Advertisement
ކ. މާލެ
|
8 ޖުލައި 2025 | އަންގާރަ 17:57
މުހައްމަދު ފަޒީލު ރަޝީދު
މުހައްމަދު ފަޒީލު ރަޝީދު
ރާއްޖެއެމްވީ
މުހައްމަދު ފަޒީލް ރަޝީދު
މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި
އެމްޑަބްލިއުއެސްސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ފަޒީލް މާދަމައިން ފެށިގެން މަގާމުން ވަކިކުރަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ފަޒީލް ރަޝީދު ހަ މަސް ދުވަހު މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ބެހެއްޓުމަށް ފަހު، އެ މަގާމުން ވަކިކޮށްފިއެވެ.

ވަގު ލިޔުންތަކެއް ހުށަހަޅާއިގެން ހުޅުމާލެ ފޭސް ދޭކުން ގޯއްޗެއް ހޯދަން އުޅުނު މައްސަލައިގައި ތުހުމަތު ކުރެވޭ ފަޒީލް ސަސްޕެންޑު ކުރި 19 ޑިސެމްބަރު 2024 ގައެވެ.

އެމްޑަބްލިއުއެސްސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ފަޒީލް މާދަމައިން ފެށިގެން މަގާމުން ވަކިކުރަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އެއީ، ކުންފުނީގެ މަސްލަހަތު ރައްކާތެރިކުރަން ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުމެއް ކަމަށާއި މުޙައްމަދު ފަޒީލުގެ މައްޗަށް ކުރިއަށް ގެންދެވޭ ތަހުގީގާއެކު އިސްމަގާމެއްގެ މުސާރަޔާއެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއް ނޫންކަމުގައި ބޯޑުން ދެކެވަޑައިގަންނަވާ ކަމަށް އެ ޕޯސްޓުގައިވެ އެވެ.

އޭރު ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ ފަޒީލްގެ ކޮއްކޮ އިބްރާހިމް ފަޒުލް ރަޝީދެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ވަޒީރު ބޭފުޅެއްގެ ފެންވަރުގައެވެ. ފަޒުލް ވަނީ މިކޮރަޕްޝަންގެ ތުހުމަތުގައި ސަސްޕެންޑު ކުރުމުން އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ. މި މައްސަލައިގައި ހިމެނޭ ގޯތިތަކުގެ ތެރެއިން އެއް ގޯތީގެ ވެރިފަރާތް ކަމަށް ވަގު ލިޔެކިޔުންތަކެއް ހުށަހެޅި ކަމަށް ތުހުމަތުކުރަނީ ފަޒީލަށެވެ.

މިމައްސަލައިގައި ފަޒުލް މީގެ ކުރިން ވިދާޅުވީ، އެކަމުގައި އޭނާގެ މަސްލަހަތެއް ނެތް ކަމަށާއި އެފަދަ މައްސަލައެއް ފެންމަތިވީ އޭނާގެ ބޭބެއާ ގުޅޭ ގޮތުން ކަމަށްވުމަކީ އިއްތިފާގެއް ކަމަށެވެ. މިމައްސަލަ ޖީނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާއިރު، 20 ޑިސެންބަރ 2024 ވީ ހުކުރު ދުވަހު 20 މީހެއްގެ ޕާސްޕޯޓު ހިފައްޓާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ އިތުރުން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ، މ. ޒޭވަރު 23 ޑިސެންބަރު 2024 ވީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ. އަދި އެ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި ބައެއް އިލެކްޓްރޯނިކް އައިޓަމްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށެވެ.

މިމައްސަލަ ފެންމަތިވުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވަނީ މި ތުހުމަތުތައް ދޮގު ކުރައްވާފައިއެވެ. އަދި މައްސަލަ ޖެހުނު ގޯތީގައި ވަށާފާރު ރޭނުމުގެ ހުއްދަ ވެސް ދޫކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ވަށާފާރު ރޭނުމުގެ ހުއްދަ ނުދޭ ކަމަށް ބުނި ނަމަވެސް މި ބުނާ ގޯތީގައި ވަށާފާރު ހުރީ ރާނާފަ އެވެ. ވަށާފާރު ރޭނި ކަމަށް ތުހުމަތުކުރެވެނީ ފަޒުލްގެ ބޭބެ، ފަޒީލަށެވެ.

- ކޮމެންޓް