ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 މުސްލިމް ޢިލްމުވެރިންނާއި ދަންނަބޭކަލުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ﷲ އާއި ދެކޮޅަށް ހަނގުރާމަ ކުރާ އަދި ބިމުގައި ފަސާދަ އުފައްދާ ދުޝްމަނުން ކަމަށް ބުނެ ބަޔާނެއް ނެރެފިއެވެ.
މި ބަޔާނުގައި ބުނެފައިވާ ގޮތުގައި، ފަލަސްޠީނުގެ މައްސަލަ އާއި މުޤައްދަސް ބައިތުލް މަޤްދިސްގެ މައްސަލަ އަކީ "އިސްލާމީ އުއްމަތުގެ އިސްކަންދޭ ކަންކަމުގެ އެންމެ ކުރީގައި" އޮތް މައްސަލައެކެވެ. އަދި "ފަލަސްޠީނު ފުރިހަމަ އަށް މިނިވަން ކުރުމާއި ކެންސަރު ފަދަ ޒަޔަނިސްޓު ދައުލަތް ވުޖޫދުން ފުރިހަމަ އަށް ނައްތާލުމާ" ހަމައަށް ޙައްޤު މަގުގައި ކުރާ ޖިހާދު ކުރިއަށް ދާނެ އެވެ.
އިލްމުވެރިންގެ ބަޔާނުގައި އީރާނުގެ އިސްލާމީ އިންޤިލާބުގެ ލީޑަރު އާޔަތުއްﷲ ސައްޔިދު ޢަލީ ޚާމަނާއީގެ ޙިކުމަތްތެރި އަދި ހަރުދަނާ ލީޑަރޝިޕަށް ފުރިހަމަ އަށް ތާއީދު ފާޅުކޮށްފައި ވެއެވެ. އެމަނިކުފާނަކީ އިސްލާމީ އުއްމަތް ހޭލުންތެރި ކުރުވާ އަދި އިސްލާމީ ޢިއްޒަތުގެ ދިދަ އުފުލާ ލީޑަރެއްގެ ގޮތުގައި ބަޔާން ކޮށްފައިވެއެވެ. އެމަނިކުފާނު ވިސްނުންތެރިކަމާއި، ހިތްވަރާއި، ޙިކުމަތާއެކު އިސްލާމީ އުއްމަތުގެ ޢިއްޒަތާއި، ދެމި އޮތުމާއި، އެއްބައިވަންތަ ކަމުގެ މަގު ދައްކަވާ ކަމަށް ވެސް ބުނެފައިވެއެވެ.
މި ބަޔާން ނެރުނީ ޓްރަމްޕް އަދި ނަތަންޔާހޫ އާޔަތު ﷲ ޚާމަނާއި އަވަހާރަކޮށްލުމުގެ ޚިޔާލު ފާޅުކުރައްވާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަ ކުރެވެއެވެ.
މި ބަޔާނުގައި ސޮއިކުރެއްވި އިލްމުވެރިންގެ ތެރޭގައި ޢިރާޤު، ތުރުކީ، ފަލަސްޠީނު، ޕާކިސްތާން، ލީބިޔާ، އިންޑިޔާ، އޮސްޓްރޭލިޔާ، ކެންޔާ، ޢުމާން، ރަޝިޔާ، ސީރިޔާ، އަލްޖީރިޔާ، ލުބުނާން، ބަންގްލަދޭޝް، އަފްޣާނިސްތާން، ޓިއުނީޝިޔާ، ބަޙްރައިން، އެމެރިކާ، ސޫދާން، ޤަޠަރު، ތައިލެންޑް، ޔަމަން، މޮރިޓޭނިޔާ، މިޞްރު، އިންޑޮނޭޝިޔާ، ސެނެގަލް އަދި އުރުދުންގެ ޝީޢާ އަދި ސުންނީ ޢިލްމުވެރިން ހިމެނެއެވެ.
ކީރިތި ޤުރުއާނުގެ އާޔަތްތަކަށް ޙަވާލާދީ، މި ޢިލްމުވެރިން ޓްރަމްޕް އާއި ނަތަންޔާހޫ، އަދި އިސްރާއީލުގެ ވެރިކަމުގެ އެހެން ލީޑަރުންނަކީ "ﷲ އާއި އެކަލާނގެ ރަސޫލާއާ ދެކޮޅަށް ހަނގުރާމަ ކުރާ ދުޝްމަނުން" ކަމަށާއި "ބިމުގައި ފަސާދަ އުފައްދާ މީހުން" ކަމުގައި ބަޔާން ކޮށްފައި ވެއެވެ. އެއީ އެމީހުންނަކީ ފަސާދަ އުފެއްދުމާއި، ލޭއޮހޮރުވުމާއި، އިސްލާމީ ބިންތައް ހިސޯރު ކުރުމާއި، މައުސޫމް ފަލަސްޠީނުގެ ރައްޔިތުން މެރުމާއި، އިންސާނިއްޔަތާ ދެކޮޅު ކުށްތަށް ހިންގާ ބައެއް ކަމަށް ބުނެފައިވެއެވެ.
ޢިލްމުވެރިންގެ މި ބަޔާނުގައި އިސްލާމީ ދުނިޔޭގެ އެންމެހައި މުސްލިމުންނާއި ދަންނަ ބޭކަލުންނަށް ގޮވާލާފައި ވަނީ އެމެރިކާ އާއި އިސްރާއީލާއި އަދި އެމީހުންގެ އެކުވެރިންގެ ރޭވުންތަކާ ކުރިމަތިލުމަށް އެއްބައިވަންތަ ވުމަށެވެ.
"މިއަދު، ކުރިން ބޭނުން ނުވާހާ ބޮޑަށް، އިސްލާމީ އުއްމަތަށް، ފިކުރީ، ... ދީނީ، އަދި ސިޔާސީ އެއްބައިވަންތަ ކަމަށް ބޭނުންވެއެވެ."
ޢިލްމުވެރިން ގޮވާލާފައި ވަނީ ޓްރަމްޕް އާއި ނަތަންޔާހޫ، އަދި އެހެނިހެން އިސްރާއީލުގެ މުޖުރިމު އޮފިޝަލުންނާ މެދު ދަޢުވާ އުފުލުމަށް ވަގުތުން މިނިވަން ބައިނަލް އަޤްވާމީ ޓްރައިބިއުނަލެއް ޤާއިމު ކުރުމަށެވެ.
އިސްރާއީލުން ޖޫން 13 ވަނަ ދުވަހު، އިރާނާ ދެކޮޅަށް ޣައިރު ޤާނޫނީ ހަމަލާއެއް ފަށައިގަތެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ އިސް ކޮމާންޑަރުންނާއި، ނިއުކްލިއަރ ސައިންޓިސްޓުންނާއި، އާންމު ރައްޔިތުން ޝަހީދުވިއެވެ.
ޖޫން 22 ގައި އެމެރިކާ މި ހަނގުރާމަ އަށް ގުޅުނެވެ. އެމެރިކާގެ ބޮންއަޅާ މަތިންދާ ބޯޓުތަކުން އިސްރާއީލަށް މަދަދުވެރި ވުމުގެ ގޮތުން އިރާނުގެ ތިން ނިއުކްލިއަރ ސައިޓަކަށް ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ހަމަލާ ދިނެވެ.