ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރަން 2 ފަހަރެއްގެ މަތިން ހިލަބާޖު އަންނަ ހިސާބަށް ދިޔަކަމަށާއި އެހެން ނަމަވެސް ހިލަބާޖު އަދިވެސް ފެންނަވަރު ނުވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ރާއްޖެޓީވީގެ ހާލުކިހިނެއް ޕްރޮގްރާމުގައި ދެއްވި އިންޓަވިއުއެއްގައި އެރަށު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ، ކުރީ ސަރުކާރުގައި ހަވާލުކޮށްފައި އޮތީ ޖިއޯ ބޭގް ޖަހަން ކަމަށާއި އެހެން ނަމަވެސް އެއީ ހައްލެއް ނޫން ކަމަށް ފެންނާތީ މިސަރުކާރުން މިހާރު އޮތީ ބޮޑު ހިލަ ޖަހަން ހުއްދަ ލިބިފައި ކަމަށެވެ. އަދި 2 ފަހަރެއްގެ މަތިން ހިލަބާޖު އަންނަ ހިސާބަށްވެސް ގޮއްސަ މިއަދާ ހަމައަށްވެސް މިކަން ނުވެ އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފުނަދޫގައި ގިރަމުންދާ ސަރަހައްދަކީ މިވަގުތު އެރަށުގެ ނަރުދަމާގެ ޕަމްޕް ސްޓޭޝަންވެސް ހުރި ސަރަހައްދުކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، މިކަމަށް ހައްލެއް ނުލިބިއްޖެ ކަމަށްވަންޔާ ނަރުދަމާގެ ނިޒާމް އެއްކޮށް ހަލާކުވާކަށް ގިނަ ދުވަހެއް ނުނަގާނެ ކަމަށެވެ.
2019 ގައި އޭރު އިބްރާހިމް މޫހައްމަދު ސޯލިހްގެ ވެރިކަމުގައި ސަރުކާރުން ރައީސް އޮފިހުން އޮންނާނެ ހާއްސަ ޕްރޮޖެކްޓެއްގެ ގޮތުގައި މިކަން ކޮށްދިނުމައްޓަކައި ހައުސިން މިނިސްޓްރީއަށް ސިޓިއެއް ފޮނުވާފައި، އެދުވަހުން ފެސިގެންވެސް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން، މި ހުޅަނގު ނިމިގެންދާއިރު އަޅުގަނޑު ގަބޫލުކުރަނީ މި ނަރުދަމާ ނިޒާމުގެ މެއިން ޕަމްޕް ސްޓޭޝަން މޫދާ ހިސާބަށް ގޮސްފިކަމަށް ވަންޔާ އަޅުގަނޑުމެން ރަށުގައި އޮތް މިނިޒާމުގެ ބޭނުމެއް ނެތް.
ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު![]()
އޭނާ ވިދާޅުވީ މިހާރު އެރަށުގައި އޮތް ނަރުދަމާގެ ނިޒާމަކީ ދެގޮތަކަށް ބޭނުންކުރެވޭގޮތައް ތައްޔާރުކޮށްފައިވާ ނިޒާމެއް ކަމަށާއި އޭގެ ތެރެއިން މިހާރު ގިރާ ސަރަހައްދުގައިވާ އެއް އިމާރާތަކީ ފެން ހިންދާ އަދި ގަސްކާނާ ހެދޭގޮތައް ހަދާފައިހުރި އިމާރާތެއް ކަމަށެވެ. އެހެން ނަމަވެސް އެ ނިޒާމުގެ ބޭނުން ކުރަން ފާށާފައި އެއް އަހަރުގެ ތެރޭގައި އެތަން ހަލާކުވެއްޖެ ކަމަށާއި މިހާރު އެއިމާރަތް އޮތީ މޫދުގައިކަން އޭނާ ފާހަގަކުރިއެވެ.
މީގެ އިތުރުން ކައުންސިލް ގެ ރައީސް ވިދާޅުވީ، އެތަނުގެ މުވައްޒަފުންނަށް ކުރެވޭ ވަރަކުން މަސައްކަތް ކުރާކަމަށާއި އެހެން ނަމަވެސް މިއީ ރަށްފުށުގައި ރަށެއްގެ ކައުންސިލަކަށް ނުވަތަ އެތަނެއްގެ މުވައްޒަފުންނައް ކުރެވޭ ވަރަށްވުރެ ބޮޑު ކަމެއް ކަމަށެވެ. އަދި ނަރުދަމާގެ އޮފިސް އިމާރަތްވެސް މިހާރު އެއްބައި މޫދުގައި ހުރިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ އޮފީހުގެ ގުދަން މިހާރު އޮތީ އެއްކޮށް މޫދުގައި ކަމަށެވެ.
މިކަމަކީ އެރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ހައްލެއް ބޭނުންވެފައިވާ އަދި ވަރަށް މުހިންމު ކަމެއް ކަމަށާއި ސަރުކާރަށް މިކަން ނޭންގި ނޯންނާނެކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.