މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު ހުންނެވީ ވަރަށް ބޮޑަށް ކޯފާވެފައި ކަމަށާއި އެޕޮއިންޓްމަންޓެއް ނުހައްދާ ބައްދަލުނުކުރެވޭނޭ ކަމަށް ވިދާޅުވެފައިވާ ކަމަށް އިދިކޮޅު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޕާރލިމެންޓް ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
މެމްބަރު ނާޒިލް މިފަދައިން ވިދާޅުވީ ހޯމަ ދުވަހު އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާއި ބައްދަލުކުރެއްވުމަށް މަރުކަޒީ ބޭންކް އެމްއެމްއޭއަށް ވަޑައިގަތުމަށް ފަހު ނުކުމެވަޑައިގެން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުންނެވެ.
ރާއްޖޭގައި ޑޮލަރު ލިބުން ދަތިވެ، ގިނަ ވިޔަފާރިތަކަށް މިކަމުގެ ސަބަބުން އަސަރު ކުރާކަމަށް ބުނެ މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު މުނައްވަރާ ބައްދަލުކުރުމަށް އެދި އެމްޑީޕީގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް މިދިއަ ބުދަ ދުވަހު ގަވަރުނަރު މުނައްވަރަށް ވަނީ ސިޓީއެއް ފޮނުވާފައި އެވެ.
އެހެން ނަމަވެސް ފޮނުއްވި މި ސިޓީއަށް ޖަވާބު ދެއްވައިފައި ނުވާތީ އެމްޑީޕީގެ ޕާރލަމެންޓް ގުރޫޕުގެ މެންބަރުން ވަނީ ހޯމަ ދުވަހު އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރާ ބައްދަލުކުރެއްވުމަށް، އެމްއެމްއޭއަށް ވަޑައިގެންފަ އެވެ. އެހެން ނަމަވެސް ގަވަރުނަރު ވަނީ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލު ނުކުރައްވާ ފިއްލަވާފައެވެ.
މިކަމާއި ގުޅުވައި ރާއްޖެ އެމްވީއަށް ދެއްވި ބަސްދީގަތުމެއްގައި މެމްބަރު ނާޒިލް ވިދާޅުވީ އެމްޑީޕީ ޕާރލަމެންޓްރީ ގުރޫޕުގެ ފަރާތުން ގަވަރުނަރާއި ބައްދަލުކުރަން ވަޑައިގަތީ ފޮނުވި ސިޓީއަށް ޖަވާބު ނުލިބި ލަސްވާތީ ކަމަށެވެ.
ނާޒިލް ވިދާޅުވީ މެމްބަރުންގެ އިމްތިޔާޒާއި ބެހޭ ގާނޫނުގެ ތެރެއިން އެގޮތަށް އައިސް ބައްްދަލުކުރެވޭނޭ ކަމަށް ވަރަށް ސާފުކޮށް ގާނޫނުގައި ލިޔެވިފައި އޮންނަ ކަމަށެވެ. އެގޮތުގެ މަތިން ބައްދަލުކުރުމަށް އެމްޑީޕީ މެމްބަރުން އެމްއެމްއޭއަށް ވަޑައިގަތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުގެ މަތިން ގަވަރުނަރާއި ބައްދަލުކުރުމަށް އެމްޑީޕީ މެމްބަރުން ދިއަ ނަމަވެސް ގަވަރުނަރު ވަނީ ބައްދަލު ނުކުރައްވާ ފިއްލަވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ ގަވަރުނަރު ވަޑައިގެން އެމްޑީޕީ ޕާރލަމެންޓްގެ ބައެއް މެމްބަރުންނާއި ސަލާމް ވެސް ކުރެއްވި ކަމަށާއި ނަމަވެސް ވަރަށް ކޯފާވެފައި އެޕޮއިންޓްމަންޓް ނުހައްދާ ތިގޮތަށް އައިސްގެން ބައްދަލު ނުކުރެވޭނޭ ކަމަށް ގަވަރުނަރު ވިދާޅުވި ކަމަށެވެ.
" އަޅުގަނޑުމެން ހަނދުމަކޮށްދިނީމު އިމްތިޔާޒާއި ބެހޭ ގާނޫނުގެ ތެރެއިން އެ ފުރުސަތު އޮންނަ ވާހަކަ. އަދި އޭގެ އިތުރުން ސިޓީ ފޮނުވާފަ އޮންނާނެ ވާހަކަ. ތިކަހަލަ ބައިވަރު ސިޓީތަކެއް އާދެއޭ، ނުޖެހޭނޭ ބައްދަލުކުރަން ވެސް، އެކަހަލަ މޭރުމަކުން ވާހަކަފުޅުދެއްކެވީ. އިރުކޮޅެއް ފަހުން އަޅުގަނޑުމެންނަށް އިތުރަކަށް އެއްވެސް ފުރުސަތެއް ނުދެއްވާ ވަޑައިގަތީ. އަޅުގަނޑުމެންނަކަށް ބައްދަލުކުރުމުގެ ފުރުސަތެއް ނުލިބުނު.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް![]()
ނާޒިލް ވިދާޅުވީ ގަވަރުނަރު ފެނިގެން ދިއައީ ވަރަށް ރުންކުރުކޮށް، އަދި އެއްވެސް ހައިސިއްޔަތެއް ނެތް ކަހަލަ ގޮތަކަށް ކަމަށާއި ކަން އެ ކުރެއްވީ ވަރަށް ދެރަކޮށް ކަމަށެވެ.
ނާޒިލް ވިދާޅުވީ ހޯމަ ދުވަހު މަޖިލިސް ތަޅުމުގައި ކުރިއަށް ދިއަ ބަހުސްގައި ވެސް ގަވަރުނަރާއި ބައްދަލުކުރާނެ ވާހަކަ ދަންނަވާފައިވާނެ ކަމަށެވެ. އަދި ގަވަރުނަރާއި ބައްދަލުކުރަން ބޭނުންވީ ރައްޔިތުންގެ ހުރި ގިނަ ކަންބޮޑުވުންތާއި މެދު މަޝްވަރާކުރުމަށް ރައްޔިތުން އެދުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާޒިލް އިތުރަށް ވިދާޅުވީ ތަކުރާރުކޮށް ކޮންމެ ދުަވަހަކު ވެސް ގަވަރުނަރާއި ބައްދަލުކުރުމަށް އެމްއެމްއޭ ކައިރިއަށް އަންނާނޭ ކަމަށާއި އަދި ރާއްޖޭގެ ވިޔަފާރިވެރިން ވެސް އެމްޑީޕީ މެމްބަރުންނާއި އެކު އެމްއެމްއޭ ކައިރިއަށް އައުމަށް ނާޒިލް ވަނީ ގޮވާލައްވާފައި އެވެ.