Advertisement
ކ. މާލެ
|
18 ޖުލައި 2025 | ހުކުރު 18:41
މ.ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް މަންޒަރުތައް, ރާއްޖެޓީވީގެ ހާލު ކިހިނެތް ޕްރޮގްރާމްގައި ދައްކާލަނީ
މ.ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް މަންޒަރުތައް, ރާއްޖެޓީވީގެ ހާލު ކިހިނެތް ޕްރޮގްރާމްގައި ދައްކާލަނީ
ރާއްޖެއެމްވީ
ރަތްމަންދޫ އާރްއޯ
" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."
ސަރުކާރު ބަދަލުވި ފަހުން އެތަނުގައި ހުރި ބައެއް ތަކެތި ގެންގޮސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ނާހިދު ވިދާޅުވި
ނާހިދު ވިދާޅުވީ މިމަޝްރޫއުއަކީ ރައްޔިތުން އުންމީދު ކުރާ ކަމެއް ކަމަށެ

މ.ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، އާރްއޯ ޕްލާންޓް ހުރި ބިލްޑިންގައި ހުރި ބައެއް އޭސީތައް އެހެން ރަށްރަށަށް ގެންގޮސްފައިވާކަން ހާމަވެއްޖެއެވެ.

ރާއްޖެޓީވީގެ ހާލު ކިހިނެތް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ކައުންސިލްގެ ރައީސް އިސްމާއިލް ނާހިދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ބަދަލުވިއިރު ވެސް ރަތްމަންދޫގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ވެރިކަން ނިމުމުގެ ކުރިން އޭރު އެ މަސައްކަތަށް ބޭނުންވާ ސާމާނު ރަށަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ އާރްއޯ ޕްލާންޓް ވެސް ނިމިދިޔަ ސަރުކާރުގެ ވެރިކަން ނިމުމުގެ ކުރިން އެ ރަށަށް ގެނެގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނާހިދު ވަނީ އެކަމާއި ގުޅޭ ގޮތުން ކަމާއި ބެހޭ ފަރާތްތަކާއި ސުވާލު ވެސް ކޮށްފައިވާނެ ކަމަށް ފާހަގަކުރައްވާފައެވެ.

ކުރީގެ ރައީސް ޞާލިހުގެ ވެރިކަން ނިމުނު އިރު، އޭރު ނުކުރެވި ހުރީ އިންސްޓޯލް ކުރުމުގެ މަސައްކަތް އެކަނި ކަމަށް ކައުންސިލުން ވަނީ ކުރިން ބުނެފައެވެ. އެހެންނަމަވެސް ސަރުކާރު ބަދަލުވި ފަހުން އެތަނުގައި ހުރި ބައެއް ތަކެތި ގެންގޮސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ނާހިދު ވިދާޅުވިއެވެ.

" މަސައްކަތަށް ބޭނުންވާ އެންމެ އަގު ބޮޑު އެކަތި ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ މި އާރްއޯ ޕްލާންޓްތަކަކީ. ޕްލާންޓް ވެސް މިހުރީ މިކޮޅަށް ގެނެވިފަ. އެކަމަކު ޕްލާންޓުގެ ބައެއް ސާމާނުތައް މި ވަނީ އެހެން ރަށްރަށަށް ގެންދެވިފަ. އަޅުގަނޑަަށް އެކަން ފާހަގަވެގެން ސުވާލު ވެސް ކުރިން މަތީން އާއި." އޭނާ ވިދާޅުވިއެވެ.

އާރްއޯ ޕްލާންޓް ހުރި ބިލްޑިންގައި ހުރި އޭސީތައް ނައްޓާފައިވާކަން އެތަނަށްދިޔަ ރާއްޖެޓީވީގެ ޓީމަށް ވެސް ވަނީ ފާހަގަކުރެވިފައެވެ.

މިކަމާއި ގުޅޭގޮތުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން އާއި ސުވާލުކުރުމުން އާރްއޯ ޕްލާންޓުގެ ތަކެތި ގެންދަނީ އެމްޑަބްލިއުއެސްސީ އާއި ފެނަކަ އާއި ވާހަކަދެކެވިގެން ކަމަށް ފާހަގަކުރައްވާފައިވާ ކަމަށް ނާހިދު ވިދާޅުވިއެވެ.

އެގޮތުން މި ވަގުތު އެތަނުގައި ހުރި ތަކެއްޗަކީ ފެނަކައިގެ ބެލުމުގެ ދަށުގައި ހުރި އެއްޗެހި ކަމަށް ވުމާއި އެކު ފެނަކައިން ބޭނުންވާ ނަަމަ ތަކެތި ގެންދެވޭނެ ކަމަށް ވެސް މަތީން ވިދާޅުވެފައިވާ ކަމަށް ނާހިދު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އާރްއޯ ޕްލާންޓަށް ބޭނުންވާ ތަކެތި އަލުން ގެނެސްގެން ފުރިހަމަ ކުރަން އުނދަނގޫ ވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ތަނަކީ މިއީ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމަށް މުހިންމު ތަނެއްކަން އޭނާ ފާހަގަކުރައްވައެވެ.

"މި ތަނުގެ މަސައްކަތް ހުއްޓިފައި އޮތުމުން ތަނުގައި ވަރަށް ބޮޑަށް ވިނަ ފަޅާފައި އޮތީ. މިހާރު އެއްބައި ނޮޅާފަ މިއޮތީ. މި ވަގުތު ބައެއް މަސައްކަތްތައް އެބަ ދޭ ކުރިއަށް. ބައެއް ތަކެތި ވެސް ގެނެސްފި. އެ ބޭފުޅުން މައުލޫމާތު ދެނީ ވަރަށް އަވަހަށް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް." އޭނާ ވިދާޅުވިއެވެ.

ނާހިދު ވިދާޅުވީ މިމަޝްރޫއުއަކީ ރައްޔިތުން އުންމީދު ކުރާ ކަމެއް ކަމަށެވެ. އެހެންކަމުން މި މަސައްކަތް ދިގުލައިގެން ދިއުމުން ރައްޔިތުންގެ ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް