ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ދިވެހިރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލައަކީ ''މިސްޓީރިއަސް'' މައްސަލައެއް ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ޝަމްހީދު ވިދާޅުވީ މިސަރުކާރާއެކު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޑޮލަރުގެ މައްސަލަ ކަމަށާއި، އެއީ މިސްޓީރިއަސް މައްސަލައެއް ކަމަށެވެ.
މި އަހަރަކީ އެންމެ ގިނައިން ދައުލަތަށް ޑޮލަރު ވަންނަ އަހަރުކަން ފާހަގަކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ ޓެކްސްގެ ގޮތުންނާއި، މާރުކޮށްގެން ވެސް މިއަހަރު ދައުލަތަށް ގިނަ އަދަދެއްގެ ޑޮލަރު ވަންނާނެ ކަމަށެވެ. ނަމަވެސް މިސަރުކާރުގައި ތަރައްގީގެ ހުރިހާ މަޝްރޫއެއް ހުއްޓިފައިވާ ކަމަށާއި، ޑޮލަށް ވާނުވާ ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރު ޝަމްހީދު ވިދާޅުވީ ޑޮލަރަށް ހަދާނުހަދާ ގޮތް ނޭނގެނީ މިސަރުކާރުގެ ސިޔާސަތުގެ ސަބަބުން ކަމަށެވެ. ރައްޔިތުންނާއި ގައުމަށް ފައިދާވާ ގޮތަށް އެމްއެމްއޭގެ ގަވަރުނަރު އަޙުމަދު މުނައްވަރަށް އެއްވެސް ކަމެއް ނުނިންމޭ ކަމަށާއި، އެބޭފުޅާ ހުންނެވީ ސަރުކާރުގައި ވަރަށް ބޮޑަށް ތާށިވެފައި ކަމަށް މެންބަރު ޝަމްހީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރުން އެމްއެމްއޭ ހިންގާ ހިނދެއްގައި ޑޮލަރުގެ މައްސަލައަށް ހައްލު ނުލިބޭނެ ކަމަށެވެ.
މީގެ އިތުރުން މެންބަރު ޝަމްހީދު ވިދާޅުވީ މިސަރުކާރުގައި ގޮތް ނޭނގޭ މަޝްރޫއުތަކެއް އެބަހުރި ކަމަށެވެ. އޭގެތެރޭގައި ފުށިދިއްގަރުފަޅުގެ މަޝްރޫއު ހިމެނޭ ކަމަށާއި، ވާނުވާ ނޭނގި ކުއްލިއަކަށް މަގުމަތިން ޑްރޯންއާއި، ޓޭންކަރު ފަދަ ވެހިކަލްތައް ފެންނަ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވިއެވެ. އަދި ރިޒާވްގައި ހުރި ފައިސާއިން ފުށިދިއްގަރުފަޅުގެ މަޝްރޫއު ހިންގުމަށް މަސައްކަތް ކުރާކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމުގެ މައުލޫމާތު ހޯދުމަށް ކުރި މަސައްކަތް ވެސް ކާމިޔާބުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ އަޅުގަނޑުމެން ދައްކާވާހަކައެއް ނޫން. އެންމެފަހުން އެމްއެމްއޭއިން ނެރުނު ތަފާސްހިސާބުގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ވިދާޅުވި 2024 ވަނަ އަހަރު ގައުމުގެ އިގްތިސާދު 5.5 ޕަސެންޓަށް ކުރިއަރާގެން ދިޔަ ކަމަށް. އެކަމަކު އެމްއެމްއޭއިން އިހަށްދުވަހު އެބައޮތް ނެރެފައި 5.5 ނޫނޭ 3.3 ގައޭ އިގްތިސާދު ދުވެލި ހުރީ. އަދި މިއަހަރު އަންދާޒާ ކުރި 6.5 ނޫނީ 6.1 ޕަސެންޓް ބަދަލުގައި މިހާރު ގަބޫލުކުރެވެނީ 4.5 ޕަސެންޓްގައި ކަމަށް. މާނައަކީ އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ އާއްމުކޮށް ޑޮލަރުގެ މައްސަލަ ދިމާވަނީ ތަރައްގީގެ ބައިވަރު މަޝްރޫއުތައް ހިންގައިގެން އެމަޝްރޫއު ހިންގުމަށް ބޭނުންވާ އިމްޕޯޓް މުދާ ގެނައުމަށްޓަކައި ހަގީގަތުގައި ގިނަފަހަރު ޑޮލަރުގެ ޑިމާންޑް އިތުރުވަނީ. އެކަމަކު އަޅުގަނޑުމެންނަށް އެބަ އެނގޭ ތަރައްގީގެ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަން. ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުގައި މިއަހަރު ޖައްސާފައި ހުރި ފައިސާއިން އަދި މާކެޓަށް ނުނެރޭކަން. އެއީ އެބޭފުޅުން ނެރުއްވާ ހިސާބު. މިއަދާ ހިސާބަށް ރައީސުލްޖުމްްހޫރިއްޔާ ގެދޮރުވެރިކަމަށް 1800 މިލިއަން ބަޖެޓު ޖައްސާފައި އިންއިރު އަދި ނެތް 100 މިލިއަން ހޭދަކުރައްވާފައި. މާނައަކީ 5 ޕަސެންޓް ޕީއެސްއައިޕީ ހޭދަކޮށްފައި މިތިބީ.
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު![]()
އިގްތިސާދު ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާކަން ފާހަގަކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ނުހިނގައި ޑޮލަރުގެ މައްޗަށް ދުވަހަކަށްވުރެ ދުވަހެއް މައްޗަށްދާ ކަމަށާއި، ޑޮލަރަށް ވާގޮތް ރައްޔިތުން ނުކުމެ ހޯދަންޖެހޭ ކަމަށެވެ.
މީގެ އިތުރުން ބޭސްފަރުވާއަށް ދާ މީހުންނަށް ދޭ ޑޮލަރުގެ ލިމިޓް ބޮޑުވެފައިވާކަން ސަރުކާރުން ހާމަކުރި ނަމަވެސް ބޮޑު ކިޔުއެއްގައި ޖެހެން ޖެހޭ ކަމަށާއި، ބޭސްފަރުވާއަށް ދާ މީހުންނަށް އެ ޑޮލަރު ލިބޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއީ އޮޅުވާލުމެއް ކަމަށެވެ.