ކ. މާލެ
|
11 ޖުލައި 2025 | ހުކުރު 15:21
ހަމާސް އިން ވަނީ ފާއިތުވި ދުވަސްތަކުގައި ‘ގޭޓްސް އޮފް ހެލް’ އޮޕަރޭޝަންތަކުގެ ތެރެއިން ޣައްޒާގައި އިސްރާއީލުގެ އިތުރު ސިފައިން މަރާލާފައި
ހަމާސް އިން ވަނީ ފާއިތުވި ދުވަސްތަކުގައި ‘ގޭޓްސް އޮފް ހެލް’ އޮޕަރޭޝަންތަކުގެ ތެރެއިން ޣައްޒާގައި އިސްރާއީލުގެ އިތުރު ސިފައިން މަރާލާފައި
ޕްރެސް ޓީވީ
ޣައްޒާ ހަނގުރާމަ
ހަމާސް އިން ޖާސޫސީ މައުލޫމާތުގެ އެހީގައި އިސްރާއީލުގެ ބާރުތަކަށް ދޭ ހަމަލާތައް ވަރުގަދަ ކޮށްފި: އިސްރާއީލުގެ މީޑިއާ
މި ރިޕޯޓުގައި ބުނެފައިވަނީ ޙަމާސް އިން ވަނީ އައު ފީލްޑް ކޮމާންޑަރުން ޢައްޔަންކޮށް، ޣައްޒާ ސިޓީ އާއި މެދުތެރޭގެ ކޭމްޕްތަކުން ފެށިގެން މައިގަނޑު ހަނގުރާމަ ހިނގާ ސަރަޙައްދުތަކާ ހަމައަށް ގެރިއްލާ އޮޕަރޭޝަންތައް ހިންގުމުގެ ކޮމާންޑް ޗެއިން އެއް އެކުލަވާލާފައި

ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ޖިހާދު ކުރަމުންދާ ޙަމާސް އިން އެ ޖަމާޢަތުގެ ކޮމާންޑް ސްޓްރަކްޗަރ އަލުން އިންތިޒާމުކޮށް، އައު އިންޓެލިޖެންސްގެ މައްޗަށް ބިނާކޮށް، އިސްރާއީލު ސިފައިންނަށް އަމާޒު ކޮށް ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފި ކަމަށް އިސްރާއީލުގެ މީޑިއާ ރިޕޯޓެއް ބުނެފިއެވެ.

އިސްރާއީލުގެ ވައްލާ ނިއުސް އިން ބައެއް މަސްދަރުތަކަށް ހަވާލާ ދީ ބުނެފައިވާ ގޮތުގައި، ޙަމާސް ގެ އަސްކަރީ ވިންގް ކަމުގައިވާ ޤައްސާމް ބްރިގޭޑްސްގެ ކޮމާންޑަރެއް ކަމުގައިވާ ޢިއްޒުއްދީން އަލް-ޙައްދާދު، ޣައްްޒާގެ އެކި ސަރަޙައްދުތަކުގައި އިސްރާއީލު ސިފައިންގެ ޙަރަކާތްތަކާ ބެހޭ ވަރަށް ސާފު އިންޓެލިޖެންސް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"މި އިންޓެލިޖެންސްގެ ސަބަބުން ފަލަސްތީނު ޖަމާޢަތަށް ވަނީ ސްނައިޕަރ ހަމަލާ އާއި، އެންޓި-ޓޭންކް މިސައިލް ޙަމަލާތަކާއި، އަދި ލުއި ހަތިޔާރުން ފެށިގެން މޯޓަރ ޝެލިންގ އާ ހަމައަށް އެކި ބާވަތުގެ ގޮވާ ތަކެތި ބޭނުން ކޮށްގެން ވިލަރެސްކުރެވިފައިވާ ޙަމަލާތައް ދެވިފައެވެ."

މި ރިޕޯޓުގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި ޙަމާސް އިން ވަނީ އައު ފީލްޑް ކޮމާންޑަރުން ޢައްޔަންކޮށް، ޣައްޒާ ސިޓީ އާއި މެދުތެރޭގެ ކޭމްޕްތަކުން ފެށިގެން މައިގަނޑު ހަނގުރާމަ ހިނގާ ސަރަޙައްދުތަކާ ހަމައަށް ގެރިއްލާ އޮޕަރޭޝަންތައް ހިންގުމުގެ ކޮމާންޑް ޗެއިން އެއް އެކުލަވާލާފައެވެ.

