Advertisement
ށ. ފުނަދޫ
|
13 ޖުލައި 2025 | އާދީއްތަ 22:02
ފަށާއިރު ޕްރޮގްރާމްގައި ށ.ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވާހަކަދައްކަވަނީ
ފަށާއިރު ޕްރޮގްރާމްގައި ށ.ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ލާމަރުކަޒީ ނިޒާމު
ލާމަރުކަޒީ ނިޒާމު އޮތީ ރަނގަޅަށް، ބާރުތައް ދޫނުކުރެވޭނަމަ ރަށްތައް ތަރައްގީ ނުކުރެވޭނެ: ށ.ފުނަދޫ ކައުންސިލްގެ ރައީސް
މި ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ބައެއް ފިޔަވަޅުތައް އެޅިދާނެ
ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
މި ސަރުކާރުގެ އިސްބޭފުޅުން ކައުންސިލްތަކުގެ މަސައްކަތްތަކާމެދު ސުވާލު އުފައްދާ، މިއީ ވަރަށް ދެރަ މައްސަލައެއް

ލާމަރުކަޒީ ނިޒާމު އޮތީ ރަނގަޅަށް ކަމަށާއި، މިނިޒާމުގެ ދަށުން ބާރުތައް ދޫނުކުރެވޭނަމަ ރަށްތައް ތަރައްގީ ނުކުރެވޭނެ ކަމަށް ށ.ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ކައުންސިލްގެ ރައީސް އަހުމަދު ވިދާޅުވީ 2011 ވަނަ އަހަރުން ފެށިގެން ކައުންސިލްއަށް އިންތިޚާބުވެ މެދުކެނޑުމެއްނެތި މިދާއިރާގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ލާމަރުކަޒީ ނިޒާމު އޮތީ ރަނގަޅަށްކަން ފާހަގަކުރައްވައި އަހުމަދު ވިދާޅުވީ ބައެއް ކުދި ބަދަލުތަށް ގެނެވިދާނެ ކަމަށާއި، އިތުރަށް ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އެޅިދާނެ ކަމަށެވެ. އަދި ބައެއް ރަށްރަށުގެ އާބާދީއަށް ބަލައި، ކައުންސިލަރުންގެ އަދަދު 5 އަކުން 3 އަކަށް ބަދަލު ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މި ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިކޮށް، ކައުންސިލްތަކަށް ލިބިދީފައިވާ ލޭންޑް ޔޫސް ޕްލޭންގެ ބާރު ނަގައި، ދަތި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަހުމަދު ވިދާޅުވިއެވެ.

އަޅުގަނޑަކީ 2011 ގައި ފުރަތަމަ ކައުންސިލް އިންތިޚާބު އައިރުގައި މިފުރުސަތު ރައްޔިތުން ދިން މީހެއް. އެގޮތުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ތަޖުރިބާތަކެއް ކުރެވިފައިވަނީ. މިހާރު ގާތްގަނޑަކަށް ދެތިން ސަރުކާރެއް މިދަނީ. ހުރިހާ ސަރުކާރެއްގައި ވެސް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވުނު. އޭގެތެރޭގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ކޮންމެ ސަރުކާރަކުން ވެސް އެބަހުރި ޗެލަންޖަސް. މި ނިޒާމުގައި އެބަހުރި ޗެލަންޖަސް. އެ ޗެލަންޖަސްތަކުގައި ވަރަށް ބޮޑަށް ފައިޓް ކުރެވިފައި ހުންނާނެ ހުރިހާ ސަރުކާރެއްގައި ވެސް. އެހެންނަމަވެސް މި ނިޒާމު މިދަނީ އަޅުގަނޑަށް ދެންނެވޭނީ އެސަރުކާރެއްގައި އޮންނަ މަޖިލިސް މެޖޯރިޓީއަށް ބަލާފައި އެބޭފުޅުން ބޭނުންވާ ހުރިހާ ކަމެއް ކުރަމުން. މިއަދު އަޅުގަނޑަށް ފާހަގަކޮށްލެވޭ.

ށ.ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު

އަހުމަދު ވިދާޅުވީ މިސަރުކާރުގެ އިސްބޭފުޅުން ކައުންސިލްތަކުގެ މަސައްކަތްތަކާމެދު ސުވާލު އުފައްދާ ކަމަށާއި، މިއީ ވަރަށް ދެރަ މައްސަލައެއް ކަަމަށެވެ. މަދު ކައުންސިލަކުން ނުރަނގަޅު ގޮތަކަށް މަސައްކަތް ކުރި ނަމަވެސް ގިނަ ކައުންސިލްތަކުން ރަށާއި، ރައްޔިތުންނަށް ފައިދާވާ ގޮތަށް ތަރައްގީއަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުނަަދޫގެ ތަރައްގީއަށް އިޝާރާތް ކުރައްވައި އަހުމަދު ވިދާޅުވީ ކައުންސިލަރުން އިންތިޚާބު ކުރުމުގެ ކުރިން ރަށްރަށުގެ ހާލަތު ތަސައްވުރު ކުރަންޖެހޭ ކަމަށެވެ. ކުޑަ މިސާލަކަށް އަލިއަޅުއްވާލައްވައި އޭނާ ވިދާޅުވީ އެރަށުގައި ކައުންސިލަރުން އިންތިޚާބު ކުރުމުގެ ކުރިން ކުނި މެނޭޖްކުރުމުގައި އެއްވެސް އުސޫލެއް ނެތް ކަމަށާއި، ކުނި އަޅަމުންދިޔައީ ރަށުގެ އެތަންމިތަނަށް ކަމަށެވެ. ނަމަވެސް ކައުންސިލްތަކާއެކު އެފަދަ ގިނަ މައްސަލަތައް ހައްލުވެ، ގިނަ ކަންކަން ހަރުދަނާ ވެގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ މި ނިޒާމުގެ ތެރެއިން ބާރު ލިބެންޖެހޭ ކަމަށާއި، ރައްޔިތުންގެ ބާރުވެރިކަމާއެކު ނޫނީ ރަށްތައް ތަރައްގީ ނުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން އަހުމަދު ވިދާޅުވީ ދައުލަތުގެ ބަޖެޓުން 5 ޕަސެންޓް ކައުންސިލްތަކަށް އޮތުމުން އެކަމުގެ ކަންބޮޑުވުން ސަރުކާރުން ފާޅުކޮށް، އެ ކުޑަ ކުރުމަށް މަސައްކަތް ކުރުމަކީ ލަދުވެތި ކަމެއް ކަމަށެވެ. ހަރަދު ބޮޑު ވާހަކަ ދައްކާއިރު، މިސަރުކާރުގެ ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރު ކަމަށާއި، އެ ދައްކާ ވާހަކަތައް ދިމާނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް