ޣައްޒާ ހަނގުރާމަ މެދުކަނޑާލަން ކުރެވޭ މަޝްވަރާތައް ހުއްޓިފައި ވަނީ ޣައްޒާ ގައި ތިބި އިސްރާއީލު ސިފައިން ގެންދަން އެއްބަސް ނުވުން ކަމަށް ރިޕޯޓް ތައް ބުނެފިއެވެ.
ފަލަސްތީނުގެ ދިފާއީ ޖަމާއަތް ހަމާސް އާއި ޒަޔަނިސްޓް ދައުލަތާ ދެމެދު ކުރެވޭ ނުސީދާ މަޝްވަރާތައް ގަތަރު ގައި ފަށާފައި ވަނީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ޣައްޒާ ގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވޭތޯ ބެލުމަށެވެ.
60 ދުވަހުގެ ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަކަށް އައުމާއެކު ހަމާސް އިން ހިފަހައްޓާފައިވާ އިސްރާއީލުގެ ރަހީނުން ގެ ތެރެއިން 10 މީހުން ދޫކޮށްލާނެ ކަމަށް ހަމާސް އިންނާއި އިސްރާއީލުން ވަނީ އިއުލާނު ކޮށްފައެވެ.
ނަމަވެސް މައުލޫމާތު ލިބިފައިވާ ފަލަސްތީނުގެ މަސްދަރަކުން އޭޭއެފްޕީ އަށް ހޮނިހިރު ދުވަހު ބުނެފައި ވަނީ، ޣައްޒާ ގައި ތިބި އިސްރާއީލުގެ ހުރިހާ ސިފައިން ގެންދިއުމަށް އިސްރާއީލުން އިންކާރު ކުރުމުގެ ސަބަބުން އެއްބަސްވުމަކަށް އާދެވުމަށް ހުރަސް އެޅިފައިވާ ކަމަށެވެ.
"ދޯހާގައި ކުރެވޭ މަޝްވަރާ ތަކަށް ހުރަސްއެޅި، އުނދަގޫ ތަކެއް ކުރިމަތިވެފައި ވަނީ ހުކުރު ދުވަހުން ފެށިގެން އިސްރާއީލުން ހުށަހަޅާފައިވާ ސިފައިން ގެންދިއުމުގެ ޗާޓެއްގެ ސަބަބުންނެވެ. އެއީ ހަޤީޤަތުގައި ސިފައިން ގެންދިއުމުގެ ޗާޓެއް ނޫނެވެ. އިސްރާއީލުގެ ސިފައިން އަލުން ގާއިމުކޮށް ބައިތިއްބާނެ ތަންތަން ދައްކުވައިދޭ ޗާޓެކެވެ،" އެ މަސްދަރު ބުނިކަމަށް އޭއެފްޕީން ރިޕޯޓު ކޮށްފައިވެއެވެ.
ހަމާސް އިން ބުނެފައި ވަނީ އެ ޖަމާއަތުން ބޭނުން ވަނީ 2.3 މިލިއަނަށްވުރެ ގިނަ ފަލަސްތީނު މީހުން ދިރިއުޅޭ ޣައްޒާ އިން އިސްރާއީލުގެ ސިފައިން މުޅިން ގެންދިއުމަށް ކަމަށެވެ.
ނަމަވެސް އިސްރާއީލުގެ ވަފުދުން މަޝްވަރާތަކުގައި ހުށަހެޅި ޗާޓުގައި ޣައްޒާ ގެ 40 އިންސައްތަ އަށް ވުރެ ބޮޑު ސަރަހައްދުގައި އެ ޤައުމުގެ ސިފައިން ބޭތިއްބުމަށް ހުށަހަޅާފައިވާ ކަމަށް އެ މަސްދަރުން އޭއެފްޕީ އަށް ބުނެފައިވެއެވެ.
"ހަމާސްގެ ވަފުދުން އިސްރާއީލުން ހުށަހަޅާފައިވާ ޗާޓު ބަލައެއް ނުގަންނާނެއެވެ... އެއީ، އަސާސީ ގޮތުން ޣައްޒާ ގެ ދެބައިކުޅަ އެއްބައި އަލުން އިސްރާއީލުން އަތުލުމަށް ހުއްދަ ދިނުން ފަދަ ކަމެއް ކަމަށާއި، ޣައްޒާ އެކަހެރިކޮށް، އެއްވެސް މަގެއް ނެތި، އަދި މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ނެތް ސަރަހައްދަކަށް ބަދަލު ކުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ،" އެ މަސްދަރުން އިތުރަށް ބުނެފައިވެއެވެ.
މެދުވެރިން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު، ސްޓީވް ވިޓްކޮފް، ދޯހާ އަށް ވަޑައިގަންނަވަން ދެން މަޝްވަރާތައް ފަސް ކުރުމަށް ދެފަރާތުގައި އެދިފައެވެ.
ފަލަސްތީނުގެ އެހެން މަސްދަރެއްގެ ބަހުން، އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ދޫކޮށްލުމާއި ޣައްޒާ އަށް އިތުރު އެހީ ފޯރުކޮށްދިނުމުގެ ޕްލޭންތަކާ ބެހޭ ގޮތުން "ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް" ވަނީ ލިބިފައެވެ.
ނަމަވެސް އެ މަސްދަރުން ބުނެފައި ވަނީ އިސްރާއީލުގެ ވަފުދަށް އެއްވެސް އިޚްތިޔާރެއް، ބާރެއް ނެތް ކަމަށާއި، އެއްބަސްވުމަކަށް އައުމަށް ހުރަސް އަޅަމުން ދަނީ ނަސްލު ނައްތާލުމުގެ ހަނގުރާމަ ކުރިއަށް ގެންދިއުމަށްޓަކައި" ކަމަށެވެ.
ޣައްޒާ ގެ ސިއްހަތާ ބެހޭ މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު އިސްރާއީލުން ޣައްޒާ ގައި ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުގެ ހަމަލާ ތަކުގައި، މަދުވެގެން 57،762 ފަލަސްތީނު މީހުން ޝަހީދުކޮށް، 137،656 މީހުން ޒަޚަމް ކޮށްލާފައިވެއެވެ.