މިމަހުގެ 13 ވަނަ ދުވަހުގެ ރޭ މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާ ދޫކޮށްލާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ފިރިހެން ކުއްޖާއަށް ފަރުވާ ދިނުމަށްފަހު ހޮނިހިރު ދުވަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަނިޔާވި 40 އަހަރުގެ ފިރިހެން މީހާ މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށާއި، ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ދުވަން ނިކުމެ އުޅުނު މީހަކު ކުއްލިއަކަށް މަގުހުރަސްކުރަން އުޅުމުގެ ތެރޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިއަ ސައިކަލެއްގައި ޖެހިގެންނެވެ. ސައިކަލް ވެއްޓުމާއެކު ޖެހިގެންއޮތް ލޭނަށް ކަހާލައިގެން ދިޔަވަގުތު ވަނީ ޕިކަޕެއްގައިވެސް ޖެހިފައެވެ. ޕިކަޕް ވަގުތުން ކޮންޓްރޯލްކުރި ނަމަވެސް ސައިކަލް އޮތީ ޕިކަޕްގެ ދަށުގައެވެ.
މިމަހުގެ 13 ވަނަ ދުވަހުގެ ރޭ 8:15 ހާއިރު ހިނގި މި އެކްސިޑެންޓުގައި ނިޔާވީ ސައިކަލު ދުއްވަން އިން 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދެވެ. އޭނާ އަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމަ އެކަނި ދަރިފުޅެވެ.
ފުލުހުން ދަނީ އެކްސިޑެންޓް ތަހްގީގުކުރަމުންނެވެ. ނިޔާވި ޔޫސުފް އަލްސަން މުހައްމަދު (އަލް) ގެ ޖަނާޒާ، މިމަހުގެ 14 ވީ ހޯމަ ދުވަހުގެ އަސުރު ނަމާދަށް ފަހު ވަނީ ބާއްވާފައެވެ.