އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޤަތަރުގެ ބޮޑު ވަޒީރު މުޙައްމަދު ބިން ޢަބްދުއް ރަޙްމާން ބިން ޖާސިމް އަލް ޘާނީއާ ބައްދަލު ކުރައްވާ ކަމަށް ރިޕޯޓު ކޮށްފި އެވެ.
އެކްސިއޯސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ބުދަ ދުވަހުގެ ވަގުތެއްގައި ޓްރަމްޕް ޤަތަރުގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވާނެ އެވެ. އަދި އެ ބައްދަލުވުމުގައި އިސްރާއީލް އިން ޣައްޒާގައި ހިންގަމުންއ އަންނަ ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ މަސައްކަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެމެރިކާގެ ރައީސް ޓްރަމްޕްގެ ފަރާތުން ވަނީ ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމެއް ހުށަހަޅައިފަ އެވެ. ޓްރަމްޕްގެ ފަރާތުން ހުށަހަޅުއްވާފައިވާ އެ ހުށަހެޅުމުގައި ވަނީ 60 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ މެދު ކަނޑާލުމަށެވެ. އެ ހުށަހެޅުމާ ގުޅޭ ގޮތުން އިސްރާއީލް އާއި ހަމާސްއާ ދެމެދު ކުރިއަށް ގެންދަމުން އަންނަ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަނީ ޤަތަރު އިންނެވެ.
ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރަމުން އަންނަނީ ޤަތަރުގެ ވެރި ރަށް ދޯހާގައި އެވެ. އެ މަޝްވަރާތައް ފެށިގެން ކުރިއަށް ދިޔަ ނަމަވެސް، މަޝްވަރާތަކަށް ކޮންމެ ވެސް ވަރެއްގެ މަޑު ޖެހުމެއް އައިސްފައި ވަނީ އިސްރާއީލް އިން ޣައްޒާގައި ތިބި އެ ޤައުމުގެ ސިފައިން ބާލަން އެއްބަސް ނުވާތީ އެވެ.
މީގެ އިތުރުން ޓްރަމްޕް އާއި ޤަތަރުގެ ބޮޑު ވަޒީރުގެ އެ ބައްދަލުވުމުގައި އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށް ގެންދަމުން އަންނަ ނިއުކްލިއާ މަޝްވަރާތަކުގައި އެއްބަސްވުމަކަށް ވާސިލުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ބައްދަލުވުމަކީ ސަރަހައްްދީ އަމާންކަން ޤާއިމު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މުހިންމު ބައްދަލުވުމަކަށް ވާނެ ކަަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި އެ ބައްދަަލުވުމުގެ ސަބަބުން، ޣައްޒާ ހަނގުރާމަ ހުއްޓުމަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމުގެ އުންމީދު އޮތް ކަމަަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.
ޓްރަމްްޕް ޤަތަރުގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވާއިރު، މިދިޔަ މެއި މަހުގެ ތެރޭގައި ޓްރަމްޕް ވަނީ ޤަތަރަށް ވަޑައިގެންފަ އެވެ. އެއީ ޤަލްފުގެ ޤައުމުތަކަށް ޓްރަމްޕް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ. އެ ދަތުރުފުޅުގައި ޓްރަމްޕް ވަނީ ޤަތަރުގެ އިތުރުން، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް ވެސް ވަޑައިގެންފަ އެވެ.