެ މަސްވެރިން ވެސް ތިބީ ނާއުންމީދުވެފައި ކަަމަށް އޭނާ ވިދާޅުވިއެވެ. ވެރިކަމަށް ރައީސް މުއިއްޒު ވަޑައިގަތީ ދޮގާއި މަކަރުން ކަން މިއަދު ރައްޔިތުން ޤަބޫލުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫސިޓީގައި އެމްޑީޕީން ހިންގި ގިނަ ކަންކަން ހުއްޓިފައިވާ ކަމަށާއި ފެންނަނީ މާޔޫސްވާ ކަހަލަ މަންޒަރުތަކެއް ކަަމަށް ދީދީ ވިދާޅުވިއެވެ.

- ކޮމެންޓް