ކ. މާލެ
|
13 ޖޫން 2023 | އަންގާރަ 08:35
ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ފަޒްނާ ޖަލީލް
ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ފަޒްނާ ޖަލީލް
ނެޓްބޯޅައަށް އޮތް ޗެލެންޖް
ރާއްޖޭގައި ޓެކްނިކަލް އޮފިޝަލުން ނެތުމަކީ ނެޓްބޯޅައަށް އޮތް ވަރަށްބޮޑު ޗެލެންޖެއް- ފަޒްނާ
ޤައުމީ މުބާރާތަށް ދެ އަމްޕަޔަރުން ބޭރުން ގެނައި

ރާއްޖޭގައި ޓެކްނިކަލް އޮފިޝަލުން ނެތުމަކީ ނެޓްބޯޅައަށް އޮތް ވަރަށްބޮޑު ޗެލެންޖެއްކަމަށް ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ފަޒްނާ ޖަލީލް ވިދާޅުވެއްޖެއެވެ.

ޤައުމީ ނެޓްބޯޅަ މުބާރާތުގެ ފައިނަލް މެޗަށްފަހު ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައި ފަޒްނާ ވިދާޅުވީ މިފަހަރުގެ މުބާރާތްވެސް ކުރިއަށް ގެންދަން ޖެހުނީ ރާއްޖެއިން ބޭރުން ދެ އަމްޕަޔަރުން ގެނެސްގެން ކަމަށެވެ. އަދި މުބާރާތަށް ޓޭބަލް އޮފިޝަލުން ތަމްރީންކޮށްގެންކަމަށެވެ. އަމްޕަޔަރުން ހިމެނޭ ގޮތަށް ރާއްޖޭގެ ޓެކްނިކަލް އޮފިޝަލުން ތަމްރީނުކުރަން މަސައްކަތްތަކެއް ކުރެވޭކަމަށްވެސް ވިދާޅުވިއެވެ. އެކަމަކު ކޯވިޑްގެ ހާލަތަށްފަހު އަދިކިރިޔާ ރަނގަޅަށް ފަށައިގަނެވުނީ ކަމަށާއި, ބޭރުގެ އަމްޕަޔަރުން ނުލާ މުބާރާތްތައް ކުރިއަށް ގެންދަން އުއްމީދުކުރާކަމަށް ވިދާޅުވިއެވެ. ފަޒްނާ ވިދާޅުވީ ބޭރުން އަމްޕަޔަރުން ގެނެސްގެން ދިހަ ބާރަ ދުވަސް ރާއްޖޭގައި ބައިތިއްބަން ޖެހުމުން މުބާރާތަށް ކުރަންޖެހޭ ޚަރަދާ އެއްވަރުގެ ޚަރަދެއް އަމްޕަޔަރުންނަށް ކުރަން ޖެހޭކަމަށެވެ. އޭގެ ބަދަލުގައި އެ ފައިސާ ޝައުޤުހުރި ދިވެހި ކުދިންނަށް ދެވޭގޮތްވުން ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

ޤައުމީ މުބާރާތާ ގުޅޭގޮތުން ވިދާޅުވީ ވޭތުވެދިޔަ ހުރިހާ އަހަރުތަކެއްގެ މުބާރާތްތަކަށް ބަލާފަ ގިނަ ކަންކަން ރަނގަޅުކުރިކަމަށެވެ.

ފާޑުކިއުންތަކަކީ ކުރިއެރުންކަމަށް ބަލައިގެން ވަރަށްގިނަ ކަންކަން ރަނގަޅުކޮށްފަ ހުންނާނެ. މިދިޔަ އަހަރު ރަނގަޅުކުރަން ފެންނަން ހުރި ވަރަށްގިނަ ކަންކަން ރަނގަޅުކުރިން.
ފަޒްނާ ޖަލީލް/ ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް

ނެޓްބޯޅައަކީ ވެސް މުބާރާތްތެރޭގައި ސަޕޯޓަރުން ގިނަ ކުޅިވަރެއްކަން ފާހަގަކުރައްވާ ފަޒްނާ ވިދާޅުވީ ނެޓްބޯޅަ ކުޅޭ މާހައުލަކީ އެކަށީގެންވާ މާހައުލަކަށް ހަދަން މަސައްކަތްކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ދެން އޮންނަ މުބާރާތެއް ކުރިއަށްދާނީ ނެޓްބޯޅަ ކޯޓްގެ ރޮސްޓްރަމްއާވެސް އެކު, ހިތްހަމަޖެހިލައިގެން މެޗުތައް ބަލާލެވޭނެ ކަހަލަ ގޮތަކަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް