ރައީސް މުއިއްޒުގެ ސަރުކާރުގައި އުސޫލުން ބޭރުން ބަޖެޓު ހަދައި، އެ ބަޖެޓުން ހިސާބު ދިމާނުވާ ގޮތަށް ހަރަދު ކުރުމުގެ ނަތީޖާއަކީ ''ރައްޔިތުން ގަނަތެޅުން'' ކަމަށް މާލީ ކަންތައްތައް ދިރާސާކުރައްވާ ބޭފުޅެއް ކަމުގައިވާ އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޒަރިޔަންދު ވިދާޅުވީ މިސަރުކާރުގައި ބަޖެޓު ސަރޕްލަސް ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށާއި، ވަމުންދާ ގޮތް އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަރިޔަންދު ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ ސަޅިކެނޑުމުގެ މާހައުލެއް ކަމަށާއި، އެސަޅިއަށް އާއްމު ރައްޔިތުންގެ ތެރެއިން ބައެއް މީހުން އަތް ޖަހާނެ ކަމަށެވެ. އަދި ސިޔާސީ ސަޅި ކަނޑާ ބޭފުޅުން އެގޮތަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑުމެން މިއުޅެނީ އަސްލުގައި ސަޅިކެނޑުމާއި، މީހުން ސަޅި ކެނޑީމަ އެސަޅި ގަބޫލުކޮށްގެން އުޅޭ ކަހަލަ މާހައުލެއްގައި މިއުޅެންޖެހެނީ. ދެން އޭގެއިތުރުން އަދި މިވާ ގޮތަކީ އަޅުގަނޑުމެން އާއްމު މީހުން މި ސަޅި ކަނޑާ މީހުން ސިޔާސީ ސަޅި ކަނޑާ މީހުން ހިތްޕުޅަށް މިއަރާ ވަޑައިގަންނަވަނީ ތިމަންނަ ސިޔާސީ ސަޅި ކެނޑީމަ އަތް ޖަހާނޭ. އެކަމަކު އާއްމު މީހުން އެއަށް ސަޕޯޓު ކުރާނޭ. މިސާލަކަށް ކަނޑުއަޑިން މިބިމު އަޑިން ހޮޅިއެއް ބާނާ ވާހަކަ. ވަރަށް ބައިވަރު ތަރައްގީގެ ވާހަކަތަކެއް ދެއްކިދާނެ. ދެއްކީމަ އެ ވަގުތު މީހުންނަށް އުންމީދުތަކެއް ލިބޭނެ. އެކަމަކު މީގައި މިވާގޮތަކީ ހިސާބަކަށް އޮޅުވާނުލެވޭނެ. ހިސާބު އަކުރުތަކެއް މިއަދު ޖެހިދާނެ. ރައްޔިތުންނަށް ދައްކާނެ ބޮޑެތި އަދަދުތަކެއް.
މާލީ ކަންތައްތައް ދިރާސާކުރައްވާ ބޭފުޅެއް ކަމުގައިވާ އިސްމާއިލް ޒަރިޔަންދު![]()
ރާއްޖޭގެ ބަޖެޓަށް އިޝާރާތް ކުރައްވައި ޒަރިޔަންދު ވިދާޅުވީ ރާއްޖޭގެ އާއްމު ރައްޔިތުން މީހާ، ވިޔަފާރި ކުރާ މީހާ، ބޭރުން އެއްޗަކަށް އޯޑަރު ޖަހާ މީހާ، ޑޮލަރު ގަންނަން ބޭނުންވެގެން އުޅޭ މީހާ އަދި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރަން މަސައްކަތް ކުރާ މީހާއަށް ރަނގަޅު އިހުސާސްތަކެއް ނުކުރެވޭ ކަމަށެވެ. ހުރިހާ ކަމެއްގައި އުދަނގޫވެފައިވާ ކަމަށާއި، ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަރިޔަންދު ވިދާޅުވީ މިސަރުކާރުގައި ރައްޔިތުން ގަނަތެޅެންޖެހިފައިވާ ކަމަށާއި، އެއީ ބަޖެޓު ނުބައިކޮށް ހަދައި، ހިސާބު ދިމާނުވާ ގޮތަށް ބެޖެޓުން ހަރަދުކުމުގެ ނަތީޖާ ކަމަށެވެ.
ބަޖެޓު ހެދުމުގައި ބެލެހެއްޓުމުގައި ދުވަސްކޮޅަކު އުޅުނިން. އަޅުގަނޑަށް ފާހަގަކުރެވޭ އެއް ކަމަކަށްމިވާ ގޮތަކީ ރާއްޖޭގެ ރައްޔިތުން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރޭ އެމީހުން ގުޅުންހުރި ކަމެއް ކަމަކަށް މިނިސްޓްރީ އޮފް ފިނޭންސްއިން އެހަދާ ބަޖެޓަކީ. އެމީހުންނާ ގުޅުންހުރި ކަމެއް ކަމަށް ބަޖެޓާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގައި އެދެކެވޭ ވާހަކައަކީ. އެހެނެއް ނޫން އެނގޭތޯ. 100 ޕަސެންޓް ދިވެހިރާއްޖޭގެ ކުރިއެރުމާއި، އާއްމު ރައްޔިތު މީހާގެ ޖީބަށް އިތުރުވާ ފައިސާއާއި އެހުރިހާ ކަމަކަށް ގުޅުވާފައި ހުރި ކަންތައް އެ ނިންމާ ފުރަތަމަ ސިޔާސަތަކީ ބަޖެޓު. އެހެންވީމަ މި ބަޖެޓުގެ އަދަދުތައް އެކި ގޮތްގޮތަަށް ޖައްސަވައިގެން އޮޅުވާލައިގެން ވާހަކަ ދެއްކެވިއަސް އާއްމު ރައްޔިތު މީހާ މިއަދު ކުރާ އިހުސާސް.
މާލީ ކަންތައްތައް ދިރާސާކުރައްވާ ބޭފުޅެއް ކަމުގައިވާ އިސްމާއިލް ޒަރިޔަންދު![]()
ރާއްޖޭގައި މިހާތަނަށް ފާސް ކުރި އެންމެ ބޮޑު ދައުލަތުގެ ބަޖެޓް 2025 ވަނަ އަހަރަށް ފާސް ކޮށްފައި ވާއިރު، ބަޖެޓުން ތަރައްގީ އަށް ކުރާ ޚަރަދު ބޮޑު ތަނުން ދަށަށް ގޮސްފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ވަނީ ހާމަވެފައެވެ.
މީގެ ކުރިއާ ޚިލާފަށް މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ ފްރޮޖެކްޓް ތަކުގެ ތަފްސީލު ވެސް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައެއް ނުވެއެވެ.
ދައުލަތުގެ ޖުމްލަ ބަޖެޓުގެ ގޮތުގައި 56.6 ބިލިއަން ރުފިޔާ ފާސްކޮށްފައި ވާއިރު އާމްދަނީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވެ އެވެ. ޖުމްލަ ހަރަދުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.