ކ. މާލެ
|
9 ޖުލައި 2025 | ބުދަ 11:38
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
ރޮއިޓަރސް
އެމެރިކާ-އިސްރާއީލް
ޓްރަމްޕާ އެކު މަޝްވަރާ ކުރީ ހަމާސް އަދި އީރާނާ ގުޅޭ ގޮތުން: ނަތަންޔާހޫ
ހަމާސްގެ އަސްކަރީ ޤާބިލުކަން ނައްތާލުމަށް އިސްރާއީލް އިން ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ނަތަންޔާހޫ ވަނީ ވިދާޅުވެފައި.

އެމެރިކާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު މަޝްވަރާ ކުރީ ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތާއި، އީރާންގެ މައްސަލައާ ގުޅޭ ގޮތުން ކަމަށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ ވިދާޅުވީ ޓްރަމްޕާ އެކު ކުރެއްވި މަޝްވަރާތަކުގައި، ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމުގެ މައްސަލަ ހިމެނޭ ކަމަށެވެ. އަދި އެކަމުގައި އަމަލު ކުރާނެ ގޮތަކާއި، އެކަމުގައި ޙައްލު ހޯދޭނެ ގޮތްތަކާ މެދު ވާހަކަ ދެކެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހަމައެހެންމެ، ހަމާސްގެ އަސްކަރީ ޤާބިލުކަން ނައްތާލުމަށް އިސްރާއީލް އިން ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ނަތަންޔާހޫ ވިދާޅުވީ އީރާންގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ، އީރާނާ ދެކޮޅަށް އިސްރާއީލް އިން ހޯދި ބޮޑު ކާމިޔާބާ ގުޅޭ ގޮތުން ވެސް ޓްރަމްޕްއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އިސްރާއީލް އިން އިސްވެ އީރާނަށް ދިން ހަމަލާގެ ސަބަބުން ދެ ޤައުމުގެ ދެ މެދުގައި ހަނގުރާމަ ފެށުނު ފަހުން، އެމެރިކާ އިން ވެސް ވަނީ އީރާންގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދީފަ އެވެ.

ނަތަންޔާހޫ އެމެރިކާ އަށް ކުރެއްބި ދަތުރުފުޅަކީ، އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން ކުރެއްވި ތިން ވަނަ ދަތުރުފުޅެވެ. އެމެރިކާ އަކީ އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވަމުން އަންނަ ޤައުމެވެ. އެމެރިކާ އިން އީރާންގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދިނުމާ ގުޅިގެން، ނަތަންޔާހޫ ވަނީ ޓްރަމްޕް އަށް ޝުކުރު ވެސް އަދާ ކުރައްވައިފަ އެވެ. 

މި ދަތުރުފުޅުގެ ތެރެއިން ނަތަންޔާހޫ ވަނީ، ނޯބެލް ސުލްހައިގެ އިނާމަށް ޓްރަމްޕްގެ ނަން ހުށަހަޅުއްވާފައިވާކަން ވެސް ހާމަކުރައްވައިފަ އެވެ. އަދި ނޯބެލް ސުލްހައިގެ އިނާމު ކޮމެޓީ އަށް އޭނާ ފޮނުއްވި ސިޓީ ވެސް ވަނީ ޓްރަމްޕް އަށް ރައްދު ކުރައްވައިފަ އެވެ.

- ކޮމެންޓް