މިކަން ހާމަ ކޮށްފައި މިވަނީ އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހަނގުރާމައިގެ ސިޔާސަތުތަކާ ދެކޮޅަށް މިހާތަނަށް ނުފެންނަވަރުގެ ސީރިއަސް ފާޑުކިޔުންތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އިސްރާއީލުގެ ކޮލަމިސްޓް ނަދަވް އެޔަލް، އިސްރާއީލުގެ ނޫހެއް ކަމުގައިވާ ޔެދިއޮތް އަހްރޮނޮތް ގައި ޝާއިޢު ކުރި ފާޑު ކިޔުމުގެ ލިޔުމެއްގައި ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމަ އަކީ އިސްރާއީލަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެފައިވާ ވަސީލަތްތައް ހުސްވަމުންދާ، ނިމުމެއް ނެތް ޙާލަތަކަށް ވެއްޓިފައިވާ މަރުގެ ދަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ވޮޝިންގްޓަނުން "އިޚްލާސްތެރި އެހީތެރިކަން" އިސްރާއީލަށް ދޭނެކަމުގެ ޔަޤީންކަން ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް، އެ ލިޔުމުގައިވާ ގޮތުން ޣައްޒާ ގައި އިސްރާއީލުން ގެންގުޅޭ މުޅި ސްޓްރެޓެޖީއާ މެދު ބޮޑެތި ޝައްކުތަކެއް އެބަހުއްޓެވެ.

"ޙަމާސް އަތުން ހަތިޔާރު އަތުލުން" ނުވަތަ "ޙަމާސް ގެ ވެރިކަން ނިމުމަކަށް ގެނައުން" ފަދަ ޝިޢާރު ތަކަކީ ޙަޤީޤީ މާނައެއް ނެތް އެއްޗެހި ކަމަށް އޭނާ ލިޔެފައިވެއެވެ. މިއީ އިސްރާއީލު "ވިއެޓްނާމްގެ ހާލަތައް" ވައްޓާލައި، އެއިން ނުކުމެވޭނެ ގޮތެއް ނެތް ޙާލަތަކަށް ގެންދިއުން ކަމުގައި އޭނާ ސިފަކުރިއެވެ.

އޭނާ އިސްރާއީލުގެ ސަރުކާރުގެ ވާހަކަތަކަށް ގޮންޖަހައި، ސާފުކޮށް ބުނެފައިވަނީ: "ޙަމާސް ބަލި ކޮށްލެވިފައި ނުވާ ކަމަށެވެ."

ސިފައިންގެ ތަފާސް ހިސާބު ތަކަށް ޙަވާލާދީ، އެޔަލް ހާމަކުރި ގޮތުގައި މާރޗް މަހުން ފެށިގެން 38 އިސްރާއީލު ސިފައިން މަރުވެފައި ވެއެވެ. މިއިން ދޭހަ ވަނީ ޙަމާސްގެ އަސްކަރީ ޤާބިލުކަން އެކަށީގެންވާ މިންވަރަކަށް ދެމި އޮތްކަމެވެ.

އޭނާ އިތުރަށް ފާހަގަ ކޮށްފައި ވަނީ ފަހަކަށް އައިސް ހިނގި މަރުގެ ހަމަލާތައް ދީފައިވަނީ ބައިތުލް ހަނޫން ފަދަ "ރައްކާތެރި" ކަމަށް އިސްރާއީލުން އިޢުލާނު ކޮށްފައިވާ ސަރަޙައްދުތަކުގައި ކަމަށެވެ.

އިސްރާއީލުގެ ރިޒާވް ސިފައިންގެ ތެރޭގައި ހިމެނޭ މޭޖަރ ޖެނެރަލް ޔިތްޒަކް ބްރިކް، އިބްރީ ބަހުން ނެރޭ މައާރިވް ޑެއިލީ ނޫހަށް ބުނެފައި ވަނީ ޙަމާސް އިން އަލުން ހަނގުރާމައިގެ ކުރީގެ ބާރު ހޯދާފައިވާ ކަމަށެވެ. މިއީ ހިސޯރު ކޮށްފައިވާ ފަލަސްތީނުގެ ސަރަޙައްދުގައި ކުރިއެރުން ލިބެމުންދާ ކަމަށް އިސްރާއީލުގެ ސިފައިން ބުނަމުންދާ ވާހަކަތަކާ ފުށުއަރާ ކަމެކެވެ.

