ކ. މާލެ
|
12 ޖޫން 2023 | ހޯމަ 16:09
ގްރީން ސްޓްރީޓްސްގެ ކޯޗު ލޫނާ މެޗަށްފަހު ރާއްޖެ ޓީވީއަށް އިންޓަރވިއު ދެނީ
ގްރީން ސްޓްރީޓްސްގެ ކޯޗު ލޫނާ މެޗަށްފަހު ރާއްޖެ ޓީވީއަށް އިންޓަރވިއު ދެނީ
ޤައުމީ ނެޓްބޯޅަ މުބާރާތް
މައްސަލަ ދިމާވީ ފިޓްނަސް ދަށްވުމުގެ ސަބަބުން- ގްރީންގެ ކޯޗު ލޫނާ
ފައިނަލްގައި ބަލިވީ 7 ޕޮއިންޓްގެ ތަފާތުން

ޤައުމީ ނެޓްބޯޅަ މުބާރާތުގެ ފައިނަލްގައި ކުޅުދުއްފުށި ޔޫތް އެންޑް ނިއުޖެނެރޭޝަން އަތުން ބަލިވި މައިގަނޑު ސަބަބަކީ ފިޓްނަސް ދަށްވުންކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އައިޝަތު ލޫނާ މޫސާ ބުނެފިއެވެ.

މެޗަށްފަހު ލޫނާ ބުނީ ފައިނަލް މެޗަކީ ވަރަށް އިންޓެންސްކޮށް ދިޔަ މެޗެއްކަމަށެވެ. މެޗު ފަށައިގެން ލީޑެއް ނެގި, ގޭމް ކޮންޓްރޯލްކުރެވި އެކަން ގެއްލިގެން ދިޔަ މައިގަނޑު ސަބަބަކީ ކުޅުންތެރިންގެ ފިޓްނަސްކަމަށް ލޫނާ ބުންޏެވެ. އޭނާ ބުނީ ފަހުން މިސްޓޭކްސްތައް ގިނަވީ ފިޓްނަސް ދަށްވުމުން ކަމަށެވެ. ދޫކޮށްލެވުނު ބޯޅަތައް މިސްވެގެން ދިޔައީ ކަމަށާއި, ޝޫޓިންގވެސް ފަހުން އެކިއުރޭޓް ނުވިކަން ލޫނާ ފާހަގަކުރިއެވެ. މީގެއިތުރުން އޭނާ ބުނީ ލިބުން ވަރަށް މުހިއްމު ދެތިން ބޯޅައެއްވެސް ވާދަވެރި މެޗުގެ ތެރެއިން ގެއްލިގެން ދިޔަކަމަށެވެ.

އެންމެ ބޮޑަށް ފާހަގަކުރެވެނީ ކުޅުންތެރިންގެ ފިޓްނަސް އަންނަންވާ ވަރަށް ނާންނާތީކަމަށް ފަހު ހާފްގައި އެދޫކޮށްލެވެނީ ކޮންމެސްވަރަކަށް.
އައިޝަތު ލޫނާ މޫސާ/ ގްރީން ސްޓްރީޓްސްގެ ކޯޗު

މީގެއިތުރުން ލޫނާގެ އެންމެބޮޑު ކަންބޮޑުވުމަކީ ލީގު ބުރުގައި ޗެމްޕިއަން ކުޅުދުއްފުށިން މެޗު ނުކުޅެ ދޫކޮށްލުމެވެ. އަނިޔާގެ ސަބަބުތަކާހުރެ, ކުޅުންތެރިން ހަމަނުވެގެން ކުޅުދުއްފުށިން ލީގު ބުރުގެ މެޗު ދޫކޮށްލުން އެއީ ދެރައެއްކަމަށް ބުންޏެވެ. ލޫނާ ބުނީ އޭނާގެ ޓީމަކީ މުބާރާތް އިއުލާންކުރީމަ ދެހަފްތާ ތެރޭގައި ޕްރެކްޓިސްކޮށް ރެޑީވެގެން އަންނަ ޓީމެއް ނަމަވެސް ކުޅުދުއްފުށި ޓީމްގައި އޮތީ ޤައުމީ ޓީމްގެ ފުލްޓީމް ކަމަށެވެ. އެޓީމްގެ ކުޅުންތެރިންނަކީ ޤަވާއިދުން ޕްރެކްޓިސް ކުރަމުން އައިސް ފިޓްނަސްވެސް ވަރަށް ރަނގަޅު ކުޅުންތެރިންކަން ފާހަގަކުރަމުން ލޫނާ ބުނީ އެތަފާތުވެސް އަންނާނެކަމަށެވެ. އިތުރު ކޯޓެއް ނެތުމުގެ ކަންބޮޑުވުމާއެކުވެސް ލޫނާ ބުނީ އަމިއްލައަށް މަސައްކަތްކޮށްގެން ފިޓްނަސްއަށް އިތުރަށް ސަމާލުކަން ދޭންޖެހޭކަމަށެވެ. ޤަވާއިދުން ޕްރެލްޓިސް ކުރެވުނީމަ އޭނާގެ ޓީމަށްވެސް ވަރަށްބޮޑު ކުރިއެރުން އަންނާނެ ކަމަށާއި, ވަރަށް ހުނަރުވެރި ތަޖުރިބާބޮޑު ކުޅުންތެރިން ގްރީންގައިވެސް ތިބިކަން ލޫނާ ފާހަގަކުރިއެވެ.

މުބާރާތާ ގުޅޭގޮތުން ލޫނާ ބުނީ ރަނގަޅު ކުރެވޭނެ ކަންކަން ހުއްޓަސް މުބާރާތުގެ އިންތިޒާމްތައް މިފަހަރު ރަނގަޅު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް