އިސްރާއީލުން އީރާނުގެ ރައީސް އަވަހާރަ ކޮށްލަން މަސައްކަތް ކުރި ކަމަށް އީރާނުގެ ރައީސް ވިދާޅުވެއްޖެއެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ހޯމަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ، ވޭތުވެދިޔަ މަހު އީރާނާ އެކު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން އޭނާ އަވަހާރަކޮށްލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މި ވާހަކަފުޅުތައް އޭނާ ދެއްކެވީ، އިސްރާއީލުން ޖޫން 13 ވަނަ ދުވަހު އީރާނަށް ދެކޮޅަށް މިހާތަނަށް ފެނިފައި ނުވާ ފަދަ ވަރުގަދަ ހަމަލާތަކެއް ދޭން ފެށިތާ މަހެއްހާ ދުވަސް ފަހުންނެވެ. މި ހަމަލާތަކުގައި އީރާނުގެ ސިފައިންގެ އިސް ވެރިންނާއި ނިއުކްލިއަރ ސައިންޓިސްޓުން އިސްރާއީލުން މަރާލާފައިވެއެވެ.
އިސްރާއީލުގެ މި ހަމަލާތައް ދިނީ ތެހެރާނާއި ވޮޝިންގްޓަނުން ނިއުކްލިއަރ މަޝްވަރާތަކުގެ އައު ބުރެއް ފެށުމަށް ހަމަޖެހިފައިވާ އޮތް ތާރީޚު ގެ ދެ ދުވަސް ކުރިންނެވެ. މި ހަމަލާތަކާ ގުޅިގެން އީރާނުގެ އެޓޮމިކް ޕްރޮގްރާމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އާދެވޭތޯ ކުރެވެމުން ދިޔަ މަޝްވަރާތައް ހުއްޓުމަކަށް އައެވެ.
އެމެރިކާގެ މީޑިއާ ޝަޚުސިއްޔަތެއް ކަމަށްވާ ޓަކަރ ކާލްސަންގެ ސުވާލަކަށް ޖަވާބު ދެއްވަމުން، އިސްރާއީލުން އޭނާ އަވަހާރަ ކޮށްލަން މަސައްކަތް ކުރި ކަމަށް ޤަބޫލުކުރައްވާތޯ ދެންނެވުމުން، ޕެޒެޝްކިއަން ވިދާޅުވީ، އެކަމަށް އިސްރާއީލުން މަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް ނާކާމިޔާބުވީ ކަމުގައެވެ.
"އަޅުގަނޑުގެ ފުރާނަ އަށް ހަމަލާދޭން މަސައްކަތް ކުރީ އެމެރިކާ އެއް ނޫން. އެއީ އިސްރާއީލު. އަޅުގަނޑު އިނީ ބައްދަލުވުމެއްގައި... އަޅުގަނޑުމެން އެ ބައްދަލުވުން ބާއްވަމުން ދިޔަ ސަރަޙައްދަށް ބޮންއަޅަން އެމީހުން މަސައްކަތް ކުރި،" އޭނާ ވިދާޅުވިއެވެ.
މި ހަނގުރާމައިގައި އީރާނުގައި 900 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުގެ ޝަރުޢީ ދާއިރާއިން ބުނެފައިވެއެވެ.
އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން އީރާނުން ދިން ޑްރޯން އަދި މިސައިލް ހަމަލާތަކުގައި އިސްރާއީލުގެ 28 މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުގެ އިދާރާތަކުން ބުނެފައިވެއެވެ.
އީރާނާއި އިސްރާއީލާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގައި އިސްރާއީލުން އެމެރިކާ އާ ގުޅިގެން އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ހަމަލާދީފައިވެއެވެ.
ޖޫން 24 ވަނަ ދުވަހުން ފެށިގެން އީރާނާއި އިސްރާއީލާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ވަނީ ދެމެހެއްޓިފައެވެ.
ޖޫން 16 ވަނަ ދުވަހު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އަވަހާރަކޮށްލުމުގެ ރޭވުންތަކެއް އޮތް ކަމަށް ދޭހަވާ ގޮތައް ވާހަކަ ދައްކަވާފައިވެއެވެ. އަދި އެކަމުން "ހަނގުރާމަ ނިމުމަކަށް އަންނާނެ" ކަމަށް ވިދާޅުވިއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޚާމަނާއީ އަވަހާރަ ކޮށްލުމުގެ ޕްލޭނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެކޮޅު ހައްދަވާފައެވެ.
ކާލްސަން އަށް ދެއްވި އިންޓަވިއުގައި، ޕެޒެޝްކިއަން ވިދާޅުވީ ނަތަންޔާހޫ މެދުއިރުމަތީގައި "ނިމުމެއް ނެތް ހަނގުރާމަތަކުގެ" "އަމިއްލަ އެޖެންޑާއެއް" ކުރިއަށް ގެންދަވާ ކަމަށެވެ. އަދި އެމެރިކާ މި ހަނގުރާމަ ތަކުގެ ތެރެއަށް ވަދެގެން ނުވާނެ ކަމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
"އެމެރިކާ ސަރުކާރުން އެމެރިކާގެ ހަނގުރާމަ ނޫން ހަނގުރާމަ އެއް ގައި ބައިވެރިވުމުން ދުރުހެލިވާންވާނެ. މިއީ ނަތަންޔާހޫގެ ހަނގުރާމަ،" އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އިތުބާރު އަލުން ޤާއިމު ކުރެވޭ ނަމަ، އޭނާގެ ޤައުމަށް ނިއުކްލިއަރ މަޝްވަރާތައް އަލުން ފެށުމުގައި "އެއްވެސް މައްސަލައެއް ނެތް" ކަމަށެވެ.
"މަޝްވަރާތައް އަލުން ފެށުމުގައި އަޅުގަނޑުމެންނަށް އެއްވެސް މައްސަލައެއް ނުފެނޭ،" އީރާނުގެ ރައީސް ވިދާޅުވިއެވެ.
"އެކަމަކު ޝަރުތެއް އެބައޮތް... މަޝްވަރާތައް އަލުން ފެށުމަށް. އަޅުގަނޑުމެންނަށް އެމެރިކާ އަށް އަލުން އިތުބާރު ކުރެވޭނީ ކިހިނެއްތޯ؟"
"އަޅުގަނޑުމެން މަޝްވަރާތަކަށް އަލުން ވަދެ، ދެން މަޝްވަރާތަކުގެ މެދުތެރެއިން އިސްރާއީލުގެ ސަރުކާރަށް އަޅުގަނޑުމެންނަށް އަލުން ހަމަލާދިނުމުގެ ހުއްދަ ނުލިބޭނެކަން އަޅުގަނޑުމެންނަށް ޔަޤީން ކުރެވޭނީ ކިހިނެއްތޯ؟"
ޕެޒެޝްކިއަން އިތުރަށް ވިދާޅުވީ، ތެހެރާނުގެ މައްޗަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނަގައިފިނަމަ، އީރާނުން އެމެރިކާގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލާނެ ކަމަށެވެ.