"ގަރުދިޔައާއި ބަތާ ކައްކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ރައްޔިތުން ތިރިވެލަން ޖެހޭ" ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވި ވާހަކަ، ފާހަގަކުރައްވައި، އަނެއްކާ ވެސް އެ ހާލަތު ބައްދަލުކުރީތޯ އައްސަވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ސުވާލު އުފައްދަވައިފި އެވެ.
ޔާމީން އެފަދައިން ވިދާޅުވީ ޑޮލަރުގެ އަގު އުފުލުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި އެކްސް ޕޯސްޓެއްގަ އެވެ.
ޔާމީން ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20ރ. އަށް އުފުލުނީ އެމްއެމްއޭގައި މިވަގުތު ހުންނެވި ގަވަރުނަރު އަހްމަދު މުނައްވަރުގެ ނާގާބިލްކަމުން ކަމަށެވެ.
ޓޫރިޒަމްގެ އޮފް ސީޒަނަށް ވުމުން ޑޮލަރު ލިބޭލެއް މަދުވުމުންނާއި ޑޮލަރު މާރުކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ޑޮލަރު ތަދުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20ރ. އަށް އުފުލުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ޔާމީން ވިދާޅުވީ، ޑޮލަރުގެ އަގު އުފުލުމުގެ ސަބަބުން އިގްތިޞާދަށާއި، ކޮންޒިއުމާ މާކެޓު ކަމަށްވާ، އާންމު ފަރުދުންގެ މުދަލާއި ޚިދުމަތް ގަތުމަށް ކުރާ ވިޔަފާރިއަށް ނޭދެވޭ އަސަރުކުރަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން އެޕޯސްޓުގައި ޔާމީން ވިދާޅުވީ، ރާއްޖޭގެ ބޭރުގެ ދަރަނި ހުރި މިންވަރާއެކު މިއަހަރު ދަރަންޏަށް 500 މިލިއަން ޑޮލަރު އަދި އަންނަ އަހަރު 1.2 ބިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ. އަދި ޑޮލަރުގެ އަގު 20ރ. އަށް ބޮޑުވުމަކީ މުނައްވަރުގެ ނާގާބިލުކަމާއި ބޭރު ފައިސާއާ ގުޅޭގޮތުން އެމްއެމްއޭއިން އެކުލަވައިލައިފައިވާ ސިޔާސަތުތަކުން މާ ބޮޑު ހެޔޮ އަސަރެއް ނުކުރާކަން ހާމަވާ ކަމެއް ކަން ފާހަގަކުރައްވާ އެމަނިކުފާނުވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
Intl debt servicing this yr is in excess of $500m, nxt yr in excess of $1.2bln. $ parallel mkt at rf 20 n let on a free fall wreaking havoc in de consumer mkt while de Governor lost his battle for a chaperone. Garudhiya time revisited Ali Arif?
— Abdulla Yameen (@prz_ymn) July 11, 2025
މީގެ އިތުރުން، ބޭންކްތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުވައި، މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެކުލަވައިލި ގަވައިދާ އެކު ބޭންކްތަކަށް މާރުކުރާ ޑޮލަރު އިތުރުވި ނަމަވެސް އާންމުންނަށް އެ ގަންނަން ނުލިބޭނެ ކަމަށް މީގެ ކުރިން ޔާމީން ވަނީ ވިދާޅުވެފައެވެ.
ޑޮލަރެއްގެ އަގު 20ރ. އަށް އަރާފައިވާއިރު މިއީ ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރަށް ފަހު ޑޮލަރެެއްގެ އަގު މިހާ މަތިވީ ފުރަތަމަ ފަހަރެވެ. އަދި މިއީ އެންމެ ގިނަ ދުވަސްތަކެއް ވަންދެން ޑޮލަރުގެ އަގު ނުވެއްޓި މިހާ މަތީގައި ހުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.