ޔަމަނުގެ ހޫތީ ބާރުތަކުން ފާއިތުވި ހަފްތާގައި ހަމަލާ ދިން އީޓަރނިޓީ ސީ ކިޔާ އާގު ބޯޓުގައި ބާކީ ތިބި ފަޅުވެރިން ހޯދުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް މެރިޓައިމް އޭޖެންސީތައް ކަމަށްވާ ޑަޔަޕްލޯސް އަދި އެމްބްރީ އިން އާދިއްތަ ދުވަހު ބުނެފިއެވެ.
މި ނިންމުން ނިންމާފައި ވަނީ އުޅަނދުގެ ވެރިފަރާތުގެ އެދުމުގެ މަތިން ކަމަށް މި ދެ އޭޖެންސީން ބުނެފައިވެއެވެ.
ލައިބީރިއާގެ ދިދަ ނަގާފައިވާ، ގްރީސް އިން ދުއްވާ އީޓަރނިޓީ ސީ އުޅަނދު ބުދަ ދުވަހު ހެނދުނު ފެތުނީ ދެ ދުވަހު ވިދިވިދިގެން ދިން ހަމަލާތަކަކަށް ފަހުގައެވެ.
އުޅަނދުގައި ތިބި 22 ފަޅުވެރިންނާއި 3 ގާޑުންގެ ތެރެއިން 10 މީހުން ސަލާމަތް ކުރެވިފައިވެއެވެ. ބާކީ ތިބި 15 މީހުން ގެއްލިފައިވާ ކަމަށް ބެލެވެއެވެ. އޭގެ ތެރެއިން 5 މީހުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ކަނޑުގެ ސަލާމަތީ މަސްދަރުތަކުން ބުނެފައިވެއެވެ. ހޫޘީންގެ ފަރާތުން ބުނެފައި ވަނީ އެމީހުން ފަޅުވެރިންގެ ތެރެއިން ބައެއް މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.
ފަޅުވެރިންގެ ތެރޭގައި ހިމެނެނީ 21 ފިލިޕީންސް މީހުންނާއި އަދި ރަޝިޔާ މީހެކެވެ. އުޅަނދުގައި ތިބި 3 ހަތިޔާރުއެޅި ގާޑުންގެ ތެރޭގައި ހިމެނޭ ގްރީކް މީހަކާ އިންޑިއާ މީހަކުވެސް ސަލާމަތް ކުރެވިފައިވެއެވެ.
"މީހުން ހޯދުމުގެ މަސައްކަތް ހުއްޓާލުމަށް ނިންމާފައިވަނީ އުޅަނދުގެ ވެރިފަރާތުން ހިތާ ދެކޮޅަށް ނަމަވެސް، މި ހާލަތުގައި އެންމެ އިސްކަމެއް ދޭން ޖެހޭނީ ދިރިތިއްބާ ސަލާމަތްކުރެވުނު 10 މީހުން އެއްގަމަށް ގެނައުމަށް ކަމަށް ޤަބޫލުކުރެވޭތީ،" ކަމަށް ކަނޑުގެ ނުރައްކާތައް މެނޭޖު ކުރާ ކުންފުންޏެއް ކަމަށްވާ ޑަޔަޕްލޯސް އަދި ބްރިޓިޝް ސެކިއުރިޓީ ކުންފުނި އެމްބްރީ އިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ހުސްވި ހަފްތާ ގައި ހޫޘީންގެ ފަރާތުން އަދި އިތުރު އުޅަނދަކަށް ހަމަލާދިން ކަމަށް ވެސް ޒިންމާ ނަގާފައިވެއެވެ. އެއީ މެޖިކް ސީސް އުޅަނދަށް ފާއިތުވި އާދިއްތަ ދުވަހު ދިން ހަމަލާއެކެވެ. މެޖިކް ސީސްގެ ހުރިހާ ފަޅުވެރިން ވަނީ އެ އުޅަނދު ފެތުމުގެ ކުރިން ސަލާމަތް ކޮށްފައެވެ.
މި ދެ އުޅަނދަށް ހަމަލާ ދިން އީރާނާ ގުޅުން އޮންނަ ހޫޘީން 2023 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން 2024 ވަނަ އަހަރުގެ ޑިސެމްބަރާ ހަމައަށް 100 އަށްވުރެ ގިނަ އުޅަނދަށް ހަމަލާދީފައިވެއެވެ. ހޫޘީން ބުނެފައި ވަނީ އެމީހުން މި ހަމަލާތައް ދެނީ އިސްރާއީލުން ޣައްޒާ ގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ އާ ދެކޮޅު ހެދުމުގެ ގޮތުންނާއި ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކުރުމުގެ ގޮތުންނެވެ.