ކ. މާލެ
|
13 ޖޫން 2025 | ހުކުރު 10:55
ރައީސް ޔާމީން ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ
ރައީސް ޔާމީން ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ
ޕީޕީއެމް
މަޝްރޫޢުތައް ހިންގުމުގައި ޒިންމާދާރު ނުވުން
ސަރުކާރު ކުންފުނިތަކާއި މަޝްރޫޢުތައް ހަވާލުކުރުމަކީ ފޫނެތް ނާށިގަނޑެއް ހިފައިގެން އުޅޭ ބަޔަކާއި މަސައްކަތް ހަވާލުކުރުން - ރައީސް ޔާމީން
ރައީސް ޔާމީން ވަނީ އަމިއްލަ ކުންފުނިތަކާއި މަސައްކަތްތައް ހަވާލުކުރުމަކީ ރާއްޖެ އޮތް ހާލަތުން އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ އަށް ވެސް ރައީސް ޔާމީން ވަނީ ފާޑު ވިދާޅުވެފަ

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މަޝްރޫޢުތައް ހަވާލުކުރުމަކީ ފޫނެތް ނާށިގަނޑެއް ހިފައިގެން އުޅޭ ބަޔަކާއި މަސައްކަތް ހަވާލުކުރުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ސިފަކުރައްވައިފިއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ ސަރުކާރުގެ މަޝްރޫޢުތައް ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކާއި ހަވާލު ކުރަނީ ރަނގަޅަށް ނޫން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގާ ގޮތަށް ވެސް ރައީސް ޔާމީން ވަނީ ފާޑު ވިދާޅުވެފައެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ އަށް ވެސް ރައީސް ޔާމީން ވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން ސްޓެލްކޯ އަށް އެސްޓީއޯ އިން ތެޔޮ ފޯރުކޮށްދެނީ ނުއަގުގައި ކަމަށާއި އޭގެ ދެރަ ނިކަމެތިކަން ނިބެނީ އާއްމު ރައްޔިތުންނަށް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި ސްޓެލްކޯ އިން އެސްޓީއޯގެ ބިލްތައް ނުދައްކާ ހުރި ކަމަށް ފާހަގަކުރައްވާ އެކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

" އެތަނަކީ މާ މޮޅު އެސްއޯއީ އެއް ކަމަށް ދައްކަން މި މަސައްކަތް ކުރައްވަނީ އެކަމަކު ކަން ހިނގަނީ އެހެންނެއް ނޫން." ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ފެނަކަ އަކީ ވެސް ބަނގުރޫޓުވެފައި އޮތްތަނެއް ކަމަށާއި އެތަނުގައި ލިކިއުޑިޓީ އެއް ނެތް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. ފެނަކަ އަކީ އިންތިހާ އަށް ދަރަނި އޮތްތަނެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އަކީ ވެސް އެފަދަ ކުންފުންޏެއް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އާރްޑީސީ ބަލަހައްޓަވާ ވަޒީރަކީ ޑރ.އަބްދުﷲ މުއްތަލިބް ކަމަށް ވާއިރު އާރްޑީސީގައި މަގުތައް ޕޭވްކުރާނެ ފައިސާ ވެސް ނެތް ކަމަށް މުއްތަލިބް ވިދާޅުވެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންކަމަށް ވާއިރު އާރްޑީސީ އަށް ސަރުކާރުގެ ބިނާތައް އެޅުމަށް ހަވާލުކުރުމުން އެކަމާއި މެދު ރައީސް ޔާމީން ވަނީ ފާޑު ވިދާޅުވެފައެވެ.

މީގެ އިތުރުން އެމްޓީސީސީ އަކީ ވެސް އެފަދަ މަސައްކަތްތައް ކުރުމުގެ ޤާބިލްކަން ހުރި ކުންފުންޏެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ ކުންފުނިތަކަށް މަސައްކަތް ދެނީ ސަރުކާރުން މަޝްރޫޢުތައް ހިންގާ ކަމަށް ދެއްކުމުގެ ބޭނުމުގައި އެކަނި ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވަނީ އަމިއްލަ ކުންފުނިތަކާއި މަސައްކަތްތައް ހަވާލުކުރުމަކީ ރާއްޖެ އޮތް ހާލަތުން އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

- ކޮމެންޓް