Advertisement
ކ. މާލެ
|
8 ޖުލައި 2025 | އަންގާރަ 13:22
ރައްޔިތުން މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
ރައްޔިތުން މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
މަޖިލިސް
އާންމު ވޯޓު
"ދައުރުގެ މެދުތެރެއިން ވެރިކަން ކުރާ މީހާ އާއި މެދު ދެކޭގޮތް ބަލަން އާންމުންގެ ވޯޓަކަށް ދާން ޖެހޭ"
އޭނާ ވިދާޅުވީ ރައްޔިތުންގެ ތެރެއިން ކިތަންމެ ގިނަ ބަޔަކު ބޭނުންވިޔަސް އާންމު ވޯޓެއް ނެގޭނެ ހާލަތެއް މި ބިލުގައި ނެތް ކަމަށް ވިދާޅުވެފަ

ދައުރުގެ މެދުތެރެއިން ވެރިކަން ކުރާ މީހާ އާއި މެދު ދެކޭގޮތް ބަލަން އާންމުންގެ ވޯޓަކަށް ދާން ޖެހޭ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އަމީން ވިދާޅުވީ ދައުރުގެ މެދުތެރެއިން ނަގާ އާންމު ވޯޓުން ވެރިކަން ކުރާ މީހާ އާއި މެދު ނުރުހޭ ކަން އެނގޭ ނަމަ އެ ހާލަތުގައި ރިޔާސީ އިންތިޚާބެއް ބާއްވަން ޖެހޭނެ ކަމަށެވެ. ރައްޔިތުންނަށް ބާރު ދިނުމަކީ އެއީ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.

"ވައުދުތައް ނުފުއްދޭ ނަމަ ދައުރު މެދު ތެެރެއިން ވެސް އިންތިޚާބެއް ބާއްވަންވީ އެ ހާލަތުގައި. ރައްޔިތުންނަށް ބާރު ދޭ ނަމަ." އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ދޭން ބޭނުންވާ ކަންކަމުގައި އާންމު ވޯޓަކަށް ދެކެން ޖެހޭ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ތެރެއިން ކިތަންމެ ގިނަ ބަޔަކު ބޭނުންވިޔަސް އާންމު ވޯޓެއް ނެގޭނެ ހާލަތެއް މި ބިލުގައި ނެތް ކަމަށެވެ.

އެކަމަށް ފުރުސަތު އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަމީން ވަނީ ދައުލަތުން ޚަރަދު ކުރާ ކަންކަމާއި ގުޅުން ހުރި ކަންކަން ފަދަ ރައްޔިތުންނަށް ޚިދުމަތް ކުރުމާއި ގުޅޭ ކަންކަން ރައްޔިތުންގެ އާންމު ވޯޓަކުން ނިންމެންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރިޓަޔަރމަންޓާއި، ސިޔާސީ ޕާޓީތަކާއި ގުޅުން ހުރި ކަންކަމުގައި ވެސް ރައްޔިތުންގެ ބަހެއް ހޯދޭނެ ގޮތެއް އޮތުން މުހިންމު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އާންމު ޚިޔާލު ހޯދުމުގެ ބިލު ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުއެވެ.

ބިލުގައި ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ކަންކަން ވަނީ ބަޔާންކޮށްފައެވެ. އަދި އެކަމާއި ގުޅޭ އުސޫލުތަކުގެ ތަފްސީލް ވެސް ވަނީ ހިމަނާފައެވެ. އެ ބިލުގައި ބުނެފައިވާ ގޮތުން ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމާއި، ގައުމީ މުހިންމު މައްސަލަތަކުގައި، އަދި ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ އެއްވެސް މާއްދާ އަކާއި މެދު މިފަދަ ވޯޓެއް ނެގިދާނެއެވެ.

- ކޮމެންޓް