ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު ހިންގަނީ ލޭންދޭނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ވިދާޅުވީ މި ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން އެއްވެސް ފައިސާއެއް ގައުމަށް ހޯދިފައިނުވާ ކަމަށާއި، ދައުލަތް ހިންގަމުންދަނީ މީހުންގެ ފައިސާއިން ކަމަށެވެ.
މިސަރުކާރުގައި ކޮންޓްރެކްޓަރުންނަށް ފައިސާދޫނުކޮށް ދަތި ކުރަމުންދާ ކަމަށާއި، ގައުމުގެ ދަރަނި ބޮޑު ކުރަމުންދާ ކަމަށް ހުސެއިން ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒަށް ގައުމު ހިންގަން ނޭނގޭ ކަމަށާއި، ސަރުކާރުގައި ތިއްބެވީ ނާގާބިލް ބޭފުޅުން ކަމަށެވެ. އެކަމުގެ ސަބަބުން މިހާރު ގައުމުގެ ކިޔަވާ ކުދިން ވެސް ހާލުގައި ޖެހެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮންޓްރެކްޓަރުންނަށް ފައިސާއެއް ނުދެވުނު. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މިދަނީ ބަގުރޫޓުވުމާ ދިމާލަށް. މިއީ އަނެހެން ލޭންދޭން ސަރުކާރުގެ ގޮތަށް ހިންގާ ސަރުކާރެއް. މީހުންގެ ދަރަނިން މީހުންގެ ފައިސާއިން ކޮންޓްރެކްޓަރުންގެ ފައިސާއިން ހިންގަން އުޅޭ ސަރުކާރެއް މިއީ. ސަރުކާރުން ލޯނު ސްޓޫޑެންޓުންނަށް ދިން ކަމަށް ބުނާއިރު، ސްޓޫޓެންޑް ލޯނު ދީފައި ލާރިއެއް ނުލިބޭ. ނަމެއްގައި މިއިންނަނީ. އިރުއިރުކޮޅާ ސްކީމް އެބައިއުލާން ކުރޭ. މިވެނި ވަރަކަށް ކުދިންނަށް ދީފީމޭ ލޯނުތައް. ބުނާއިރު ފައިސާއެއް ނުދެވޭ. އެކުދިން ތިބީ ހާލުގައި ޖެހިފައި.
ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު![]()
މީގެ އިތުރުން ހުސެއިން ވަނީ އެމްއޭސީއެލ ބިދޭސީ ކުންފުންޏަކާއެކު ހަދާ ސިއްރުވެރި ޑީލަށް ވެސް ފާޑު ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ އެއީ ކޮރަޕްޝަނާއި، ފަސާދައިގެ މުއާމާލަތެއް ކަމަށާއި، ރައްޔިތުންގެ ނަމުގައި ނަގާފައިވާ ދަރަނިން ތަރައްގީކޮށްފައިވާ ދައުލަތުގެ ހަރުމުދާ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ވިއްކާލުމަކީ ދައުލަތަށާއި، ރައްޔިތުންނަށް ދެވޭ ގެއްލުމެއް ކަމަށެވެ.
ހުސެއިން ވިދާޅުވީ ދައުލަތުގެ ހަރުމުދާ ޕްރައިވެޓް ފަރާތްތަކަށް ދޫކުރެވެންވާނީ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުސޫލުން ވާދަވެރިކަމުގެ ތެރެއިން ކަަމަށެވެ.