Advertisement
ކ. މާލެ
|
13 ޖުލައި 2025 | އާދީއްތަ 19:42
ފަށާއިރު ޕްރޮގްރާމަށް ށ.ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު އިންޓަވިއު ދެއްވަނީ
ފަށާއިރު ޕްރޮގްރާމަށް ށ.ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު އިންޓަވިއު ދެއްވަނީ
އަމްނާ އިމާދު
ށ.ފުނަދޫގެ ތަރައްގީ
ރައީސް މުއިއްޒު ށ.ފުނަދޫއަށް ގިނަ ވައުދުފުޅުތަކެއް ވެވަޑައިގެންނެވި ނަމަވެސް މިހާތަނަށް ދަނޑުގައި ޓާފް އެޅުން ފިޔަވައި އިތުރުކަމެއް ނުވޭ: ކައުންސިލްގެ ރައީސް
ފުނަދޫއަށް މިހައި ބޮޑަށް އިހުމާލުވާނެ ކަމާމެދު އުންމީދެއް ނުކުރަން
ފުނަދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގާފައިވަނީ ކުރީ ސަރުކާރުން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ށ.ފުނަދޫއަށް ގިނަ ވައުދުފުޅުތަކެއް ވެވަޑައިގެންނެވި ނަމަވެސް މިހާތަނަށް ފުޓްބޯޅަދަނޑެއްގައި ޓާފް އެޅުން ފިޔަވައި އިތުރުކަމެއް މި ސަރުކާރަށް ކުރެވިފައިނުވާ ކަމަށް ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ކައުންސިލްގެ ރައީސް އަހުމަދު ވިދާޅުވީ ރައީސް ކަމަށް މުއިއްޒު އިންތިޚާބު ކުރުމަށް ށ.އަތޮޅުގައި އެންމެ އިސްކޮށް މަސައްކަތް ކުރި ޓީމްގައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، ފުނަދޫއަށް މިހައި ބޮޑަށް އިހުމާލުވާނެ ކަމާމެދު އުންމީދުނުކުރާ ކަަމަށެވެ.

އަަހުމަދު ވިދާޅުވީ ރައީސް މުއިއްޒު ފުނަދޫއަށް ގިނަ ވައުފުޅުތަކެއް ވެވަޑައިގެންނެވި ނަމަވެސް މިހާތަނަށް ފުއްދާފައިވަނީ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފުޓްބޯޅަދަނޑެއްގައި ޓާފް އެޅުމުގެ މަސައްކަތް ކަމަށާއި، އެކަން ވެސް ނިންމާލާފައިވަނީ 100 ދުވަސް ފާއިތުވެދިޔަ ފަހުން ކަމަށެވެ. އަދި އޭގެފަހުން އެއްވެސް މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުނަދޫއަށް އެބަހުރި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 14 ނުވަތަ 15 ވަރަކަށް ވައުދުވެވަޑައިގެންނެވި. އޭގެ ތެރެއިން މިފެންނަނީ އެންމެ ވައުދެއް. އެއީ ވެސް 100 ދުވަހުގެ ތެރޭގައި ފުޓްބޯޅަދަނޑެއް. ދަނޑުމިހާރު ވަނީ ނިންމާލެވިފައި. އެހެންނަމަވެސް އެ ފުޓްބޯޅަ ދަނޑަކީ އަދިވެސް އަޅުގަނޑުމެން ބޭނުންވާ ވަރަށް ގިނަ ތަރައްގީ ގެންނަން ޖެހޭ ތަނެއް. އޭގެ ތެރޭގައި ލައިޓް ޖެހުމާއި، އެކަހަލަ ކަންތައްތަކެއް އެބަހުރި. އެކަމަކު ހަމައެކަނި ޓާފް އެޅިފައި.

ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު

ފުނަދޫގެ ހޮސްޕިޓަލަށް އިޝާރާތް ކުރައްވައި އަހުމަދު ވިދާޅުވީ ދާދިފަހުން ރައީސް މުއިއްޒު އެރަށަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅަކާ ގުޅިގެން އެ ހޮސްޕިޓަލްގެ ބިންގާ އެޅުމަށް ކޮނުނު ކަމަށެވެ. ނަމަވެސް އޭރު މަސައްކަތް ދިޔަ ގޮތުންނާއި، ވަސީލަތްތައް ހުރި ގޮތުން މިއީ ރައީސްގެ ދަތުރުފުޅާ ގުޅިގެން ކުރިކަމެއްކަން ހާމަވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސްގެ ދަތުރުފުޅު ލަސްވުމާއި ގުޅިގެން މިހާރު އެމަސައްކަތް ކުރުމަށްއައި ދެތިން މީހުން ވެސް އެރަށުން ގޮސްފައިވާ ކަމަށެވެ.

މި ސަރުކާރުން މިގޮތަށް އަމަލުކުރުމުން އެކަން ބަލައިގަންނަން އުދަނގޫ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުނަދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައެވެ.

ފުނަދޫއަކީ 2800އެއްހާ މީހުންގެ އާބާދީއޮތް ރަށެކެވެ.

- ކޮމެންޓް