Advertisement
ކ. މާލެ
|
9 ޖުލައި 2025 | ބުދަ 13:04
މި މައްސަލަ ހުށަހެޅުއްވި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙުމަދު ޝަމްހީދު
މި މައްސަލަ ހުށަހެޅުއްވި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙުމަދު ޝަމްހީދު
ރައްޔިތުންގެ މަޖިލިސް
ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތް
ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތް ދިނުމަށް ދަތިވެ ތަނުގެ ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާ މައްސަލަ ބޭރުކޮށްލައިފި
ބަޖެޓު ނުދޭތީ ޑޮކްޓަރުންނާއި، ސްޕެޝަލިސްޓުންނާއި، ފަންނީ މީހުން ވަޒީފާއަށް ނެގުމަށް ވަނީ ދަތިވެފައި
ހުޅުމާލެ ހޮސްޕިޓަލްގައި މި ވަގުތު ނިއުރޯލޮޖިސްޓެއް ނެތް
ކަރަންޓުގެ މައްސަލައެއް ދިމާވެ، އޯޕީޑީގެ ޚިދުމަތް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލު ކުރަން ޖެހިފައިވޭ

ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތް ދިނުމަށް ދަތިވެ ތަނުގެ ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ބޭރުކޮށްލުމަށް ޕީއެންސީއަށް ނިސްބަތްވާ 37 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ބަހުސް ކުރިއަށް ގެންދިއުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ތަނަކީ ހުޅުމާލެ ކަމަށްވީއިރު، އެތަނުގެ އާބާދީއަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ގާއިމްކޮށް ފެންވަރު ރަނގަޅު ގޮތެއްގައި މެދުނުކެނޑި ފޯރުކޮށްދިނުމަކީ ދައުލަތުގެ ވާޖިބެއް ކަމަށެވެ. ޕްރައިވެޓް ހޮސްޕިޓަލްތަކާއި، ކްލިނިކްތަކުން ހޯދާ ޚިދުމަތުގެ އާސަންދައިން އެއްކޮށް ކަވަރުނުކުރާތީ، ގިނަ ރައްޔިތުން ދާންޖެހިފައިވަނީ ސަރުކާރު ހިންގާ ހޮސްޕިޓަލްތަކަށްކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ހުޅުމާލޭގައި ހުރި ސަރުކާރުގެ ސިއްހީ ޚިދުމަތްދޭ ތަންކަމުގައިވާ ހުޅުމާލޭ ހޮސްޕިޓަލަކީ މަހަކު އެވްރެޖްކޮށް 15،000 އަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކަންދާ ތަނެއް ކަމާއި، މަހަކު އެވަރެޖްކޮށް 330 އަށްވުރެ ގިނަ މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތަނެއް ކަމަށް ބުނެފައިވެއެވެ. އަދި މި ހޮސްޕިޓަލާމެދު އާއްމުންގެ މެދުގައި އެތަކެއް ޝަކުވާތައް އޮތުމާއި، އަދި އެތަނުން ޚިދުމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ގާއިމުކޮށް ނުދިނުމާއި، އެކަށީގެންވާ މިންވަރަށް ބަޖެޓު ނުދޭތީއާއި، ޚިދުމަތް ދިނުމަށް ކޮންމެހެން ބޭނުންވާ ޑޮކްޓަރުންނާއި، ސްޕެޝަލިސްޓުންނާއި، ފަންނީ މީހުން ވަޒީފާއަށް ނެގުމަށް ހުރަސްތަކާކުރިމަތި ވަމުންދާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލާމެދު ހުރި ޝަކުވާތަކާއި ކަންބޮޑުވުންތަކާ ގުޅޭގޮތުން ބުނެފައިވަނީ ހުޅުމާލެ ހޮސްޕިޓަލަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަނެއް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް އެގޮތަށް ޚިދުމަތް ދިނުމަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނެތްކަމާއި، މިހާރު ތިބި މެޑިކަލް އޮފިސަރުންނަކީ ތަނަށް ބޭނުންވާ އަދަދަށްވުރެ މާ މަދު ބައެއްކަމާއި، ގިނައިރު މަސައްކަތް ކުރަންޖެހުމުން ބަލި މީހުން ބެލުމުގައި ފޯކަސް ގެއްލޭކަން، ކުރިންސުރެ ދެމުންއައި އިތުރުގަޑީގެ ފައިސާ ދިނުން ހުއްޓައިލުމާއި ގުޅިގެން ޑޮކްޓަރުން އިތުރަށް މަސައްކަތް ކުރުމަށް ބޭނުންނުވާކަމާއި، އިތުރުގަޑީގެ ފައިސާ ދިނުން ހުއްޓާލުމާ ގުޅިގެން ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމާއި ސްޓޫޑަންޓް ލޯނު ދެއްކުމަށް ބޭނުންވާ ފައިސާ ހޯދުމަށް މުވައްޒަފުން އެހެން ތަންތަނުގައި ވަޒީފާ އަދާކުރަމުންދާކަމާއި، އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓެއް މިވަގުތު ނެތްކަމާއި، ހާޓް އެޓޭކެއް ޖެހިގެން މީހަކު ގެނެވިއްޖެނަމަ ފަރުވާދެވޭނެ ގޮތެއް ނެތްކަމާއި، އައިޖީއެމް ހޮސްޕިޓަލަށް ފޮނުވާލުން ނޫޏް ކަމެއް ނުކުރެވެން ނެތް ކަމަށް ބުނެފައިވެއެވެ. އަދި މިވަގުތު ނިއުރޯލޮޖިސްޓެއް ނެތްކަން ފާހަގަކޮށްފައިވެއެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ ހާލަތު ބަޔާންކޮށް ބުނެފައިވަނީ ޖުލައި މަހުގެ 8 ވަނަ ދުވަހު 1 ގަޑިއިރަށް ޚިދުމަތް މެދުކެނޑިގެން ދިޔަ ކަމަށާއި، އެހެން ދިމާވި ސަބަބަކީ ސަރވާއަށް ދިމާވި މައްސަލައަކުންކަން އެތަނުގެ މީޑިއާ އޮފިޝަލް ހާމަކޮށްފައިވާ ކަމަށާއި، އެފަދަ މައްސަލަތައް ދިމާވަނީ ތަނުގެ ހިންގުން ފުޅާވާ ވަރަކަށް ސާވާ ފަދަ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ތަރައްގީ ކުރެވެމުން ނުދާތީ ކަމަށެވެ.

