ނ.ތޮޅެންދޫ މައްސަލާގައި ލާމަރުކަޒީ ގާނޫނަށް ބަދަލު ނުގެނެސް، އެޓާނީ ޖެނެރައަލް އަހްމަދު އުޝާމަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ނ.އަތޮޅުގެ ކައުންސިލް ރައީސް އަދި ކައުންސިލް އެސޯޝިއޭޝަންގެ ޗެއަރޕާރސަން މުހައްމަދު ބަޝީރު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު މާޅެންދޫއަށް ވަޑައިގަންނަވާ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މާޅެންދޫއަށް ތޮޅެންދޫ ދޭން ހުރަސް އަޅަނީ އަތޮޅު ކައުންސިލުން ކަމަށެވެ. އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި، އެކަން އެގޮތަށް ފުއްދައިދިނުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. ނަމަވެސް ކޯޓުގައި މައްސަލަ އޮތްއިރު، އަޑު އެހުމަށް އަތޮޅު ކައުންސިލުން ހާޒިރުނުވާ ކަމަށާއި، މައްސަލަ ނުހިނގާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމައްސަލާގައި ކުރިއަށް ދިއުމަށް އޭޖީއަށް އަންގަވާފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ރާއްޖެއެމްވީއަށް ނ.އަތޮޅުގެ ކައުންސިލް ރައީސް އަދި ކައުންސިލް އެސޯޝިއޭޝަންގެ ޗެއަރޕާރސަން މުހައްމަދު ބަޝީރު ވިދާޅުވީ ރައީސް މުއިއްޒު ވާހަކަދެއްކެވީ ވާނުވާ ނޭނގި ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަނީ އެރަށް ވިއްކާލުމަށް ކަމަށެވެ. އަތޮޅު ކައުންސިލުން އެކަމަށް ދެކޮޅު ހަދާ ކަމަށާއި، ރަށް ވިއްކާ މައްސަލަ އާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާ އެކަން ހުއްޓުވީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެރަށް ނުވިއްކޭނެ ކަމަށް ކޯޓުން ވެސް އަމުރުކޮށްފައިވާ ކަމަށެވެ.
މިއީ އަތޮޅުތެރޭގައި ވަރަށް ފިތުނަ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވައި ބަޝީރު ވިދާޅުވީ ރަށެއްގެ ފަޅުން ވަކިވެފައި އޮންނަ ރަށެއްގައި އަދި 700 މީޓަރަށްވުރެ ދުރުގައި އޮންނަ ރަށެއް ވަކި ރަށެއްގެ އިހްތިސާސްގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެރަށް މާޅެންދޫގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމަށްވާނަމަ ގދ.ގެ ރަށްތައް ވެސް ހިމެނޭނެ ކަމަށެވެ.
މީގެ އިތުރުން ބަޝީރު ވިދާޅުވީ މިމައްސަލާގައި އޭޖީއަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި، މާޅެންދޫގެ އިހްތިސާސްގެ ތެރޭގައި ހިމަނާ ކަމަށްވާނަމަ ލާމަރުކަޒީ ގާނޫނު ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މިމައްސަލައަށް ސަރުކާރަށް މިހާރުން މިހާރަށް ވެސް ހައްލު ހޯދޭނެ ކަމަށާއި، މިރަށް ވިއްކާލުމަށް މަސައްކަތް ނުކޮށް ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރެވޭނެ ކަމަށެވެ.
ނ. އަތޮޅު ކައުންސިލްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އަތޮޅު ކައުންސިލްގެ ފަރާތުން ފިޝަރީޒް މިނިސްޓްރީއަށް ތޮޅެންދޫއާ ގުޅޭ ގޮތުން ކުރި މަޝްވަރާއާ ހިލާފަށް 21 އަހަރަށް އެ ރަށް ކުއްޔަށް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށް ބުނެ، އެކަން ހުއްޓުވުމަށެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން ހުކުމެއް ނެރުނީ 16 މާޗު 2022 ގައެވެ. އެ އަމުރު ބާތިލު ކުރުމަށް ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން 30 ޖޫން 2022 ގައި ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކުރި އެވެ. އެއަށްފަހު މައްސަލަ އިސްތިއުނާފު ކުރީ ސުޕްރީމް ކޯޓުގަ އެވެ. އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.