ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވެރިން އިސްވެ ތިބެ އިންޑިއާ ޓޫރިސްޓް މާކެޓަށް ދިން ގެއްލުމުން އަދިވެސް ރާއްޖެ އަށް އަރައި ނުގަނެވޭކަން ތަފާސް ހިސާބުތަކުން ހާމަ ވެއްޖެއެވެ.
2020 އިން 2023 އަށް ވިދިވިދިގެން ތިން އަހަރު އިންޑިއާ އޮތީ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ މާކެޓްގެ ގޮތުގައެވެ.
އެހެން ނަމަވެސް 2024 ގެ ކުރީކޮޅު މުއިއްޒު ސަރުކާރުގައި ހިމެނޭ ބައެއް އިސްވެރިން އިސްކޮށް ތިބެ ސޯޝަލް މީޑިއާ ގައި އިންޑިއާ އަށާއި އިންޑިއާގެ ބޮޑު ވަޒީރަށް އަމާޒު ކޮށް ސޯޝަލް މީޑިއާ ގައި ހިންގި ދަށު ދަރަޖައިގެ ކެމްޕޭން އަކާ ގުޅިގެން ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް ބޮޑުތަނުން ދަށަށް ދިޔައެވެ.
އެ ލިބުނު ގެއްލުންތަކަށް ފަހު، އިންޑިއާ ގެ މާކެޓް ރަނގަޅު ކުރެވޭތޯ ހުސްވި އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާ އަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ނެޓްވޯކިންގ އިވެންޓެއް ވަނީ ބާއްވާފައެވެ. މި އިވެންޓުގައި ގިނަ އަދަދެއްގެ ބޮލީވުޑް ތަރިން ބައިވެރިވެފައިވެއެވެ. މި އިވެންޓުގައި ރައީސް މުޢިއްޒު ގެ އިތުރުން އަނބިކަނބަލުން ސަޖިދާ މުޙައްމަދު ބައިވެރިވެ ވަޑައިގެން ރާއްޖޭގެ އިމޭޖު ރަނގަޅު ކުރެއްވޭތޯ މަސައްކަތް ކުރެއްވި ނަމަވެސް އޭގެ 9 މަސް ދުވަސް ފަހުން ވެސް އެދެވޭ ނަތީޖާ އެއް ފެނިފައި ނުވާ ކަން ފާހަގަ ކުރެވެއެވެ.
މި ޖުލައި މަަހު ސަރުކާރުން އާންމު ކުރި ތަފާސް ހިސާބަށް ބަލާއިރު، އިންޑިއާ މާކެޓް ރޭންކިން ވަނީ 6 ވަނަ އަށް ވެއްޓިފައެވެ.
ތަފާސް ހިސާބަށް ބަލާއިރު 2024 ވަަނަ އަހަރު ޖޫން މަހު އިންޑިއާ އިން ރާއްޖެ އަށް އައި ފަތުރުވެރިންގެ އަދަދަކީ 10،017 އެވެ. މިއަހަރުގެ ޖޫން މަހު އިންޑިއާ އިން 11،070 ފަތުރުވެރިން އައިސްފައިވާ އިރު މާ ބޮޑު ކުރިއެރުމެއް ނޫން ކަން ފާހަގަ ކުރެވެއެވެ. 2024 ވަަނަ އަހަރު އިންޑިއާ އިން ރާއްޖެ އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 63،451 އެވެ.
އަނެއްކޮޅުން 2023 ވަނަ އަހަރު 200،000 އަށްވުރެ ގިނަ ފަތުރުވެރިން އިންޑިއާ އިން ދިވެހިރާއްޖެ އަށް ޒިޔާރަތްކުރިއެވެ. އެ އަހަރުގެ ނިޔަލަށް، ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 11.1 އިންސައްތަ ހިއްސާކޮށް، ޖުމްލަ 209،193 ފަތުރުވެރިން އިންޑިއާ އިން ރާއްޖެ އަށް ޒިޔާރަތް ކުރިއެވެ.
އިންޑިއާ ގެ ފަތުރުވެރިންގެ މާކެޓް ވަރަށް ބޮޑަށް ހީނަރުވެފައި ވާއިރު، "އިންޑިއާ އައުޓް" ސްލޯގަން ގެ ދަށުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ދައުވަތަކަށް އިންޑިއާ ގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިހިނގާ ޖުލައި 25 ން 26 ށް ރާއްޖެ އަށް ޒިޔާރަތް ކުރައްވާ ގޮތައް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ކުރައްވާ ދަތުރުފުޅެކެވެ.
މިއީ ރައީސް މުޢިއްޒުގެ ވެރިކަމުގައި އެމަނިކުފާނު ދިވެހިރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި ހަމައެހެންމެ، މުުއިއްޒު އިސްކޮށް ހުންނަވައިގެން ހިންގެވި، ރާއްޖެ އަށް ބޮޑެތި ގެއްލުންތަކެއް ލިބުނު "އިންޑިއާ އައުޓް" ކެމްޕޭނާއި މި ސަރުކާރުގެ ޕްރޯ ޗައިނާ ސިޔާސަތުގެ ސަބަބުން ދެ ޤައުމުގެ ގުޅުމަށް އައި ހީނަރު ކަމަށް ފަހު ބޮޑު ވަޒީރު ކުރައްވާ ފުރަތަމަ ދަތުރުފުޅު ވެސް މެއެވެ.
ބޮޑު ވަޒީރުގެ މި ދަތުރުފުޅުގެ އަމާޒުތަކުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދުމާއި، އެކުވެރިކަން ބަދަހި ކުރުމާއި، އިތުބާރު އަލުން އުފެއްދުން ހިމެނޭ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.