ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ކެބިނެޓު އެއްކޮށް ފެއިލްވެފައިވާ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ޝަމްހީދު ވިދާޅުވީ މިސަރުކާރުގެ ކެބިނެޓު އެއްކޮށް ފެއިލްވެފައިވާ ކަމަށާއި، މިނިސްޓަރުންނަށް ރައީސް މުއިއްޒު އިތުބާރު ނުކުރައްވާކަން ހާމަވެފައިވާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނު އަމިއްލަފުޅަށް ބައެއް ކަންކަން ނިންމައިވައި، ބައެއް ކަންކަން ކުރައްވާ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވިއެވެ.
ހުރިހާ މިނިސްޓަރުން ފެއިލްވެފައިވާކަން ފާހަގަކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ، ކުރާ ސުވާލުތަކަށް މިނިސްޓަރުން ފުރަތަމަ ދެއްވާ ޖަވާބާއި، ދެވަނަ ފަހަރަށް ދެއްވާ ޖަވާބު މުޅިން ތަފާތު ކަމަށެވެ. އަދި ވިދާޅުވީ މިސަރުކާރުގެ ސިޔާސަތު ވެސް ސާފުކޮށް ނުދެވޭ ކަމަށެވެ. ސިޔާސަތު ވެސް އޮޅުންބޮޅުންވެ، ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިިތުރުން މެންބަރު ޝަމްހީދު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކާއި، އެހެނިހެން ގައުމާ ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި މިނިސްޓަރުންނަށް ހެދޭ ނުހެދޭ ގޮތް ނޭނގި، ސަރުކާރުއެކީ ފެއިލްވާ ނިންމުންތައް ނިންމާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިޚާބު ކަމަށްވާތީ އެ މިނިސްޓަރުންނަށް ފިޔަވަޅު އެޅެން ނެތް ކަމަށް މެންބަރު ޝަމްހީދު ވިދާޅުވިއެވެ.
އަޅުގަނޑު ގަބޫލުކުރަނީ މިހާރު ރައީސް ގެ ކެބިނެޓް ފެއިލްވެފައިވާ ކަމަށް. ކެބިނެޓް ފެއިލްވެއްޖެކަންއަޅުގަނޑުމެންނަށް އެނބަ އެނގޭ. ދެން ރައީސް އިތުބާރެއް ވެސް ނުކުރައްވާ. އެންމެ ފުރަތަމަ ކެބިނެޓުގެ ވަޒީރުން މަޖިލީހަށް އައިސް ދެއްކި ވާހަކަ ވެސް މިއަދު ދިމަލެއް ނުވޭ. އިކޮނޮމިކް މިނިސްޓަރު ދެއްކި ވާހަކަ ތަސައްވުރުގެ ވާހަކަ ހަގީގަތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި. އެކަން ވެސް އޮތީ ފެއިލްވެފައި. ދެން މާލީ ވަޒީރު އަޅުގަނޑުމެންނަށް ވެސް ޔަގީންކަން ދެއްވި މީގެ ދެތިން މަސްކުރިން ދިވެހިރާއްޖޭގައި މިހާރު ހުރި ލޯނުތައް ދައްކަން ބޭނުންވާ ފައިސާ އެމަނިކުފާނު ހޯއްދަވާފިކަމަށް. މިއަދު އެހެންވީމަ އަޅުގަނޑަށް ހީވަނީ ހުރިހާ މިނިސްޓަރުންތައް ފެއިލްވެއްޖެހެން. އެހެންވީމަ ރައީސް އަމިއްލައަށް ހުރިހާ ކަމެއް ކުރާ ހިސާބަށް ދިޔައީ.
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު![]()
މެންބަރު ޝަމްހީދު ވިދާޅުވީ މި ސަރުކާރުން ގައުމު ގެންދަން މަސައްކަތް ކުރާ މިސްރާބު ނޭނގޭ ކަމަށާއި، ރައްޔިތުންގެ މަޖިލީހަށް ވެސް ވާނުވާ ނޭނގޭ ކަމަށެވެ. އަދި ގައުމު ދަނީ ރަނގަޅަށް ނޫންކަން އެނގޭކަމަށާއި، އެކަމުގެ ދެރަ ނިކަމެތިކަން ރައްޔިތުންނަށް ލިބޭ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވިއެވެ.