ށ.ފުނަދޫގެ ބިމާ ގުޅޭ އެއްވެސް މަސައްކަތެއް ކައުންސިލުން ނުކުރުމަށް ސަރުކާރުން އަންގައިފިއެވެ.
ރާއްޖެއެމްވީއަށް އެރަށު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ ބިމުގެ މައްސަލަ ބޮޑު ކަމަށާއި، އެ މައްސަލައަށް ވަކި ހައްލެއް ލިބޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ.
ބިމާ ގުޅުންހުރި އެއްވެސް މަސައްކަތެއް ނުކުރުމަށް ފިނޭންސް މިނިސްޓްރީން ކައުންސިލަށް އަންގާފައިވާކަން ފާހަގަކުރައްވައި އަހުމަދު ވިދާޅުވީ ކައުންސިލުގެ ބާރުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތައް ހުއްޓާލުމުގެ ވިސްނުން ނެތް ކަމަށެވެ. އެގޮތުން ގާނޫނުން ލިބިދޭ ބާރުގެ ތެރެއިން ގާނޫނީ ލަފައާއި މަޝްވަރާ ހޯދައިގެން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން މިހާރު އަޅުގަނޑުމެންނަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައި ބިމާ ބެހޭ އެއްވެސް މަސައްކަތެއް ނުކުރަން. ދެން އެއީ އަޅުގަނޑުމެން ލޭންޑް ޔޫސް ޕްލޭންގައި ހިމެނޭ ސަރަހައްދެއް ކަމުގައިވާ އެއަރޕޯޓު ސަރަހައްދުގައި ހޮޓާ ރެސްޓައުރެންޓް އެޅުމަށް ދޫކޮށްފައި އޮތް ބިމާ ގުޅޭގޮތުން އަމިއްލަ ފަރާތުން ހުށަހަޅާފައިވާ ޝަކުވާއެއް ބަލަމުންދާތީއާއި އެ ޝަކުވާ ލިބުމާ ހަމައަށް ބެލިބެލުމުގައި ލޭންޑް ޔޫސް ޕްލޭން ފާސްނުވާ ކަމަށް ފިނޭންސް މިނިސްޓްރީން އަޅުގަނޑުމެންނަށް އަންގާފައި އެބައޮތް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ގާނޫނު ހަމަތަކުގެ މަތިން ލޭންޑް ޔޫސް ޕްލޭން ވަނީ ފާސްކުރެވިފައި. އެހެންނަމަވެސް މިއަދު ބިމާ ބެހޭ އެއްވެސް މަސައްކަތެއް ނުކުރަން އަންގާފައިވާތީ އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް މަޑު ޖައްސާލަފައި މިތިބީ.
ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު![]()
އަހުމަދު ވިދާޅުވީ އެރަށުގައި 13 އަހަރު ބަންޑާރަ ގޯތި ދޫކޮށްފައިނުވާ ކަމަށާއި، ފިނޭންސް މިނިސްޓްރީގެ އެ އެންގުމުގެ ސަބަބުން މި މަސައްކަތަށް ވެސް ހުރަސް އެޅިފައިވާ ކަމަށެވެ. އަދި 90 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށާއި، މިއީ ގޯތި ލިބޭ އާއިލާތަކަށް ލިބޭ ދެރައެއް ކަމަށް އަހުމަދު ވިދާޅުވިއެވެ.
މީގެ އިތުރުން އަހުމަދު ވިދާޅުވީ ޓޫރިޒަމަށް ދޫކުރާ ބިންތަކާއި، އެހެނިހެން ވިޔަފާރިތަކަށް ދޫކުރާ ބިންތައް ވެސް އޮތީ ދޫނުކުރެވި ހުއްޓުމަކަށް އައިސްފައި ކަމަށެވެ. މިކަމުގެ ސަބަބުން ރަށަށް ލިބިގެންދާ އާމްދަނީއާއި ވިޔަފާރިއަށް ހުރި ފުރުސަތުތައް ބަންދުވެ، މިކަމަށް ކުރިމަތިލައި މަސައްކަތް ފަށަން ބޭނުންވާ މީހުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ބިން ހިއްކުމުގެ މަޝްރޫއަށް އިޝާރާތްކުރައްވައި އަހުމަދު ވިދާޅުވީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން އެކި ތަރީހުތައް ދީފައިވާ ކަމަށާއި، މިމަހުގެ ފަހުކޮޅު ވެސް ފަށާނެ ކަމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އަމަލީ މަސައްކަތް ފެށޭނެ ކަމުގެ އެއްވެސް އުންމީދީ ކުލަވަރެއް ފެންނަން ނެތް ކަމަށް އަހުމަދު ވިދާޅުވިއެވެ.