އޭޝިއަން ޔޫތު ނެޓުބޯޅަ މުބާރާތުގެ ޕްލޭޓް ކެޓަގަރީގެ ދެ ވަނަ ހޯދި ދިވެހި ރާއްޖޭގެ ޤައުމީ ޒުވާން ނެޓު ބޯޅަ ޓީމަށް ހޫނު މަރުޙަބާއެއް ކިޔައިފި އެވެ.
ދެކުނު ކޮރެއާގައި ކުރިއަށް ދިޔަ 21 އަހަރުން ދަށުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ރާއްޖެ ވަނީ މޮޅުވެފަ އެވެ.
ދެ ވަނަ ފަންތީގެ ޓީމުތައް ވާދަ ކުރި ޕްލޭޓް ކެޓަގަރީގެ ފައިނަލްގައި ރާއްޖެ ކުޅެފައި ވަނީ ޕާކިސްތާނާ ދެކޮޅަށެވެ. ފައިނަލްގެ ކުރިން، މުބާރާތުގެ ލީގު ބުރުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފަ އެވެ.
ހުކުރު ދުވަހު ކުޅުނު ފައިނަލް މެޗުގައި ޕާކިސްތާން އިން ވަނީ 60-35 އިން ރާއްޖެ ބަލިކޮށްފަ އެވެ.
މުބާރާތަށް ފަހު ރާއްޖޭގެ ނެޓު ބޯޅަ ޓީމު ވަނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ އައިސްފަ އެވެ. ވެލާނާ އިންޓަަނޭޝަނަލް އެއާޕޯޓުން ޤައުމީ ޓީމަށް މަރުޙަބާ ވިދާޅުވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު، އަދި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އެވެ. މީގެ އިތުރުން ކުޅިވަރު ވުޒާރާގެ އިސްވެރިން އަދި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ އިން ވަނީ ޗައިނީސް ޓައިޕޭގެ އިތުރުން، ޖަޕާން، ސައުދީ އަރަބިއްޔާ އަދި ދެކުނު ކޮރެއާގެ މައްޗަށް ކުރި ހޯދައިފަ އެވެ. ބަލިވެފައި ވަނީ ޕާކިސްތާން އަތުންނެވެ. ސެމީ ފައިނަލްގައި ރާއްޖެ އިން ވަނީ ޗައިނޭސް ޓައިޕޭ ދެ ވަނަ ފަހަރަށް ބަލިކޮށްފަ އެވެ.
މިއީ ބައިނަލްއަޤުވާމީ މުބާރާތެއްގައި ވާދަކޮށް ރާއްޖޭގެ ޒުވާން ނެޓު ބޯޅަ ޓީމު މިހާތަނަށް ހޯދާފައިވާ އެންމެ ރަނގަޅު ކާމިޔާބީ އެވެ.