އިސްރާއީލު ސިފައިންނަށް ކުރިމަތިވެފައިވާ ޙަޤީޤަތަކީ "ނުރައްކާތެރި" ކަން ކަމުގައި އޭނާ ބުނެފައިވެއެވެ. އޭނާ އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި ޙަމާސްގައި މިހާރު ގާތްގަނޑަކަށް 40,000 ހަނގުރާމަވެރިން ތިބިކަމަށް ލަފާކުރެވެއެވެ. މިއީ އިސްރާއީލުގެ އަނިޔާވެރިކަން ޣައްޒާ ގައި ފެށުމުގެ ކުރިން ތިބި އަދަދާ އެއްވަރު އަދަދެކެވެ.

ޙަމާސް އިން ދާދި ފަހުން ބުނެފައި ވަނީ "ޖިހާދު ކުރާ ހަނގުރާމަވެރިން ދަނީ އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ނަސްލުގެ ނައްތާލުމުގެ ޢަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިގު ދެމިގެންދާ ހަނގުރާމައެއް ކުރަމުންނެވެ. އަދި ކޮންމެ ދުވަހަކު ހަނގުރާމައިގެ އައު އުކުޅުތައް ބޭނުން ކުރަމުން، ދުޝްމަނުންނަށް ހައިރާންކަން ގެންނަމުންނެވެ."

ފަހަކަށް އައިސް ފަލަސްތީނުގެ ހަނގުރާމަވެރިން ވަނީ އިސްރާއީލުގެ ސިފައިން ވަށައިލާފައިވާ ޣައްޒާގެ ސަރަޙައްދުގައި އިސްރާއީލުގެ އަނިޔާވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ކުއްލި އަކަށް ދޭ ހަމަލާތަކުގެ ސިލްސިލާއެއްގައި ޑަޒަނުން ގުނާލެވޭ އަދަދެއްގެ އިސްރާއީލު ސިފައިން މަރައި ނުވަތަ ޒަޚަމް ކޮށްލާފައެވެ.

ދިރާސާވެރިން ބުނާ ގޮތުގައި، އިސްރާއީލުން ޣައްޒާ އަށް ވައިގެ މަގުންނާއި އަދި އެއްގަމުގެ ޙަމަލާތައް ފެށިތާ 20 މަސްދުވަހަށްވުރެ ގިނަ ދުވަސްވީ ފަހުންވެސް މި ކަންކަމުން ދައްކުވައި ދެނީ ޖިހާދީން ދެމިތިބީ ވަރުގަދަ ކަމާ އަދި ސާބިތުކަމާ އެކުގައި ކަމެވެ.

ފަލަސްތީނު ހަނގުރާމަވެރިންގެ ހަރަކާތްތައް ދިރާސާ ކުރާ ފަރާތެއް ކަމަށްވާ ރާމީ އަބޫ ޒުބައިދާއިން ބުނެފައިވާ ގޮތުގައި ޣައްޒާ އަށް އަރައިގަންނަ އިސްރާއީލީ ބާރުތަކާ ދެކޮޅަށް ފަހަކަށް އައިސް ދީފައިވާ ހަމަލާތަކުން ދައްކުވައި ދެނީ ޙަމާސް "ދިފާޢީ މަރުޙަލާ އިން ޓެކްޓިކަލް ޙަމަލާގެ މޯޑަށް ބަދަލު ވަމުން ދާކަމެވެ."

ޙަމާސް އިން ބުނާ ގޮތުގައި ނަތަންޔާހޫ، ޣައްޒާ ހަނގުރާމަ "މުޅިން ކާމިޔާބު" ވެފައިވާ ކަމަށް ވިދާޅުވާ ވިދާޅުވުމަކީ އޭނާގެ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ހުވަފެނެއް ކަމަށެވެ.

ދިރާސާވެރިން ދެކޭގޮތުގައި އިސްރާއީލަށް ވަނީ ޣައްޒާ ސްޓްރިޕްގައި ހިންގާ އަނިޔާވެރި ހަނގުރާމައިގައި އެ ޤައުމުގެ މަޤްޞަދުތައް ޙާޞިލުކުރުމުގައި ނާކާމިޔާބު ވެފައެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާގެ އެހީތެރިކަމާ އެކު އިސްރާއީލުގެ ސިފައިން ދެމުންދާ އަނިޔާވެރި ޙަމަލާތަކުގައި 57,700 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދު ވެފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 137,600 އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމްވެފައެވެ.

- ކޮމެންޓް