ރަސްމާލެ މަޝްރޫޢުއަށް ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން އެޑްވާންސް ޕޭމަންޓު ދައްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައިނޭންސް މިނިސްޓްރީއަށް އަންގައިފިކަމަށް ބައެއް މީޑިއާތަކުން ބުނަން ފަށައިފިއެވެ.
މިކަމާއި ގުޅިގެން ރާއްޖެ އެމްވީ އިން ރައީސުލްޖުމްޖުމްހޫރިއްޔާގެ ތަރުޖަމާނު ހީނާ ވަލީދުއާއި ސުވާލުކުރުމުން ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޖުލައި 1، ގައި ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ދައުލަތުގެ ޔޫޒަބަލް ރިޒާވް ނުވަތަ އިންޑިއާއިން ހަމަޖައްސައިދީފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ބޭނުންކޮށްގެން ނަމަވެސް ފުށިދިއްގަރު ޕްރޮޖެކްޓުގެ އެޑްވާންސް ފައިސާ ދައްކަން ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.
މީގެ އިތުރުން ފިނޭންސަށް ފޮނުވި ސިޓީގައި ރައީސް އޮފީހުން އަންގާފައި ވަނީ، ސަރުކާރުގެ އެކި ކުންފުނިތަކުން ނަގަން ހަމަޖެހިފައިވާ ލޯނުތައް ލިބުމުން، އެ ފައިސާ ޔޫޒަބަލް ރިޒާވަށް އަނބުރާ ޑިޕޮސިޓް ކުރުމަށެވެ. "އަދަދު" ނޫހުން ޝާއިއު ކުރި ހަބަރުގައި ބުނީ، ރައީސް އޮފީހުގެ އެ ސިޓީއަކީ ސައްހަ ސިޓީއެއްކަން އެނޫހަށް ކަށަވަރު ވެފައިވާ ކަމަށެވެ.
އަދި ރަސްމާލެ ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ ސަރުކާރު ހިއްސާވާ ފަސް ކުންފުންޏެއް އެކުވެގެން އުފެއްދި މިޑް ފްރީ ޒޯން ކުންފުނިން ކަމަށް ރައީސް މުއިއްޒު ކުރިން އޮތީ ވިދާޅުވެފަ އެވެ. ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ހަރަދުނުކޮށް އަށް މަސް ދުވަހުން ހިއްކައި ނިންމާނެ ކަމަށް ބުނެ ޑިސެމްބަރު 18، 2023، ގައި ހިއްކަން ފެށި ރަސްމާލެ މަޝްރޫއުގެ 80 އިންސައްތަ އަދި ނުނިމެއެވެ.
ސަރުކާރުން މީގެ ކުރިން ބުނީ، މި މަޝްރޫއު ކުރިއަށް ގެންދަނީ ދައުލަތުގެ ޚަރަދުގައި ނޫން ކަމަށާއި ބިން ހިއްކުމަށް ހުރިހާ ޚަރަދެއް ކުރާނީ ސީއެމްސީސީ އިން ކަމަށެވެ.