ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން، އަދި ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި އެވެ.
ސައުދީގެ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ބުރާސްފަތި ދުވަހު ހާމަކޮށްފައިވާ ގޮތުގައި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އާއި، އަލް ޝަރާގެ ފޯނު ކޯލުގައި ވަނީ ސީރިއާގެ މިހާރުގެ ޙާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައި، ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކަވައިފަ އެވެ.
އެ މަޝްވަރާތަކުގައި ވަލީ އަހުދު ވަނީ ސީރިއާގެ ރައީސް އަލް ޝަރާގެ ލީޑާޝިޕްގެ ދަށުން އެ ޤައުމުގެ ސަލާމަތާއިި ރައްކާތެރިކަން ޤާއިމު ކުރުމުގެ ޤާބިލުކަން ހުރި ކަމުގެ ޔަޤީންކަން އޮތް ކަމަށް ވިދާޅުވެފަ އެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ސީރިއާގައި ހަމަނުޖެހުންތަކެއް ހިނގައި، ހަމަލާތަކެއް ބަދަލު ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އެ ފޯނު ކޯލުގައި އަލް ޝަރާ ވަނީ، ސީރިއާގެ ޙާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.
ޓީވީ މެދުވެރިކޮށް އަލް ޝަރާ ދެއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ސްވެއިޑާ ސަރަަހައްދުގެ ސަލާމަތީ ޒިންމާ ދީނީ އިސްވެރިން އަދި ބައެއް ލޯކަލް ފެކްޝަންތަކާ ހަވާލު ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
ދާދި ފަހުން އިސްރާއީލް އިން ވަނީ ސީރިއާގެ އަސްކަރީ ބާރުތަކަށް، އަދި ދިމިސްކުގައި ހުންނަ އަސްކަރީ މައި މަރުކަޒަށް ވެސް ހަމަލާ ދީފަ އެވެ. އެކަމާ ގުޅިގެން ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވަނީ އިސްރާއީލްގެ ހަމަލާތައް ކުށްވެރި ކުރައްވައި، ސީރިއާގެ އެތެރޭގެ ކަންކަމަށް އެހެން ފަރާތްތަކުން ނުފޫޒު ފޯރުވުމާ ދެކޮޅު ހައްދަވާ ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން އެ މަޝްވަރާތަކުގައި ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވަނީ، ސީރިއާގެ އެއްބައިވަންތަކަމާއި، އެޤައުމުގެ ތަރައްޤީ އަށް ސައުދީ އަރަބިއްޔާ އިން ދެމި ތިބޭނެ ކަމުގެ ޔަގީންކަން ވެސް އަލް ޝަރާ އަށް ދެއްވައިފަ އެވެ.
އެ ވާހަކަތަކާ ގުޅިގެން އަލް ޝަރާ ވަނީ ސައުދީ އަރަބިއްޔާ އަށް، އަދި ވަކިން ޚާއްސަކޮށް ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.