Advertisement
ކ. މާލެ
|
24 ޖުލައި 2025 | ބުރާސްފަތި 22:58
ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ ހައިދަރުއާބާދު ހައުސްގައި - އޮގަސްޓް 2، 2022
ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ ހައިދަރުއާބާދު ހައުސްގައި - އޮގަސްޓް 2، 2022
ގެޓީ އިމޭޖަސް
ދިވެހިރާއްޖެ-އިންޑިއާ ގުޅުން
ރައީސް ސާލިހް ރާއްޖޭގައި ވަޑައިގެން ނޫޅުއްވާތީ ބޮޑު ވަޒީރު މޯދީ އާ ބައްދަލު ކުރެއްވުން ބޭއްވޭ ގޮތެއް ނުވި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް މި ވަގުތު ހުންނެވީ ފަރުވާ އަކަށް ރާއްޖެ އިން ބޭރުގައި
މޯދީ ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް މަރުހަބާ ވިދާޅުވެ ރައީސް ސާލިހް ވަނީ ބަޔާނެއް ނެރުއްވާފައި
އިންޑިއާ ގަސްދުގައި ރުޅި އެރުވުމަށް ބަޔަކު މަސައްކަތް ކުރުމުން ވެސް އިންޑިއާ އިން ދައްކައިދިނީ ދިވެހިންނަށް އޮތް ފުން އިހްތިރާމް ކަމަށް ސާލިހް ވިދާޅުވި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާ ބައްދަލު ކުރެއްވުމަށް އިންޑިއާ ސަރުކާރުން ހުށަހެޅި ނަމަވެސް އެ ބައްދަލު ކުރެއްވުން ނުއޮންނާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ކުރީގެ ރައީސް ސާލިހްގެ އޮފީހުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ބޮޑު ވަޒީރުގެ ދަތުރުފުޅުގައި ކުރީގެ ރައީސް އާ ވަކިން ބައްދަލު ކުރައްވަން ހުށަހެޅުއްވި ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގައި ނުއުޅުއްވާތީ ބައްދަލުވުން އިންތިޒާމު ކުރެވޭ ގޮތް ނުވި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސާލިހް މި ވަގުތު ހުންނެވީ، ސިއްހީ ފަރުވާ އަކަށް ރާއްޖެ އިން ބޭރުގައެވެ.

ސާލިހް އާއި މޯދީ ގެ ބައްދަލުވުން ބޭއްވޭ ގޮތް ނުވި ނަމަވެސް، ރާއްޖޭގެ މިނިވަން ދުވަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ޝަރަފްވެރި މެހެމާނެއްގެ ގޮތުން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް މަރުހަބާ ވިދާޅުވެ ރައީސް ސާލިހް ވަނީ ބަޔާނެއް ނެރުއްވާފައެވެ.

ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާ ގައި އާންމު ކުރެއްވި ބަޔާނުގައި ބޮޑު ވަޒީރުގެ މި ދަތުރުފުޅުން އަންގައި ދެނީ، ސިޔާސީ ގޮތުން ގަސްދުގައި ބަޔަކު އިންޑިއާ ރުޅި އެރުވަމާ އެކު ވެސް އިންޑިއާ އަކީ ދިވެހި ރައްޔިތުންނަށް ފުން އިހްތިރާމެއް ކުރާ ގައުމެއް ކަމަށާއި، އަދި އިތުބާރު ކުރެވޭ ގާތް ޒަމާންވީ ރަހްމަތްތެރި އެއް ކަމުގައި ރައީސް ސާލިހް ވަނީ ވިދާޅުވެފައެވެ.

މިނިވަން ދުވަހުގެ އިހްތިފާލު ތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސް މުއިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު އެވެ.

މޯދީ ހުންނެވުމަށް ހަމަ ޖެހިފައިވަނީ ކުރުނބާ ވިލެޖް ރިސޯޓް ގައެވެ.

މިހާރު ރާއްޖޭގައި އޮތް ސަރުކާރުގެ އިސް ވެރިންގެ ގޮތުގައި ތިއްބެވި ގިނަ ފަރާތްތަކަކީ "އިންޑިއާ އައުޓް" ކެމްޕޭނުގައި އަމަލީ ގޮތުން ބައިވެރިވެ އިންޑިއާ އާ މެދު ދިވެހިންގެ ހިތުގައި ބިރުވެރިކަމާއި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރި ފަރާތްތައް ކަން ފާހަގަ ކުރެވެއެވެ.

"އިންޑިއާ އައުޓް" ކެމްޕޭނުގެ ތެރެއިން ވެރިކަމަށް ވަޑައިގަތުމަށް ފަހު މުއިއްޒު އައްޔަން ކުރައްވާފައިވާ ތިން ނައިބު ވަޒީރަކު މޯދީ އަށް މަލާމާތް ކޮށް ބޭއަދަބީ ބަސްތައް ރައްދުކޮށް ސޯޝަލް މީޑިއާ ގައި ހިންގި ކެމްޕޭނެއްގެ ސަބަބުން ދެ ގައުމުގެ ގުޅުން ދުވަހަކު ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސް އިންޑިއާ އިން ރާއްޖެ އަންނަމުން ދިޔަ ފަތުރުވެރިންގެ އަދަދު އިންތިހާ އަށް ދަށަށް ދިޔަކަން ފާހަގަ ކުރެވުނެވެ.

އޭގެ އިތުރުން ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު އެނބުރި ވަޑައިގެން ނޫސްވެރިންނަށް ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ އިންޑިއާ އަށް ނިސްބަތް ކުރައްވާ ވަރަށް ދަށު ދަރަޖައިގެ ވާހަކަ ދައްކަވާފައެވެ. އެ ގޮތުން ގައުމު ކުޑަ ވުމަކީ ބޮޑު ގައުމަކުން ރާއްޖެ އަށް ހަނގާ ކުރަން ލިބޭ ލައިސަންސެއް ނޫން ކަމަށް ވިދާޅުވިއެވެ.

ރައީސް ސާލިހްގެ ބަޔާނުގައި ދިވެހި ރާއްޖޭގެ މިނިވަން ދުވަހުގެ އިހްތިފާލުތައް ޝަރަފްވެރި ކޮށްދެއްވުމަށް ބޮޑު ވަޒީރު މޯދީ އަށް ދައުވަތު އެރުވި ކަމަށް ޓަކައި ރައީސް މުއިއްޒު އަށް ޝުކުރު އަދާ ކުރައްވާފައި ވެއެވެ. އަދި މި ދަތުރުފުޅުގެ ކާމިޔާބު ދަތުރުފުޅަކަށް ވާނެ ކަމަށާއި، ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އައު އުސްމިނަކަށް ދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

- ކޮމެންޓް