މީގެ އިތުރުން ޖޫން މަހުގެ 27 ވަނަ ދުވަހު ކަރަންޓުގެ މައްސަލައެއް ދިމާވެ، އޯޕީޑީގެ ޚިދުމަތް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލު ކުރަންޖެހުނު ކަމަށާއި، އެ މައްސަލަ ހައްލުކޮށް އޯޕީޑީ އާއްމު ހާލަތަށް ގެނެވުނީ 6 ގަޑިއިރު ފަހުން ކަން އެނގޭ ކަމަށް މި މައްސަލާގައި ބުނެފައިވެއެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ ޚިދުމަތް ދިނުމަށް ދަތިވެ، ތަނުގެ ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށާއި، ހުޅުމާލެފަދަ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ތަނެއްގައި މިފަދަ ކަންކަން ހިނގުމަކީ ގިނަ އަދަދެއްގެ ރައްޔިތުންނަށް ސިއްހީ ޚިދުމަތް ހޯދަން ނުހަނު ބޮޑަށް ދަތިވެ އެތަނުން ފަރުވާ ހޯދާ މީހުންނާއި އެތަނުގައި އެޑްމިޓްކޮށްފައިވާ މީހުންގެ ހާލަތު ނުރައްކާތެރި ހިސާބަށް ގޮސްދާނެ ކަމެއް ކަމަށެވެ.

މުޖުތަމައުގެ އާއްމު މަސްލަހަތާ ސީދާ ގުޅި، ރައްޔިތުންގެ ކަންބޮޑުވުން ނުހަނު ބޮޑަށް އޮތް ނަމަވެސް މި މައްސަލަ ބަލައި ނުގަތުމަށް ސަރުކާރުގެ މަޖިލިސް މެންބަރުން ނިންމައި ވަނީ މި މައްސަލަ ބޭރުކޮށްލާފައެވެ.

- ކޮމެންޓް